ޑޮކްޓަރު ރޭޕްކޮށް މަރާލި މައްސަލައާ ގުޅިގެން އިންޑިއާގެ ޑޮކްޓަރުން ޤައުމީ ހަޅުތާލަކަށް ނިކުންނަނީ
އިންޑިޔާގެ ޑޮކްޓަރުން ހޮނިހިރު ދުވަހު ޚިދުމަތް މެދުކަނޑާލަނީ

ޑޮކްޓަރު ރޭޕްކޮށް މަރާލި މައްސަލައާ ގުޅިގެން އިންޑިއާގެ ޑޮކްޓަރުން ޤައުމީ ހަޅުތާލަކަށް ނިކުންނަނީ

ހޮސްޕިޓަލް ތަކުގެ އިމަޖެންސީ ޙިދުމަތް ނޫން އެހެން އެއްވެސް ޙިދުމަތެއް ހޮނިހިރު ދުވަހު ނުލިބޭނެ

3 months ago - 15:46
Aug 16, 2024 - 16:42

ކަލްކަތާގެ ޑޮކްޓަރު ރޭޕްކޮށް މަރާލި މައްސަލައާ ގުޅިގެން އިންޑިއާގެ ޑޮކްޓަރުން ޤައުމީ ހަޅުތާލަކަށް ނިކުންނަން ތައްޔާރުވެއްޖެ އެވެ. އިންޑިޔާގެ ޑޮކްޓަރުން ޤައުމީ ހަޚުތާލަކަށް ނިކުންނަން ނިންމި ފާއިތުވެދިޔަ ހަފްތާގައި ކަލްލަތާގެ އާރު. ޖީ ކަރް މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލްގެ ޓްރެއިނީ ޑޮކްޓަރެއް ރޭޕްކޮށް މަރާލާފައި އޮތްވާ ފެނުނު ހާދިސާއާ ގުޅިގެންނެވެ. 

ޑޮކްޓަރުން ހަޅުތާލަށް ނިކުންނަން ނިންމާފައި މިވަނީ ޑޮކްޓަރުގެ މަރާ ގުޅިގެން އިންޑިއާގައި އާންމުންގެ ރުޅިގަނޑު ވެސް އިންތިހާއަށް ގޮސްފައި ވަނިކޮށެވެ. ޑޮކްޓަރުން ނިންމާފައިވަނީ މުޅި ގައުމުގެ ހުރިހާ ހޮސްޕިޓަލެއްގެ ސިއްހީ ހިދުމަތްތައް ހޮނިހިރު ދުވަހު ހުއްޓާލާ ޤައުމީ ހަޅުތާލަކަށް ދިއުމަށެވެ. 

އިންޑިއާގެ އެންމެގިނަ ސިއްޙީ ޚިދުމަތްތެރިން ހިމެނޭ އިންޑިއަން މެޑިކަލް އެސޯސިއޭޝަން (އައި.އެމް.އޭ) އިން ބުނި ގޮތުގައި ހޮނިހިރު ދުވަހު ހުރިހާ ހޮސްޕިޓަލްތަކެއްގެ ހުރިހާ ޑިޕާޓްމަންޓެއްގެ ޚިދުމަތްތައް 24 ގަޑއިރަށް ހުއްޓާލާނެއެވެ. އެއީ ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ފިޔަވައެވެ.

މިގޮތަށް ޚިދުމަތްތައް ހުއްޓާލަން ނިންމީ 31 އަހަރުގެ ޓްރެއިނީ ޑޮކްޓަރުގެ މަރާ ގުޅިގެން އެތައްހާސް ރައްޔިތުންނެއް ކަލްކަތާ އާއި އެހެނިހެން ގިނަ ސަރަހައްދުތަކެއްގައި މުޒާހަރާކުރަމުންދާ ދަނޑިވަޅާ ދިމާކޮށެވެ. ރަޙުމް ކުޑަކޮށް މަރާލާފައިވާ ޑޮކްޓަރުގެ ހަށިގަނޑު ފެނުނީ މިމަހުގެ 9 ވަނަ ދުވަހު ޑޮކްޓަރު މަސައްކަތްކުރި ހޮސްޕިޓަލުންނެވެ. 

Advertisement
Advertisement

އިންޑިއާގެ މީޑިއާ ތަކުން ރިޕޯރޓްކޮށްފައިވާ ގޮތުން ރޭޕްކޮށް, މަރާލާފައި އޮތް ޑޮކްޓަރުގެ ހަށިގަނޑު ފެނުނީ ހޮސްޕިޓަލްގެ ސެމިނާ ހޯލްތެރެއިންނެވެ. ބެލެވޭ ގޮތުގައި ޑޮކްޓަރު ހޯލަށް ދިޔައީ ދިގު ޝިފްޓެއް ނިންމާލުމަށް ފަހު ކުޑަކޮށް އަރާމުކޮށްލުމަށެވެ. 

