
ޓްރަޕްމްގެ ޕްލޭނަކީ 'ރަތްރޮނގު ހުރަސްކުރުން', ޣައްޒާގެ ރައްޔިތުން އެބިމުން ނުފައިބާނެ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ "ޣައްޒާ ސާފުކޮށްލުމުގެ' ޕްލޭން އަކީ ރަތްރޮނގު ހުރަސްކުރުން ކަމުގައި ފަލަޞްޠީނުން ބުނެފިއެވެ. އަދި ޣައްޒާގެ ރައްޔިތުން އެބިމުން ނުފައިބާނެ ކަމަށާއި އެއީ އެމީހުން އުފަން އަދި ކާބަފައިންގެ ބިންކަމަށްވެސް ޣައްޒާގެ ރައްޔިތުން ދަނީ ބުނަމުންނެވެ.
އަދި ރޭވި އިންތިޒާމްވެގެން ޣައްޒާގެ ނަސްލު ނައްތާލުމަށް ކުރަމުންދާ ނުރައްކާތެރި ޕްލޭން ކާމިޔާބުނުވާނެކަން ވެސް ޣައްޒާގެ ރައްޔިތުން ވަނީ ބުނެފައެވެ.
ހޮނިހިރު ދުވަހު ޓްރަމްޕް ވަނީ ޣައްޒާގެ ރައްޔިތުން އަވައްޓެރި އުރުދުން އަދި މިޞްރަށް ގެންގޮސް 'ޣައްޒާ ސާފުކޮށްލުމަށް' ގޮވާލާ އެކަން ރަސްމީކޮށް އުރުދުންގެ ރަސްގެފާނު ޢަބަދުالله އަދި މިޞްރުގެ ރައީސް އެލް-ސީސީ އަށް ހުށަހަޅުއްވާނެކަމަށް ވިދާޅުވެފައެވެ. ޣައްޒާގެ އާބާދީއަކީ 2.4 މިލިއަން މީހުންކަމަށް ވާއިރު ޓްރަމްޕް ބުނެފައިވަނީ ކޮންމެ ޤައުމަކުން މިލިއަނެއްހާ ޣައްޒާގެ ރައްޔިތުން އެޤައުމުތަކަށް ގެންދިއުމަށް އެދޭކަމަށް ބުނެފައެވެ. ޓްރަމްޕް ގެ މި ވިދާޅުވުމާ ގުޅިގެން މިޞްރު އަދި ޢުރުދުން އިން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ފަލަޞްޠީނު އިދާރީގޮތުން ހިންގަމުން އަންނަ ފަލަޞްޠީނިއަން އޮތޯރިތީ (ޕީއޭ) އިން ވަނީ ރައީސް ޓްރަމްޕްގެ މި ހުށަހެޅުމަކީ 'ރަތްރޮނގު ހުރަސް ކުރުން' ކަމަށާއި ޣައްޒާގެ ރައްޔިތުން އެމީހުންގެ ވަޒަން ދޫކޮށްދާން ބޭނުންނުވާ ކަމަށް ބުނެފައެވެ. "އައްޒާގެ ރައްޔިތުން އެ ހުށަހެޅުން ޤަބޫލުކުރަން އެއްބަހެއްނޫން" ޓްރަމްގެ ވާހަކާތަކާ ގުޅިގެން ރައްދުދިނުމުގެ ގޮތުން ރާމަالله ގައި ޕީއޭއިން ބޭއްވި ބައްދަލުވުމުގައި އާދިއްތަ ދުވަހު ބުނެފައިވެއެވެ.
ފަލަޞްޠީނުގެ ރައްޔިތުން އެމީހުންގެ ބިން ދޫކޮށް ނުދާނެ. އަދި މިބިމުގައި ހުރި މުޤައްދަސް ތަންތައް ދޫކޮށްނުލާނެ. އަދި 1948ގެ ނަކްބާ އަލުން އިއާދަވުމަށްވެސް އެމީހުން ފުރުޞަތު ނުދޭނެ. ޣައްޒާގެ ރައްޔިތުން ތިބޭނީ އެމީހުންގެ ވަޒަނުގަ, އެމީހުންގެ ގެދޮރުގަ" ޕީއޭއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ފަލަޞްޠީނުގެ ރައްޔިތުންވެސް ދަނީ ޓްރަމްޕްގެ މި ގޮވާލުން ކުށްވެރިކޮށް ނުރުހުން ފާޅުކުރަމުންނެވެ. އެމީހުން ބުނެފައިވަނީ ޣައްޒާ ދޫކޮށްދާން ބޭނުންވާނަމަ 15 މަސްދުވަސްވަންދެން އެމީހުން އެ ތަޙައްމަލް ކުރި ކަންތައް ތަޙާއްމަލް ނުކުރާނެ ކަމުގައެވެ. އިޒްރާއިލް އަދި އެމެރިކާއިން ޣައްޒާއާ ދެކޮޅާށް ހިންގާ ޤަތުލްއާންމުން އެމީހުންނަށް އެކައްޗެއްވެސް ހާސިލްނުކުރެވޭނެ ކަމަށާއި ކޮންމެގޮތެއްވިއަސް އެމީހުން ތިބޭނީ ފަލަޞްޠީނުގެ ބިމުގައި ކަމުގައެވެ.
"ފަހަރުގައި ބަލިކަށިމީހުން ކެކުޅުމުން ސަލާމަތްވެ ތާއަބަދު ވޭނުގައި އުޅެން ބޭނުންނުވެދާނެ. އެކަމަކު އެމީހުންގެ އުފަން އަދި ކާބަފައިންގެ ބިމުން ފޭބުމުގެ ހިޔާލުވެސް ޣައްޒާގެ ރައްޔިތުން ނުކުރާނެ" ފަލަޞްޠީނުގެ ރައްޔިތެއްކަމަށްވާ ނާފިޒް ހަލާވާ އަލްޖަޒިރާއަށް ބުންޏެވެ.
ޕީއޭ އިން އިތުރަށް ބުނެފައިވަނީ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން ދަމަހައްޓާ, ވީހާވެސް އަވަހަށް ފަލަޞްޠީނުގެ ބިންތަކުން އިޒްރާއިލްގެ ފައުޖުތައް ފޭބުމަށް ގޮވާލާކަމުގައެވެ. އަދި ފަލަޞްޠީނަށް މިނިވަން މުސްތަޤިއްލު ޤައުމަކަށްވުމަށް ހުރިހާ ފަރާތްތަކުން ޖާގަދޭންޖެހޭ ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.
ޓްރަމްޕްގެ މި ހުށަހެޅުމަށް ޣައްޒާގެ ކަންކަން ބަލަހައްޓަމުން އަންނަ ހަމާސްއިން ވެސް ވަނީ ރައްދުދީފައެވެ. އަދި އިޒްރާއިލް އަށް އެމީހުންގެ ރޭވުމަށް މަގުފަހިވާގޮތަށް ކަންކަން ކުރުމުން އެއްކިބާވެ ފަލަޞްޠީނުގެ ރައްޔިތުންގެ ހައްގުތަކަށް އެމެރިކާއިންވެސް އިޙްތިރާމް ކުރުމަށް ވަނީ ގޮވާލާފައެވެ.
ރިއެކްޝަންސް






