
އެމްބާޕޭގެ ޕެނަލްޓީ އިން ރެއާލަށް ހަނި މޮޅެއް
މި ސީޒަންގެ ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗު އެމްބާޕޭގެ ޕެނަލްޓީއާއެކު 1-0ނެ ރެއާލް ކާމިޔާބުކޮށްފިއެވެ. ރެއާލްގެ ދަނޑުގައި ރޭ އެ ޓީމުގެ ފުރަތަމަ މެޗު ކުޅުނީ އޮސަސޫނާ އާ ދެކޮޅަށެވެ.
ރެއާލްގައި ހޭދަކުރި ފުރަތަމަ ސިޒަނުގައިވެސް އެންމެ ގިނަ ގޯލް ރެއާލްއަށް ކާމިޔާބުކޮށްދިން އެމްބާޕޭގެ ޕެނަލްޓީ ފެނިގެން ގޮސްފައިވަނީ ރޭގެ މެޗުގެ 51 ވަނަ މިނިޓްގައެވެ. ސީޒަަނުގައި ރެއާލްގެ ފުރަތަމަ މޮޅުގެ އިތުރުން މިއީ އާ ކޯޗު ޒަބީ އަލަންސޯގެ އިރުޝާދުގެ ދަށުން ލީގުގައި ރެއާލް ކުޅުނު ފުރަތަމަ މެޗު ވެސް މެއެވެ.
އަލޯންސޯ ރެއާލްއާ ގުޅުނީ ފާއިތިވި ސީޒަން ގާތްގަނޑަކަށް ނިމިފައިވަނިކޮށެވެ. ނަމަވެސް ފީފާ ކްލަބް ވޯލްޑްކަޕްގައި ކުރީގެ ކޯޗު ކާލޯ އަންޗެލޮއްޓީގެ ބަދަލުގައި ރެއާލްގެ ކޯޗަކަށް ކުރީ އަލޮންސޯއެވެ.
ރޭގެ މެޗު ރެއާލުން ފެށީ މި ސީޒަނަށް ކްލަބާ އަލަށް ގުޅުނު ތިން ކުޅުންތެރިއަކަށް ފުރުޞަތު ދީގެންނެވެ. އެއީ ލެފްޓް ބެކް އަލްވާރޯ ކަރޭރާ, ރައިޓް ބެކް ޓްރެންޓް އަލެކްސަންޑަރ އާނޯލްޑްއަދި ސެންޓްރަލް ޑިފެންޑަރ ޑީން ހުއިސެން އެވެ.
68 ވަނަ މިނިޓްގައި ބަދަލު ކުޅުނުްތެރިއެއްގެ ގޮތުގައި ނިކުއިން ޒުވާން ފްރެންކޯ މަސްޓަންޓޯނޯއަށް މެޗުގެ 89 ވަނަ މިނިޓްގައި ގޯލެއްކާމިޔާބުކުރުމުގެ ރަނގަޅު ފުރުޞަތެއް ލިބުނުނަމަވެސް އޮސަސޫނާގެ ކީޕަރު ވަނީ އޭނާގެ ހަމަލާ ދިފާއުކޮށްފައެވެ.
ރިއެކްޝަންސް






