
ޖޮޓާގެ ހަނދާނުގައި ލިވަޕޫލްއިން 20 ނަމްބަރ ޖަރޒީ މުޅި އުމުރަށް ރިޓަޔާކޮށްފި
"އެ ނަމްބަރަކީ ފަހުރުވެރިކަމާއެކު އެތައް ކާމިޔާބީއަކަށް ކްލަބް ގެންގޮސްދިން ނަމްބަރެއް. އެހެންކަމުން ޑިއޯގޯ ޖޮޓާ މުޅިއުމުރަށް ހަނދާންކުރާނީ ލިވަޕޫލް ފުޓްބޯޅަ ކްލަބްގެ 20 ނަމްބަރުގެ ގޮތުގައި" ޖޮޓާގެ 20 ނަމްބަރު ޖަރޒީ މުޅި އުމުރަށް ރިޓަޔާކުރިކަން ރަސްމީކޮށް އިއުލާންކޮށް ކްލަބުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
ލިވަޕޫލްގެ ކުޅުންތެރިޔާ ޑިއޯގޯ ޖޮޓާ އަދި އޭނާގެ ކޮއްކޮ އަންދްރޭ ސިލްވަރ ކާރު އެކްސިޑެންޓެއްގައި މަރުވީ މިދިޔަ ހަފްތާގެ ތެރޭގައެވެ.
ލިވަޕޫލް އިން ބުނީ ޖޮޓާގެ ހުވަފަތް އަންހެނުން ރޫޓު އާވެސް މަޝްވަރާކުރުމަށްފަހު ލިވަޕޫލްގެ ހުރިހާ ލެވެލެވް އެއްގެ ފުޓްބޯޅައިގައި އަދި އަންހެނުންގެ ފުޓްބޯޅަ އާއި އެކެޑެމީގައިވެސް 20 ނަމްބަރު ޖަރޒީ އެއްކޮށް ޖޮޓާގެ ހަނދާނަށްޓަކައި ރިޓަޔާކުރަން ނިންމާފައިވާކަމަށެެވެ.
ލިވަޕޫލްގެ ބަޔާނުގައި ބުނެފައިވަނީ ކްލަބްގެ މި ނިންމުމަކީ ފާއިތުވި 5 އަހަރު ހަމައެކަނި ދަނޑުމަތީގައި ޖޮޓާ ކްލަބަށް ކޮށްދިން އަގުނުކުރެވޭނެ މަސައްކަތަށް ނިންމި ނިންމުމެއް ނޫންކަމަށާއި, ފޯޗުގަލްގެ ކުޅުންތެރިޔާ ވަނީ ކްލަބްގެ އެހެން ކުޅުންތެރިން, ސަޕޯޓަރުންނަށްވެސް 'ބޮޑު އިމްޕެކްޓެއް' ގެނެސްދީފައި ކަމުގައެވެ.
"ކްލަބެއްގެ ހައިސިއްޔަތުން އަހަރެމެންނަށް އިޙްސާސްވޭ އަހަރެމެންގެ ސަޕޯޓަރުންނަށް ލިބުނު ބަޔާންކުރަންދަތި ހިތްދަތިކަން. އަހަރެމެންނަަށްވެސް ހަމަ އެފަދަ އިޙްސާސެއް ކުރުވި. އެހެންވެ ޖޮޓާގެ އަންހެނުން, ރޫޓު އަދި އާއިލާއާވެސް މިކަމުގަ އަހަރެމެން މަޝްވަރާ ކުރަން ނިންމީ. އަހަރެމެންގެ ގަސްތު އެމީހުންނަށް ފުރަތަމަ ބުނެދޭން" ކްލަބުގެ ފުޓްބޯޅައިގެ ސީއީއޯ މައިކަލް އެޑްވާޑްސް ބުނެފައި ވެއެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި މިއީ އެއް ކުޅުންތެރިއަކަށް ލިވަޕޫލްގެ ފުޓްބޯޅައިގެ ތާރިޙްގައިވެސް މިފަދަ ޝަރަފެއް އެރުވުނު ފުރަތަމަ ފަހަރެވެ. އެހެންކަމުން މިއީ ޖޮޓާފަދަ ޙާއްސަ މީހަކަށް އެރުވުނު ޙާއްސަ 'ޓްރިބިއުޓް' އެއްގެ ގޮތުގައި އޭނާ ސިފަކުރެއެވެ.
"ޖޮޓާގެ ނަމްބަރު މި ރިޓަޔާ ކުރަނީ މުޅި އުމުރަށް. މި ނަމްބަރު ދުވަހަކުވެސް ހަނދާން ނުނެތޭނެ ގޮތަށް. ޑިއޯގޯ ޖޮޓާ އަހަރެމެންނާ ގުޅުނީ 2020 ގައި. އޭނާ 20 ނަމްބަރު ހޯދާ އެނަމްބަރު ބޭނުންކުރީ ލޯތްބާއި, ފަހުރާ ޝަރަފާއެކު.އެހެންކަމުން މިކްލަބަށްޓައި ޖޮޓާއަކީ އަބަދުވެސް ކްލަބްގެ ނަމްބަރު 20" ލިވަޕޫލްގެ ބަޔާނުގައި ބުނެފައި ވެއެވެ.
ރިއެކްޝަންސް






