
ތެޔޮ ނުލިބި ޣައްޒާ 'ނާޒުކު ހާލަތެއްގައި', ގިނަ ބަޔަކު އެއްފަހަރާ މަރުވެދާނެ: އދ
އިޒްރާއިލްއިން ޣާއްޒާ އިންސާނީ އެހީއަށް ބަންދުކޮށްފައިއޮތް އޮތުމާއެކު ތެޔޮ ލިބުންދަތިވެ, ހޮސްޕިޓަލްތަކާއި އެމްބިއުލާންސްތައް ހުއްޓުމަކަށްއައިސް ޣައްޒާ އޮތީ 'ނާޒުކު ހާލަތެއްގައި' ކަމުގައި އދ ން ބުނެފިއެވެ.
އދ ގެ އިންސާނީ ހައްގުތަކާބެހޭ އޮފީސް (އޯސީއެޗްސީ) އިން ބުނި ގޮތުގައި ތެޔޮ ހުސްވެ, ޣައްޒާގެ ސިއްހީ ޙިދުމަތް އެއްކޮށް ބްލެކްއައުޓަކަށް ގޮސްފިނަމަ ހޮސްޕިޓަލްތަކުގައި ފަރުވާހޯދަމުންދާ އެތައް ބައެއްގެ ފުރާނައަށް ނުރައްކާވުމުގެ ފުރުޞަތު ބޮޑުކަމަށެވެ. އަދި އެމްބިއުލާންސް ތަކަށް ދަތުރު ނުކުރެވޭ ގޮތްވެ, ކޮންމެ ދުވަހަކު ޒަހަމްވަމުންދާ އެތައްބަޔަކަށް އަވަސް ފަރުވާ ނުލިބި އިންސާނީ ބޮޑު ކާރިސާއެއް މިހާރުގެ ހާލަތުން އަލުން އުފެދިދާނެކަމުގެ އިންޒާރުވެސް އޯސީއެޗްސީން ވަނީ ދީފައެވެ.
މީގެ އިތުރުން ތެޔެ ލިބުން ދަތިވެ, ޣައްޒާގެ ފެނުގެ ޑީސަލިނޭޝަން ޕްލާންޓްތައް ހުއްޓުމަކަށް އައިސް ހޮސްޕިޓަލްތަކުގެ އިންޓެންސިވް ކެއަރ ޔުނިޓް (އައިސީޔޫ) ތަކަށް ބޭނުންވާ ޒަރޫރީ ހިދްމަތްތައް ހުއްޓުމަކީ ތުއްތު އެތައް ކުދިންގެ ފުރާަނާއާ ގުޅިފައިވާ ބިރުހުރި ކަމެއްކަމަށްވެސް އެޖަމާއަތުން ވަނީ ބުނެފައެވެ. ހޮސްޕިޓަލްތަކުގެ މުހިއްމު ސްޓޮކް ގާތްގަނޑަކަށް ހުސްވެ, ބައެއްތަކެތި އެއްވެސް ވަރަކަށް މިހާރު ނުވެސް ނެތެވެ.
"ހޮސްޕިޓަލްތަކުން މިހާރު ދެވެނީ މަދު ހިދުމަތެއް. ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފި. އެމްބިއުލާންސްތައް ގްރައުންޑްކުރަން ފަށައިފި. ފެންވެސް ލިބޭ ނުލިބޭ ހާލަތުގަ" އޯސީއެޗްސީގެ ބަޔާނުގައި ބުނެފައި ވެއވެެ.
އިޒްރާއިލްއިން އިން ޣައްޒާއަށް ތެޔޮ އެތެރެކުރަން ހުއްދަ ނުދީ ގިނަ ދުވަސްވާނަމަ ޣައްޒާގެ މަރުގެ ރޭޓް ކުއްލިއަކަށް އިންތިހާއަށް މައްޗަށް ދިއުމުގެ ބިރު ބޮޑުކަމަށް ބުނެ އދ ން ވަނީ ކޮންމެ ދުވަހަކުވެސް ބޭނުންވާ ޒަރޫރީ ތަކެތި ވީހާވެސް އަވަހަށް ޣައްޒާއަށް އެތެރެވެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ގޮވާލާފައެވެ.
ޣައްޒާގެ ރައްޔިތުންގެ ނޭވާ ހޮޅީގައި ހިފާ, ޣައްޒާ އިންސާނީ އެހީއަށް އެއްކޮށް ބަނދުކޮށްފައި އޮންނަތާ މިއީ ހަވަނަ މަހެވެ. މާޗު ކުރީކޮޅު އިޒްރާއިލްއިން ޣައްޒާ ބަންދުކުރިފަހުން ފާއިތުވި ދެތިން ހަފުތާ ތެރޭގައި މަދު އަދަދެއްގެ ކާބޯތަކެތި ޣައްޒާއަށް ވަނުމަށް ހުއްދަ ދިން ނަމަވެސް އެއްވެސް މިންވަރަށް ތެޔޮ އެތެރެކޮށްފައެއް ނުވެއެވެ.
ރިއެކްޝަންސް






