ރަމަޞާން މަހާ ދިމާކޮށް އަލް-އަޤްޞާ އަށް ވަނުމުގައި އިޒްރާއިލްއިން އިތުރު ދަތިތައް ކުރިމަތިކުރަނީ
އަލް-އަޤްޞާ މިސްކިތް ހިމެނޭ ކުރީގެ ގުދުސް ސިޓީގެ މަންޒަރެއް

ރަމަޞާން މަހާ ދިމާކޮށް އަލް-އަޤްޞާ އަށް ވަނުމުގައި އިޒްރާއިލްއިން އިތުރު ދަތިތައް ކުރިމަތިކުރަނީ

7 hours ago - 06:01
Feb 25, 2025 - 18:39

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޞާން މަހާ ދިމާކޮށް އަލް-އަޤްސާ މިސްކިތާއި, މިސްކިތް ހިމެނޭ ކުރީގެ ޤުދުސް ސިޓީ ސަރަޙައްދަށް ވަނުމުގައި އާ ދަތިތައް ކުރިމަތި ކުރުމަށް އިޒްރާއިލް ދަނީ ތައްޔާރުވަމުންނެވެ.

އިޒްރާއިލްގެ ޓީވީ, ޗެނަލް 12 ން ބުނި ގޮތުގައި އިޒްރާއިލްގެ ޑިފެންސް މިނިސްޓްރީން އަލް-އަޤްޞާ މިސްކިތް ހިމެނޭ ސަރަޙައްދުގެ ސަލާމަތީ ކަންކަމާގުޅޭ ގޮތުން ގިނަ މަޝްވަރާތަކެއް ކަމާބެހޭ ފަރާތްތަކާއެކު ވަނީ ކޮށްފައެވެ. އޭގެ ތެރޭގައި އިޒްރާއިލްގެ އިންޓެލިޖެންސް އެޖެންސީ 'ޝިންބެޓް', ޕޮލިސް ފޯސް, ޕްރިޒަން އޮތޯރިޓީ އަދި އަސްކަރިއްޔާވެސް ހިމެނެއެވެ.

ދަތިކުރުމުގެ ގޮތުން އެޅުމަށް ކަނޑައަޅާފައިވާ ފިޔަވަޅުތަކާއެކު އަލް-އަޤްޞާ ހިމެނޭ ސަރަޙައްދަށް ވަދެވޭ ފަރާތްތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުކޮށްފައެވެ. އަލް-އަޤްޞާ އަކީ ޙާއްސަކޮށް ރަމަޞާން  މަހު ގިނަ އަދަދެއްގެ މުސްލިމުން އަޅުކަމަށް އެއްވާ މުސްލިމުންގެ ތިންވަނަ ހަރަމްފުޅެވެ.

މީގެ އިތުރުން އާ ފިޔަވަޅުތަކާއެކު އަލް-އަޤްޞާ މިސްކިތައް ވެދެވޭނީ ވަކި އުމުރުފުރާއެއްގެ މީހުންނަށެވެ. އެގޮތުން ހުއްދަ ލިބޭނީ 55 އަހަރުން މަތީގެ ފިރިހެނުންނާއި, 50 އަހަރުން މަތީގެ އަންހެނުން, އަދި 12 އަހަރުން ދަށުގެ ކުޑަކުދިންނަށް އެކަންޏެވެ.

Advertisement
Advertisement

ހުކުރު ދުވަހު ހުކުރު ނަމާދަށް މިސްކިތަށް ވަދެވޭނެ އެންމެ ގިނަ އަދަދުވެސް އިޒްރާއިލްއިން ވަނީ ކަނޑައަޅާފައެވެ. 10,000 މީހުންނަށްވުރެ އިތުރަށް ހުއްދަ ނުދޭއިރު, ހުކުރަށް އަލް-އަޤްޞާއަށް ދާ މީހުންވެސް ދުރާލާ ހުއްދަ ހޯދަންޖެހެއެވެ.

އަލް-އަޤްޞާއަށް ވަނުމަށް ދަތިކުރުމުގެ ގޮތުން އިތުރު ފިޔަވަޅުތައްވެސް އެޅުމަށް ނިންމާފައިވާކަމަށް ޗެނަލް 12 އިން ރިޕޯޓްކޮށްފައި ވެއެވެ.

ބައިނަލް އަޤުވާމީ ޤާނުނޫތަކާ ޚިލާފަށް އިޒްރާއިލްއިން ހިޞާރުކޮށްފައިވާ އިރުމަތީ ޤުދުސް (ކުރީގެ ސިޓީ ހިމެނޭހެން) ކޮންޓްރޯލް ކުރަނީ އިޒްރާއިލްއިންނެވެ. ބައިނަލްއަޤްވާމީ ޤާނުނޫތައް ބުނާގޮތުން އިސްތިއުމާރީ ބާރަކަށް, އެބާރުން ގަދަކަމުން ހިފާ ބިމަކަށް ވެރިވުމުގެ އެއްވެސް ހައްޤެއް ނޯއްނާނެއެވެ. އަދި އެ ތަނަކަށް އެއްވެސް ދާއިމީ ބަދަލެއްވެސް ނުގެނެވޭނެއެވެ.

2021 ން ފެށިގެން ސިލްސިލާކޮށް ކޮންމެ ރަމަޞާން މަހެއްގައި އިޒްރާއިލް ގެ އަސްކަރިއްޔާއިން އަލް-އަޤްޞާ މިސްކިތަށް ވަދެ އަޅުކަމުގައި ތިބޭ މީހުންނަށް ހަމަލާދީ, އިންސާނި ޤަދަރާއި ކަރާމާތް ނަގާލުމުގެ އެތައް އަމެއް ދަނީ ހިންގަމުންނެވެ. އަދި މިސްކިތުގައި އަޅުކަމުގައި ތިއްބާ 2022 ގައިވެސް އެތައް ފަހަރެއްގެ މަތިން އެންމެން މިސްކިތުން ނެރެލިއެވެ. 2023ގައި އިޒްރާއިލްގެ މި އަމަލުތައް ވަނީ ހައްދުފަހަނަ އަޅާގޮސްފައެވެ.

އެގޮތުން މިސްކިތުގެ ކުޑަދޮރުތައް ތަޅާލާ, ސައުންޑް ސިސްޓަމް ހަލާކުކޮށް, ފަސްޓް އެއިޑް ރޫމްވެސް ހަލާކުކޮށް, މީގެ އިތުރުން މިސްކިތުގައި އަޅާފައި ހުރި ބައެއް ރަގްތައްވެސް އަންދާލިއެވެ. މިސްކިތުގެ ތެރެއަށް ކަރުނަ ގޭސް ޖަހާ އަޅުކަމުގައި ތިބި 400 އެއްހާ މީހުންނަށް އަނިޔާކޮށް ހައްޔަރުވެސް ކުރިއެވެ.

އިޒްރާއިލް 7 އޮކްޓޯބަރު 2023 ން ފެށިގެން މުސްލިމުންނަށް އަލް-އަޤްޞާ މިސްކިތަށް އަޅުކަމަށް ވަނުމަށްވެސް ވަނީ ވަރަށް ބޮޑަށް ދަތިކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow