
އެކަށީގެންވާ ކާނާ ނުލިބި ޣައްޒާގައި ތުއްތުކުދިން މަރުވާން ފަށައިފި, 335,000 ކުދިން މަރުގެ ތުންފަތް މަތީގައި
އެކަށީގެންވާ ކާނާ ނުލިބި ޣައްޒާގައި ތުއްތުކުދިން މަރުވާން ފަށައިފިއެވެ. ޣައްޒާގެ ސިއްހީ މަސްދަރުތަކާ ހަވާލާދީ އަލްޖަޒީރާއިން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. ހޮސްޕިޓަލްގައި ފަރުވާދެމުން އަދި ދެ މަހުގެ ތުއްތު ޖަނާން ސާލެހް އަލް- ސަފާކީ އިއްޔެ ނިޔާވެފައިވާއި އެކަށީގެންވާ ކާނާ ނުލިބި ޣައްޒާގައި 60 ދުވަހުގެ ތެރޭގައި ވަނީ 57 މީހަކު ނިޔާވެފައެވެ. އެގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނެއެވެ.
އިޒްރާއިލްއިން ޣައްޒާއަށް އިންސާނީ އެހީވަނުން ހުއްޓުވާފައި އޮންނަތާ ދެ މަހަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އދ ގެ ކުޑަކުދިންގެ އިމަޖެންސީ ފަންޑް (ޔުނިސެފް) އިން މީގެ ކުރިންވެސް ވަނީ ޣައްޒާގައި 335,000 ކުޑަކުދިން ރަނގަޅު ކާނާ ނުލިބި މަރުގެ ތުންފަތްމަތީގައި ތިބި ކަމުގެ އިންޒާރު ދީފައެވެ. އެއީ ފަސް އަހަރުން ދަށުގެ ތުއްތު ކުދިންނެވެ.
"މިހާރު މަރުވަމުންދާ ތުއްތު ކުދިންނަކީ އެކި އެކި ބަލީގައި ސިއްހީ ހާލަތު ދަށް ކުދިން. ޙާއްސައެހީއަށް ބޭނުންވާ ކުދިންނާއި ވަކި ޙާއްސަ ކާނާބޭނުންވާ ކުދިން" ޣައްޒާގެ ހޮސްޕިޓަލްގެ ޑޮކްޓަރެއް އަލްޖަޒީރާއަށް ބުނެފައި ވެއެވެ. ކުދިންގެ ހާލަތު ޑޮކްޓަރުން ކިޔާދޭއިރު ހާލަތުގެ ނާޒުކު ކަމުން ޑޮކްޓަރުންނަށް ރޮވޭ ކަމުގައި އަލްޖަޒީރާއިން ބުނެފައިވެއެވެ.
ޣައްޒާއަށް ފެނާއި, ކާބޯތަކެތި, އަދި ބޭހާއި ތެލުގެ އެއްވެސްމިންވަރެއް އެތެރެކުރުމުގެ ހުއްދައެއްވެސް ނެތެވެ. މިއާއެކު ޣައްޒާއަށް އިންސާނީ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު މީގެ ކުރިންވެސް ވަނީ އދ އާއި އެހެނިހެން ޖަމާއަތްތަކުން ދީފައެވެ.
ޣައްޒާގެ ރައްޔިތުން ހައިހޫނު ކަމުގައި ބައިތިއްބާ, އިޒްރާއިލް އިން އަންނަނީ ކޮންމެ ދުވަހަކުވެސް ވައިގެ ހަމަލާތަކުގައި އެތައް ރައްޔިތުންނެއް ޝަހީދުކުރަމުންނެވެ. ޣައްޒާގެ ސިއްހީ މަސްދަރުތަކާ ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި ޣައްޒާގެ އެކި ސަރަހައްދުތަކުން 45 މީހުން ޝަހީދުކޮށްލާފައި ވެއެވެ. އޭގެ ތެރޭގައި ތިން ކުޑ ކުއްޖަކުވެސް ހިމެނެއެވެ.
އޭގެތެރެއިން ދެ މީހަކު ޝަހީދުކޮށްލާފައިވަނީ ޣައްޒާ ސިޓީގެ ދަރަޖް އަށް ދިން ޑްރޯން ހަމަލާއެއްގައެވެ.
އިޒްރާއިލްއިން ޤަތުލްއާންމު ހިންގަންފެށިތާ 19 މަސްވާން ހަފުތާއަކަށް ވެފައިވާއިރު ހަމަލާތަކުގައި މިހާތަނަށް 52,495 މީހުން ޝަހީދުކޮށްޕލާގައިވާކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ. އޭގެތެރޭގައި 18,000 އްހާ ކުޑަކުދިންވެސް ހިމެނެއެވެ.
ރިއެކްޝަންސް






