
މިކޭލް މެރީނޯގެ ހަމައެކަނި ގޯލުން އާސެނަލް އިން ޗެލްސީގެ އުއްމީދަށް ހުރަސް
އިނގިރޭސި ޕްރިމިއަރ ލީގުގައި އާދިއްތަ ދުވަހު ޗެލްސީ އާއި އާސެނަލް ބައްދަލުކުރި މެޗު މިކޭލް މެރީނޯގެ ގޯލުން އާސެނަލް ކާމިޔާބުކޮށްފިއެވެ. މިއާއެކު ޗެލްސީން ގަދަ ހަތަރެއްގައި ސާބިތުވެ އޮތުމުގެ އުއްމީދަށް މިވަނީ ހުރަސްއެޅިފައެވެ.
އާސެނަލްއިން ހޯދި މޮޅާއެކު ތާވަލްގެ އެއްވަނައިގައި 70 ޕޮއިންޓާއެކު ހަމަޖެހިލައިގެން އޮތް ލިވަޕޫލްއާ ޕޮއިންޓްގެ ފަރަގު ވަނީ 12 ޕޮއިންޓަށް ކުޑަވެފައެވެ. ތިންވަނައިގައި ނޮޓިންގްހަމް ފޮރެސްޓް އޮތީ 54 ޕޮއިންޓާއެކުއެވެ. ގަދަ ހަތަރެއްގައި ޗެލްސީ ލައްވާލަނީ ފަސްވަނައިގައި އޮތް މެންޗެސްޓަރ ސިޓީއަށްވުރެ އެންމެ ޕޮއިންޓެއް އިތުރަށް ހޯދައިގެންނެވެ.
ރޭގެ މެޗުގައި ޗެލްސީ އަދި އާސެނަލްއިންވެސް މެޗަށް ނިކުތީ ދެޓީމުގެވެސް ފުރަތަމަ ސްޓްރައިކަރު ނުލައެވެ. ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން އާސެނަލްގެ ކައި ހަވާޓްޒްއަށް ސީޒަން ވަނީ ނިމިފައެވެ. އަނިޔާގެ ސަބަބުން ޗެލްސީގެ ނިކޮލަސް ޖެކްސަންވެސް މެޗުން ފެނިގެން ގޮސްފައެއް ނުވެއެވެ. ޗެލްސީން މެޗަށް ނިކުތީ އެޓީމުގެ މުހިއްމު އެހެން ކުޅުންތެރިއެއް ކަމަށްވާ ކޯލް ޕާމާވެސް ނުލައެވެ. ޕާމާ އަށް އަނިޔާވެފައިވާއިރު މިއީ ޗެލްސީން އެޕްރީލް މަހުން ފެށިގެން ޕާމާ ނުލާ ކުޅުނު ފުރަތަމަ މެޗެވެ. ޕާމައަށް ލިބުނު އަނިޔާ އާ ގުޅިގެން ވޯލްޑްކަޕް ކޮލިފައިންގައި އޭނާއަށް އިނގިރޭސި ސްކޮޑުންވެސް ޖާގަ ގެއްލިދާނެކަމަށްވަނީ ބެލެވިފައެވެ.
މެޗުގެ ހަމައެކަނި ގޯލް 20 ވަނަ މިނިޓްގައި މެރީނޯ ކާމިޔާބުކޮށްދިނީ މާޓިން އޮޑެގާޑް ތަނަވަސްކޮށްދިން ފުރުޞަތުގައެވެ. މެޗު ޑޮމިނޭޓްކޮށްގެން ކުޅުނު އާސެނަލް އިން ރަނގަޅު ފުރުޞަތު ތަކެއް ތަނަވަސްކުރިނަމަވެސް އިތުރު ގޯލެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުންވެސް އާސެނަލް ބަލިވެފައެއް ނުވެއެވެ.
އާދިއްތަ ދުވަހު 2-0 ން ފުލަމް ކައިރިން ސަލާމަތް ނުވެވި ޓޮޓެންހަމް ހޮޓްސްޕަރ އޮތީ ލީގު ތާވަލްގެ 14 ވަނައިގައެވެ.
ރިއެކްޝަންސް