މި ހަޅުތާލުގައި ސަރުކާރާއި އަމިއްލަ ހޮސްޕިޓަލްތައް ހިންގާ ފަރާތްތަކުގެ މެޑިކަލް ޔޫނިއަންތަކުން ވެސް ވަނީ ތާއީދުކޮށް, ބައިވެރިވާނެކަން އިއުލާން ކޮށްފައެވެ. މައްސަލައިގެ ތަހުގީގު ކުރިއަށް ދާގޮތާމެދު ހިތްހަމަނުޖެހުން ފާޅުކޮށް މިމަހުގެ 13 ވަނަ ދުވަހު ކަލްކަތާގެ ހައިކޯޓުން ވަނީ އެކޭސް ކަލްކަތާ ޕޮލިސްގެ ބާރުގެ ދަށުން ނަގާ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީ.ބީ.އައި) އާ ކޭސް ހަވާލުކުރުމަށް އަމުރުކޮށްފައެވެ. 

އެ އަމުރުގައި ސްޓޭޓް ޕޮލިސް އިން މައްސަލައާ ގުޅޭ ހެކި ނައްތާލަފާނެކަމަށް ބެލެވޭ ކަމަށް ފާހަގަކޮށްފައި ވެއެވެ. އޭގެ 2 ދުވަސް ފަހުން މިމަހު 15 ގައި ކޮންބައެއްކަން ނޭނގޭ ބަޔަކު ހޮސްޕިޓަލް ތެރެއަށް ވަދެ އިމާރާތަށާއި ތަކެއްޗަށް ގެއްލުން ދީފައި ވެއެވެ. އޭގެ ތެރޭގައި ޑޮކްޓަރު މަރާލާފައި އޮތް ހޯލްވެސް ހިމެނެއެވެ. އަދި ހަޅުތާލުގައި ތިބި އެހެން މެޑިކަލް ދަރިވަރުންނަށްވެސް ހަމަލާ ދީފައި ވެއެވެ.

މިދިޔަ ހޯމަދުވަހުން ފެށިގެން ސަރުކާރުގެ ގިނަ ހޮސްޕިޓަލްތަކުގެ އިމަޖެންސީ ޚިދުމަތް ފިޔަވާ އެހެނިހެން ޚިދުމަތްތައްވަނީ މުއްދަތެއްނެތް ގޮތަށް ހުއްޓާލާފައެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހޮސްޕިޓަލްގައި މަސައްކަތްކުރާ ފަރާތެކެވެ. އެއާއެކު ހޮސްޕިޓަލްތަކުގައި އާންމުންނާއި ޑޮކްޓަރުންގެ ރައްކާތެރިކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.

 

ބަދަލު ވީ ކުޑަ މިންވަރެއް:

އިންޑިއާގެ ނެޝަނަލް ކްރައިމްސް ރެކޯޑް ބިއުރޯގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2022 ވަނަ އަހަރުވެސް 31000 ރޭޕް ކޭސް އެއިދާރާއަށް ރިޕޯޓްކޮށްފައި ވެއެވެ. 

2012 ވަނަ އަހަރު ދިއްލީގައި ބަހެއްގެތެރޭގައި ގޭންގަކުން ރޭޕްކޮށް އަންހެނަކު މަރާލި ހާދިސާއާ ގުޅިގެންވެސް މުޅި އިންޑިއާގައި އަންހެނުންނަށް ރައްކާތެރި މާހައުލެއް ޤާއިމްކޮށްދިނުމަށް ގޮވާލާ މުޒާހަރާތައް ކުރިއެވެ. 

2012 ވަނަ އަހަރު އެހާތަނަށް ރޭޕްކުރުމުގެ 25000 ކޭސް ނެޝަނަލް ކްރައިމްސް ރެކޯޑް ބިއުރޯގައި ރިކޯޑްކުރެވިފައި ވެއެވެ. އެ ހާދިސާއަށްފަހު އިންޑިއާގެ ޖިނާޢީ ޢަދުލުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެސް ރޭޕްކުރުމާއި މީހުން މެރުންފަދަ ކުށްތަކަށް މަރަށް މަރު ހިފުންފަދަ ބޮޑެތި އަދަބުތައް ކަނޑައެޅިއެވެ. 

2018 ން 2022 އާ ދެމެދު ހުށަހެޅި ކޭސްތަކުގެ ތެރެއިން ކުށް ސާބިތުވެފައިވަނީ އެންމެ 27-28 ޕަސަންޓް މައްސަލަތަކުގެ އެވެ. އެހެން ކަމުން މިފަދަ ކަންކަމުގައި ވަކާލާތު ކުރާ މީހުން ބުނަނީ ބަދަލުވީ ވަރަށް ކުޑަ މިންވަރެއް ކަމުގައެވެ. 

ރޭޕް ކޭސްތަކުގައި އަނިޔާލިބޭ މީހުންގެ ފަރާތުން ވަކާލާތުކުރާ ލޯޔަރެއް ކަމުގައިވާ ރިބޭކާ. އެމް ޖޯން ވިދާޅުވީ  ބައެއް ރޭޕިސްޓުން ގަބޫލުކުރާ ގޮތުގައި އެމީހުން ކުށްކުރުމަށްފަހުވެސް އެކަމުން ސަލާމަތްވެވޭނެ އެވެ. 

"ޤާނޫނުތަކާ މެދު އެމީހުންގެ ހިތުގައި ބިރުވެރިކަން ނެތުން" އެއި ސަބަބެއް ކަމުގައި ވެދާނެ. އޭނާ ބުންޏެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow