ސީޒަންގެ ފުރަތަމަ އެލް ކްލެސިކޯ: ބާސެލޯނާއިން ރެއަލް މެޑްރިޑް ލަދުގަންނަވާލައިފި
ލެވަންޑޮސްކީ ވަނި ތިން މިނިޓް ތެރޭ ދެ ގޯލް ޖަހާފަ
ސްޕެނިޝް ލަލިގާގެ ބޮޑުކުރިމަތިލުން 'އެލް ކްލެސިކޯ" ގެ މި ސީޒަންގެ ފުރަތަމަ މެޗުގައި ބާސެލޯނާއިން 4-0 ން ރެއަލް މެޑްރިޑް ބަލިކޮށްފިއެވެ. މި މޮޅާއެކު ބާސެލޯނާއިންވަނީ ސާފު 6 ޕޮއިންޓާއެކުއެކު ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލާފައެވެ. މެޗަށް ރެއާލްއިންވެސް ނިކުތީ އެމީހުން ލީގުގައި ދަމަހައްޓަމުން އައި ބަލިނުވުމުގެ ރެކޯޑާއެކުއެވެ. ނަމަވެސް, 43 މެޗުން ބަލިނުވެ ކުރިއަށްގެންދިޔަ ރެކޯޑް ހޮނިހިރު ދުވަހުގެ މެޗާއެކު ވަނީ ނިމުމަކަށް އައިސްފައެވެ. އެހެން ނޫންނަމަ އެޕްރިލް 2017 އަދި މެއި 2018ގައި ބާސެލޯނާގެ ރެކޯޑާ އެއްހަމަ ކުރެވުނީހެވެ.
ފުރަތަމަ ހާފު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. މެޗުގެ 30 ވަނަ މިނިޓްގައި އެމްބާޕޭ ރެއާލްއަށް ގޯލެއް ކާމިޔާބުކޮށްދިން ނަމަވެސް ވީއޭއާރުން ވަނީ އޮފްސައިޑް ކަމަށް ކަނޑައަޅާފައެވެ. ދެ ވަނަ ހާފުގެ ކުރީކޮޅު ބާސެލޯނާއިން އެމީހުންގެ ފުރަތަމަ ގޯލް ކާމިޔާބު ކުރުމާއެކު މުޅި ދެވަނަ ހާފުވެސް ވީ ރެއާލްއަށް އުނދަގޫ ހާފަކަށެވެ. އަމިއްލަ ދަނޑުގައި ބާސެލޯނާގެ މައްޗަށް ކާމިޔާބު ހޯދުމުގެ އުއްމީދު އެކަށް ފުނޑުފުނޑުވީ ވިދިވިދިގެން ދެ ގޯލް ބާސެލޯނާއިން ކާމިޔާބު ކުރުމާއެކުއެވެ.
ފުރަތަމަ ގޯލް 54 ވަނަ މިނިޓްގައި މާކް ކަސާޑޯ ތަނަވަސްކޮށްދިން ރީތި ފުރުޞަތެއްގައި ކާމިޔާބުކޮށްދިނީ ލެވަންޑޮސްކީއެވެ. އޭގެ ދެ މިނިޓް ފަހުން ދެވަނަ ގޯލްވެސް ކާމިޔާބު ކުރި ލެވަން ޑޮސްކީ އެވެ. ބަލްޑޭ ނަގައިދިން ހުރަހެއް ބޮލުންޖަހާ ގޯލްގެ ތެރެއަށް ފޮނުވާލައިގެން ލެވަންޑޮސްކީ ވަނީ ރިއަލް މެޑްރިޑަށް ސިހުން ގެނުވާފައެވެ. 36 އަހަރުގެ ލޮވަންޑޮސްކީ ވަނީ މިސީޒންގައި ކުޅުނު 14 މެޗުން 11 ގޯލް ޖަހާފައެވެ. ހޮނިހިރު ދުވަހުގެރޭގެ މެޗުގައި ހެޓްރިކް ހަދާނެ ރަނގަޅު ދެ ފުރުޞަތެއްވެސް ލެވަންޑޮސްކީއަށް ލިބުނެވެ.
ބާސެލޯނާގެ ތިންވަނަ ގޯލް 77 ވަނަ މިނިޓްގައި ކާމިޔާބުކޮށްދީ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލް ވަނީ ތާރީޚްގެ ތެރެއަށް ވަދެފައެވެ. މި ގޯލާއެކު 17 އަހަރުގެ ޔަމާލްއަކީ އެލް ކްލެސިކޯގައި ގޯލް ޖެހި އެންމެ އުމުރުން ހަގު ކުޅުންތެރިޔާއެވެ.
މެޗުގައި ބާސެލޯނާގެ ފަހު ގޯލް ކާމިޔާބުކުރީ މީގެ ދެ ދުވަސް ކުރިން ބާސެލޯނާއަށް ހެޓްރިކް ހަދައިދިން ރަފީނިއާއެވެ. އެއީ އިނިގޯ މާޓިނޭޒް ތަވަނަސްކޮށްދިން ފުރުޞަތެއްގައި 84 ވަނަ މިނިޓްގައެވެ. ތިންވަނަ ގޯލް ކާމިޔާބުކުރަން ޔަމާލްއަށް އެހީތެރިވީވެސް ރަފީނިއާއެވެ.
މެޗަށްފަހު ރެއާލްގެ ކޯޗު ކާލޯ އަންޗޮލޮޓީ ބުނެފައިވަނީ މެޗުން ބަލިވި ވަގުތު ކޮޅަކީ ވަރަށް އުނދަގޫ, އަދި ހިތްދަތި ވަގުތުކޮޅެއް ކަމަށެވެ. ޚާއްސަކޮށް އެހާގިނަ މެޗުން ބަލިނުވެ އޮތުމަށްފަހުގައި މިމެޗުން ބަލިވުމުން ވަރަށް އުނދަގޫވާކަމަށްވެސް އޭނާ ބުންޏެވެ. މިނަތީޖާއަކީ މިސީޒަންގައި ރެއާލްއަށް ބަދަލުވެ, އޭނާގެ ފުރަތަމަ އެލް ކްލެސިކޯ ކުޅުނު ކީލިއަން އެމްބާޕޭއަށްވެސް ހަޖަމުކުރަން އުނދަގޫ ބައްޔެކެވެ. ޙާއްސަކޮށް މެޗުގައި އޭނާ ކާމިޔާބުކުރި ދެ ގޯލްވެސް ބައިގެންފައި ނުވާތީއެވެ.
ރިއެކްޝަންސް