
އަލް-މަވާސީގެ "ރައްކާތެރި ސަރަހައްދު" ގައި ހުރި ޓެންޓުތައް އިޒްރާއިލްއިން ސުންނާފަތިކޮށްލައިފި
ޣައްޒާގެ ދެކުނު ހާން ޔޫނިސްގެ އެންމެ ހުޅަނގު ބިތުގައި އޮޮންނަ އަމް-މަވާސީ ސަރަހައްދުގައި އެތައްހާސް ބަޔަކު ދިރިއުޅެމުންދާ ޓެންޓްތައް އިޒްރާއިލްގެ ޔަހޫދީ ސިފައިން ހަލާކުކޮށް ސަރަހައްދު އެފުށްމިފުށަށް ޖަހަފިއެވެ. ވިއްސިވިހާލިވެފައިވާ ޣައްޒާގެ ބޮޑުއާބާދީއެއް ތޮތްޖެހިގެން ދިރިއުޅޭ މަވާސީ އަކީ ކުރިން "ރައްކާތެރި ސަރަހައްދެއް" ގޮތުގައި އިޒްރާއިލްއިން ކަނޑައަޅާފައިވާ ސަރަހައްދެކެވެ.
ނަމަވެސް ބުރާސްފަތި ދުވަހު އިޒްރާއިލް ސިފައިން ކުއްލިގޮތަކަށް އެސަރަހައްދަށް އަރައިގަނެ އެއްވެސް އިންޒާރެއްނުދީ މީހުން ދިރިއުޅޭ ޓެންޓްތައް އެފުށް މިފުށަށް ޖަހާފައިވާކަމަށް އެސަރަހައްދުން ރިޕޯޓްކުރި އަލްޖަޒީރާގެ ނޫސްވެރިޔާ ތާރެގް އަބޫ-އަޒޫމް ބުނެފައި ވެއެވެ.
"އަހަރެމެން ދެށިން މީހުން ގައިމަތީ އަޅާ ރަޖާތައްވެސް ވިދާލާފައި ހުއްޓާ. ހިފާ ގެންގުޅޭ ސާމާނުތައްވެސް ހަލާކުކޮށް މުޅި ތަނަށް ތޫފާނެއް އަރާފައިވާ ކަހަލަ. ހަލާކުކޮށްލާފައިވަނީ ހަމައެކަނި މީހުން އެމީހުންގެ ގެތައްކަމުގައި ހަދައިގެން އުޅުނު ތަންތަނެއްނޫން. ދުއްވާ އުޅަނދުތަކާ ދަތުރުފަތުރުކުރާ ނިޒާމްވެސް ވަނީ ހަލާކުކޮށްލާފައި. އާއިލާތަކުން ކިރިޔާވެސް ބޭނުންހިފޭ އެއްޗެއް އެތަނުން ހޯދޭތޯ ބަލަމުން" ތާރެގް ބުނެފައި ވެއެވެ.
ޔަހޫދީ ސިފައިން އެސަރަހައްދު ސުންނާފަތިކޮށްލިއިރު ކައިރީގައި އޮންނަ ޓާކިޝް ގަބުރުސްްތާނެއް ކޮނެ އެތަނުން ހަށިތަކެއް ގެންގޮސްފައިވާކަމަށް މަންޒަރުދުށް މީހުންނާ ހަވާލާދީ އަލްޖަޒީރާއިން ބުނެފައި ވެއެވެެ. އެހެންކަމުން އެތާނގައި ވަޅުލާފައިވާ އާއިލާ މީހުންގެ ގަބުރުތައް އިޒްރާއިލްއިން ގެންގޮސްފާނެ ކަމުގެ ބިރަށް އެހެންުތަންތަނަށް ބަދަލުކުރަން ޣައްޒާގެ ރައްޔިތުންނަށް މަޖުބޫރުވެފައިވާކަމަށްވެސް އެމީހުން ބުނެފައިވާކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.
ރިއެކްޝަންސް






