
ދާއިމީކޮށް ހަމާލާތައް ހުއްޓާލަން އެއްބަސްވާނަމަ ހުރިހާ ރަހީނުން މިނިވަންކުރަން ހަމާސްއިން ތައްޔާރު
ހަމަލާތައް ދާއިމީކޮށް ހުއްޓާލަން އެއްބަސްވާނަމަ އިޒްރާއިލްގެ ހުރިހާ ރަހީނުން ފަލަޞްޠީނުގެ އަސީރުންނާ ބަދަލުކޮށް މިނިވަންކުރަން ހަމާސްއިން ހުށަހަޅައިފިއެވެ. ހުށަހެޅުމުގައި ވަނީ ހުރިހާ ރަހީނުން މިނިވަން ކުރެވޭނީ އިޒްރާއިލްއިން ހަމަލާތައް ހުއްޓާލާ ޣައްޒާއިން ފޭބުމަށް އެއްބަސްވާކަމުގައި ވާނަމައެވެ.
ހަމާސްއިންވަނީ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި މިނިވަންކުރުމަށް ހަމަޖެހިފާ ރަހީނުންގެ ތެރެއިން ބާކީތިބި 6 މީހުން އަންނަ ހޮނިހިރު ދުވަހު މިނިވަންކުރާނެ ކަމަށްވެސް ބުނެފައެވެ. އޭގެކުރިން ބުރާސްފަތިދުވަހު ހަތަރު މީހެއްގެ ހަށިގަނޑު އިޒްރާއިލްއާ ހަވާލުކުރާނެއެވެ.
އިޒްރާއިލްގެ ހާރިޖީވަޒީރު ގީޑިއޮން ސާރް ވަނީ ހަމަލާތައް މެދުކަނޑާޅުމުގެ އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ފެށޭނެކަމަށް ބުނެފައެވެ. އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ނިމޭނީ މާރިޗު 1 ގައެވެ.
"ހަމާސްއިން އެއްބަސްވުމަށް ފުރިހަމަ އަށް އިޙްތިރާމްކޮށް, މިކަމުގައި ހަމާސްގެ ހެޔޮ ނިޔަތާއި ސީރިއަސްކަން ދައްކައިދީފިން. ހަމާސްއިން އެއްބަސްވުމާގުޅޭ ކަންކަމުގައި ފަރުވާކުޑަނުކޮށް ޒިންމާ އުފުލައިފިން. އޭގެ ބަދަލުގައި އިޒްރާއިލްއިންވެސް އެކަންކަމަށް ފުރިހަމައަށް ބޯލެނބުމަށް އަހަރެމެން އެދެން" ޣައްޒާގެ ހަމާސްގެ ލީޑަރު ޙަލީހް އަލް-ޙައްޔާ ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
15 މަސްދުވަސް ވަންދެން އިޒްރާއިލްއިން ޣައްޒާގައި ހިންގި ޤަތުލްއާންމުގައި 48,291 މީހަކު ޝަހިދުވެފައިވާކަން ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ މިހާތަނަށް ކަށަވަރުކޮށްދީފައެވެ. ނަމަވެސް ސަރުކާރު މީޑީއާއިން ބުނާގޮތުގައި ޝަހީދުވީ މީހުންގެ އަދަދު 61,709 އަށް އަރާނެއެވެ.
ރިއެކްޝަންސް






