ހަތްތަރީގެ މޮޅަކާއެކު ބާސެލޯނާގެ މޮޅުނުވެވުމުގެ ސިލްސިލާއަށް ނިމުން
މެޗުގައި ދެ ގޯލް ކާމިޔާބުކޮށް އިތުރު ދެގޯލް ޖެހުމުގައި އެހީތެރިވި ފާމިން ލޮޕޭޒް. ފޮޓޯ: ބާސެލޯނާ

ހަތްތަރީގެ މޮޅަކާއެކު ބާސެލޯނާގެ މޮޅުނުވެވުމުގެ ސިލްސިލާއަށް ނިމުން

3 months ago - 10:50
Jan 27, 2025 - 10:54

ހަތްތަރީގެ މޮޅަކާއެކު ބާސެލޯނާގެ މޮޅުނުވެވުމުގެ ސިލްސިލާއަށް ނިމުން ގެނެސްފިއެވެ. 7-1 ން ވެލެންސިޔާ ބަލިކޮށް ހޯދި މޮޅާއެކު ވިދިވިދިގެން ހަތަރު މެޗުން މޮޅުނުވެވި ދިޔަ ސިލްސިލާއަށް ބާސާއިން ވަނީ ނިމުން ގެނެސްފައެވެ.

މެޗުގެ ތިންވަނަ މިނިޓްގައި ބާސެލޯނާއަށް ލީޑު ނަގައިދިނީ ފްރެންކީ ޑި ޔޮންގ އެވެ. އެގެ ފަސް މިނިޓްފަހުން ބަލްޑޭ ތަނަވަސްކޮށްދިން ފުރުޞަތުގައި ފެރަން ޓޮރޭސް ވަނީ ބާސާއަށް ލީޑު ފުޅާކޮށްދީފައެވެ. މެޗުގެ 14 ވަނަ މިނިޓްގައި ބާސެލޯނާގެ 3 ވަނަ ގޯލް ކާމިޔާބުކޮށްދިނީ މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުންއަންނަ ބްރެޒިލްގެ ފޯވާޑް ރަފީނިއާ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ފާމިން ޕޮލޭޒް ވަނީ ބާސެލޯނާއަށް އިތުރު ދެ ގޯލް ކާމިޔާބުކޮށްދީ ނަތީޖާ 5-0 ށް ބަދަލުކޮށްލާފައެވެ. ތިންވަނަ ގޯލް ބާސާއަށް ކާމިޔާބުކުރުމުގައި ރަފީނިއާ އަށް ފުރުޞަތު ތަނަވަސްކޮށްދިނީވެސް އޭނާއެވެ. އަދި ހަވަނަ ގޯލް 66 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނުމަށް ރޮބަޓް ލެވަންޑޮސްކީއަށް އެހީތެރިވީވެސް ލޮޕޭޒް އެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުއިން ލެވަންޑޮސްކީ މިސީޒަނުގެ ލީގުގައި ބާސެލޯނާއަށް މިހާތަނަށް 17 ގޯލް ކާމިޔާބުކޮށްދީފައިވެއެވެ. ބާސެލޯނާގެ ފަހު ގޯލަކީ ވެލެންސިއާގެ ސީޒަރ ޓަރޭގާ އަތުން ބައިކޮޅަށް ވައިން ގޯލެކެވެ.

Advertisement
Advertisement

މިއީ 2024 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ފަހުން ބާސެލޯނާއިން މެޗެއްގައި އެންމެ ތަފާތު ބޮޑުކޮށް މޮޅުވި ފުރަތަމަ މެޗެވެ. އެފަހަރު ރިއަލް ވަޔަޑޮލިޑް ކޮޅަށްވެސް ބާސެލޯނާއިން ވަނީ 7 ގޯލް ކާމިޔާބުކޮށްފައެވެ.

ހެންސީ ފްލިކްގެ އިރުޝާދުގެ ދަށުން ބާސެލާނާ އިން ކުޅުނު 32 މެޗުގައި މިހާތަނަށް ވަނީ 100 ގޯލް ކާމިޔާބުކޮށްފައެވެ. އެއާއެކު ފްލިކް ވެގެންގޮސްފައިވަނީ ދެވަނައަށް އެންމެ އަވަހަށް ބާސެލޯނާއަށް 100 ގޯލް ހަމަކުރި ކޯޗަށެވެ. 1959ގައި ހެލެނިއޯ ހެރޭރާ 100 ގޯލް ހަމަކުރީ 31 މެޗުންނެވެ.

ރޭގެ ނަތީޖާއާއެކު ބާސެލޯނާ ތާވަލްގެ ތިންވަނައިގައި އޮތީ އެންމެ ކުރީގައި އޮތް ރިއާލް މެޑްރިޑަށްވުރެ 7 ޕޮއިންޓް މަދުކޮށެވެ. ވެލެންސިއާ އޮތީ ތާވަލްގެ 19 ވަނައިގައެވެ.

ބުދަ ދުވަހު ޗެމްޕިއަންސް ލީގުގައި ބާސެލޯނާ ނިކުންނާނީ އެޓާލާންޓާއާ ދެކޮޅާށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow