
މެންޗެސްޓަރ ސިޓީއަށް ޗެމްޕިއަންސް ލީގުގެ ޖާގައެއް އުޑަކުން ނުވެއްޓޭނެ: ގާޑިއޯލާ
އިނގިރޭސި ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހު މެންޗެސްޓަރ ސިޓީން ނޮޓިންގްހަމް ފޮރެސްޓް އަތުން 1-0 ން ބަލިވި މެޗަށް ފަހު ކޯޗު ޕެޕް ގާޑިއޯލާ ސިޓީގެ މަސައްކަތުގެ ރޭޓާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ. މެޗަށްފަހު ބޭއްވި ޕްރެސްގައި ގާޑިއޯލާ ވަނީ ސިޓީއަށް ޗެމްޕިއަންސް ލީގުގެ ޖާގައެއް އުޑަކުން ނުވެއްޓޭނެކަމަށް ބުނެފައެވެ.
ސިޓީގެ ތާރީޚްގައި އެންމެ ދަށް ސީޒަން މިހާރު ގުނަމުންދާއިރު މި ސީޒަންގެ ޗެމްޕިއަންސް ލީގުންވެސް ސިޓީ ވަނީ ކަޓާފައެވެ. އަދި މިއަދު ނޮޓިންގްހަމް ފޮރެސްޓް އަތުން ވީ ބައްޔާއެކު އަންނަ ސީޒަންގައި ޗެޕްމިޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް ސިޓީ ކުރަމުން އަންނަ މަސައްކަތަށް އަނެއްކާވެސް ވަނީ ހުރަސް އެޅިފައެވެ.
ލީގު ތާވަލްގެ ހަތަރުވަނައިގައި މިވަގުތު ސިޓީ އޮތީ 28 މެޗުން 47 ޕޮއިންޓް ހޯދައިގެންނެވެ. ފަސްވަނައިގައި 46 ޕޮއިންޓާއެކު އޮތް ޗެލްސީ މާދަމާ ލެސްޓަރ ސިޓީއާ ދެކޮޅަށް ނިކުންނާނެއެވެ. ހޮނިހިރު ދުވަހު ކުޅުން މެޗުން ފުލަމް ބަލިކޮށް ބްރައިޓަންވެސް ތާވަލްގެ ހަ ވަނައިގައި އޮތީ 46 ޕޮއިންޓާއެކުއެވެ. އެހެންކަމުން ތާވަލްގެ ގަދަ ހަތަރެއްގެ ވާދަވެރިކަން ވަނީ ވަރަށް ބޮޑުވެފައެވެ.
"އަހަރެމެން އެބަޖެހޭ ކުޅުން މިއަށްވުރެ ރަނގަޅުކުރަން. (ޗެމްޕިއަންސް ލީގަށް ކޮލިފައިވާން) ކޮންމެވެސް ކަމެއް އެބަކުރަންޖެހޭ. އެ އުޑަކުން ނުވެއްޓޭނެ. ބާކީ މިއޮތީ ދިހަ މެޗު. ހޮނިހިރު ދުވަހު ބްރައިޓަން އާ ދެކޮޅަށް ކުޅޭ މެޗުން ވާގޮތް ބަލަމާދެން" މާޔޫސް ކަމާއެކު ގާޑިއޯލާ ބުންޏެވެ.
ހާލަންޑް, ފޯޑެން, ސަވީނިއޯ އަދި ޑޮކޫ އާއެކު ފަށާ, ފަހުން ޑީބެރޭނާ އަދި މަރްމޯޝް ވެސް ބަދަލުކުޅުންތެރިންގެ ގޮތުގައި ފެނިގެންދިޔަ މެޗުގައި ސިޓީއަށް ރަނގަޅު އެއްމެ ހަމަލާއެއްވެސް އުފެއްދިފައެއް ނުވެއެވެ. ގޯލާ އަމާޒުކޮށް ފޮނުވާލެވުނީވެސް އެންމެ ތިން ބޯޅައެވެ.
ރިއެކްޝަންސް






