
އިޒްރާއިލް އަދި އީރާނުންވެސް ހަމަލާތައް ހުއްޓާލައިފި- ޓްރަމްޕް
އީރާން އަދި އިޒްރާއިލްއިންވެސް މިކަން ކަށަވަރުކޮށްދީފައެއް ނުވޭ
އިޒްރާއިލް އާއި އީރާނުންވެސް ހަމަލާތައް ހުއްޓާލައިފި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެެ. ޓްރަމްޕް ވަނީ ދެފަރާތުންވެސް އެ ނިންމުމަށް އިހްތިރާމް ކުރުމަށް ގޮވާލާފައެވެ.
"ހަމަލާތައް ހުއްޓާލައިފި. ޕްލީސް ޑޫ ނޮޓް ވަޔަލޭޓް އިޓް" ޓްރަމްޕްގެ މީސްމީޑިއާ 'ޓްރުތް'ގައި ބުނެފައި ވެއެވެ. ނަމަވެސް އީރާން އަދި އިޒްރާއިލް އިންވެސް ހަމަލާތައް ހުއްޓާލިކަން ރަސްމީކޮށް ބުނެފައެއް ނުވެއެވެ.
ޓްރަމްޕް މިހެން ވިދާޅުވެފައިވަނީ އީރާންގެ މިސައިލް ހަމަލާތަކެއް އިޒްރާއިލްގެ ދެކުނު ބީރްޝެެބާއަށް އަމާޒުވެ 4 މީހަކު މެރުވެފައި ވަނިކޮށެވެ. ޓްރަމްޕް ބުނެފައިވަނީ މި މަރުހަލާ ފުރަތަމަ ދެމިގެންދާނީ 24 ގަޑިއިރަށް ކަމަށެވެ. އެއީ އީރާނުން ކުރިއަށް އޮތް 12 ގަޑިއިރު ހަމަލާ ނުދީ އޮވެ, އަނެއް ބާރަ ގަޑިއިރު އިޒްރާއިލްއިންވެސް އެގޮތަށް އަމަލުކުރާ ގޮތަށެވެ.
12 ދުވަސްވަންދެން ދެފަރާތުން ވަރުގަދަ ހަމަލާތަކެއް ބަދަލުކުރުމަށްފަހު ހަމަލާތައް ހުއްޓާލި ނަމަވެސް މަޞްރަހް އޮތީ އަދި ވަރަށް ނާޒުކޮށް ކަމަށް އީރާންގެ ވެރިރަށް ތެޙްރާންއިން ރިޕޯޓްކުރި އަލްޖަޒީރާގެ ނޫސްވެރިޔާ ތޯހިދް އަސަދީ ވަނީ ބުނެފައެވެ.
ހަމަލާތައް ހުއްޓާލިކަން ޓްރަމްޕް އިއުލާންކުރި ނަމަވެސް އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރާޝީ ގެ މީސްމީޑިއާގައިކުރި ޕޯސްޓްގައި އީރާނުންއަދި ހަމަލާތައް ހުއްޓާލަން އެއްބަސްވެފައި ނުވާކަމަށް ބުނެފައިވާކަަމަށް އަސަދީ ބުނެފައި ވެއވެެ.
"ހަމަލާތައް ހުއްޓާލިކަން ތެހްރާން އިން އަދި ރަސްމީކޮށް އަންގާފައެއް ނުވޭ. އީރާނުން ޖަވާބެއް ދޭނެ އިރަކަށް މިދަނީ އިންތިޒާރު ކުރަމުން" އަސަދީ އާ ހަވަލާދީ އަލްޖަޒީރާގައި ރިޕޯޓްކޮށްފައި ވެއެވެ.
ފާއިތުވި ހައެއްކަ ގަޑިއިރުގެ ތެރޭގައި ދެފަރާތުން ކުރެ އެއްވެސް ފަރާތަކުން ހަމަލާ ބަދަލުކޮށްފައެއް ނުވެއެވެ. އެހެންކަމުން ޓްރަމްޕް އިއުލާންކޮށްފައިވާ ގޮތަށް ހަމަލާތައް ހުއްޓާލިކަމަށް ބެލެވޭނެ ޖާގަ އެބަ އޮތެވެ. އިޒްިރާއިލްއިން މީގެ ތިން ގަޑިއިރުކުރިން ވަނީ އެ އިމަޖެންސީތަކަށް ވައިގެ ސަރަހައްދުވެސް ހުޅުވާލާފައެވެ.
އިރާނުންވަނީ އެގައުމާ ދިމާއަށް އަލިފާން ކަންޏެއް އަޔަސް ހަމަލާގެ ބަދަލުހިފާނެ ކަމުގައި ބުނެފައެވެ.
ރިއެކްޝަންސް






