
ހަމާލަތައް ހުޢްޓާލުމާގުޅޭ ވާހަކަތައް ކުރިއަށް, އިއްޔެވެސް 82 މީހަކު ޣައްޒާގައި ޝަހީދުކޮށްލި
ރަފަޙްއަަށް ޣައްޒާގެ މުޅި އާބާދީ ޖަމާކުރުމުގެ ޕްލޭންވެސް ކުރިއަށް
އިއްޔެ އެކަނިވެސް ޣައްޒާއިން 82 މީހަކު ޝަހީދުކޮށްލާފައިވާއިރު ހަމަލާތައް މެދުކަނޑާލުމާގުޅޭ ވާހަކަތައް ކޮޅެއްގައި ނުޖެހި އަދިވެސް ކުރިއަށްދާކަމުގައި ރިޕޯޓްތައް ބުނެފިއެވެ. ޣައްޒާގެރައްޔިތުން ދެކުނު ރަފަޙްއަށް ޖަމާކުރުމުގެ ހީލަތްތެރި ޕްލޭންވެސް ދަނީ ކުރިއަށެވެ.
އިއްޔެ ޝަހީދުކޮށްލި މީހުންގެ ތެރޭގަ 9 ކުޑަކުދިން ހިމެނޭއިރު 4 އަންހެނަކުވެސް ހިމެނެއެވެ. މި އެންމެންނަކީވެސް މެދުތެރޭ ދިއެރް އެލް-ބަލަޙްގައި ކުޑަކުދިންގެ ކާނާ ލިބިގަތުމަށް ކިއޫގައި ތިއްބާ މަރާލާފައިވާ މީހުންކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
އިއްޔެގެ ހަމަލާތަކުގައި އިތުރު 30 މީހަކު ޒަހަމްވެފައިވާއިރު އޭގެ ތެރޭގައިވެސް 19 ކުޑަކުއްޖަކު ހިމެނެއެވެ.
ޣައްޒާގައި ކާބޯތަކެތި ލިބުންދަތިވެ އެތައްހާސް ކުޑަކުދިން މިހާރުވެސް އަންނަނީ އެކަށީގެންވާ ކާނާ ނުލިބުމުގެ ސަބަބުން މެލްނިއުޓްރިޝަން އާ ހަނގުރާމަކުރަމުންނެވެ. މުޅި އާބާދީ އޮތީ ބަނޑަށްޖެހިފައެވެ.
ޢާދިއްތަ ދުވަހުން ފެށިގެން އިޒްރާއިލްއާއި ހަމާސްގެ އޮފިޝަލުން އަންނަނީ ޤަތަރުގައި މެދުވެރިންނާއެކު ހަމަލާތައް ހުއްޓާލުމާގުޅޭ ވާހަކަތައް ކުރިއަށް ގެންދަމުންނެވެ. މިޞްރާއި ޤަތަރުން މެދުވެރިއެއްގެ ދައުރުއަދާކުރާ ބައްދަލުވުންތަކަށްފަހު ހަމާސްއިން ވަނީ ޝަރުތު ތަކަކާއެކު 10 ރަހީނަކު ދޫކޮށްލުމަށް އެއްބަސްވެފައި ކަމުގައި އެޖަމާއަތުން ވަނީ ބުނެފައެވެ.
ބަދަލުގައި ދެ މަސް ދުވަހަށް ހަމަލާތައް ހުއްޓާލުމަށް އިޒްރާއިލް އެއްބަސްވާންޖެހޭއިރު ވަކި އަދަދަކަށް ކޮންމެ ދުވަހަކުވެސް ޣައްޒާއަށް އިންސާނީ އެހީ ވަނުމަށް ހުއްދަދިނުމަކީ ހަމާސްގެ އެއް ޝަރުތެވެ. މީގެ އިތުރުން އިޒްރާއިލްގެ ސިފައިން ޣައްޒާއިން ފޭބުމަށްވެސް ހަމާސްއިން ވަނީ ޝަރުުތުކޮށްފައެވެ.
ހަމަ މިވަގުތު އިޒްރާއިލްގެ ދިފާއީ ވަޒީރު, އިޒްރާއިލް ކާޓްޒް އިއުލާންކޮށްފައިވާ "ރަފަޙް ހިއުމެނިޓޭރިއަން ސިޓީ" ގެ ޕެލޭނަށް ގިނަ ބައެއްގެ ފާޑުކިއުންވަނީ އަމާޒުވެފައެވެ. އދ ގެ އެޖެންސީ ފޮރ ޕަލަޞްޠީނިއަން ރެފިއުޖީސް (އަންރްވާ) ގެ ސިނިއަރ ކޮމިއުނިކޭޝަންސް ޑިރެކްޓަރ ތަމާރާ އަލްރިފާއީ ވިދާޅުވި ގޮތުގައި މިޞްރުގެ ބޯޑަރުގައި ފަލަޞްޠީނުގެ ރައްޔިތުންނަށް ކޮންސެންޓްރޭޝަން ކޭމްޕެއް ޤާއިމްކުރުމަށް އިޒްރާއިލްގެ މަސައްކަތްކުރަމުންދާއިރު އެކަމަށް ދުނިޔެ ހިމޭނުން އޮތުމަކީ ނުރައްކާތެރި ކަމެކެވެ.
ރިއެކްޝަންސް






