
މާފަރު ފަޅު ފެރިދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅަނީ
މާފަރު ފަޅު ފެރިދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅަން ނިންމައިފިއެވެ. މިކަން ނިންމެވިކަން އިއުލާނުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު މިހާރު އއ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފެރިދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އެރަށުގައި ދޯނި އެހެލާ ސަރަޙައްދަކާއި ޕިކްނިކް އައިލެންޑެއް ތަރައްޤީ ކުރުމަށް މިއަދު ސޮއިކުރެއްވި މަޝްރޫޢަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ، މި ޕިކްނިކް އައިލެންޑް ތަރައްޤީކުރައްވާނީ، މާފަރު ފަޅުގައިކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ، ފަތުރުވެރިކަމަށް ބަރޯސާވާ ރަށެއް ކަމުގައިވާ ފެރިދޫގެ ތަރައްޤީގެ މުސްތަޤުބަލަށްޓަކައި، ރަށަށް އާމްދަނީ ހޯދޭނެ ވަޞީލަތެއްގެ ގޮތުގައި އެ ފަޅު ބޭނުންކުރެވޭނޭކަމަށް ރައީސް ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި ފެރިދޫގައި ވަނީ މި ނޫންވެސް އިތުރު ދެ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. އެއީ ފެރިދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް ޤާއިމުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމާއި، އއ އަތޮޅު މަދަރުސާގެ މަލްޓިޕަރޕަސް ހޯލާއި ޢުމްރާނީ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމެވެ.
އަތޮޅު މަދަރުސާގެ މަޝްރޫޢަށް އިޝާރާތްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސްކޫލަށް ބޭނުންވާ ބިނާރާއި އިންސާނީ ވަސީލަތްތައް ޤާއިމުކޮށްދެއްވުމަށް، ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން، އެ ކަންކަން ޙައްލުކޮށްދެއްވާނޭ ކަމަށެވެ. އެ ގޮތުން ސްކޫލަށް ބޭނުންވާ ބިނާރު ޤާއިމުކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް، ގިނަވެގެން ތިން މަސް ދުވަހުގެ ތެރޭގައި ފެށޭނޭކަމުގެ ޔަޤީންކަން އެ މަނިކުފާނު ދެއްވިއެވެ.
ފެރިދޫއަކީ އަތޮޅުގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ރަށެވެ. ސިއްޙީ މަރުކަޒުގެ ބިނާރާއި އިންސާނީ ވަސީލަތްތައް ހަރުދަނާކުރެއްވުމަށްވެސް ޚާއްޞަ ސަމާލުކަމެއް ދެއްވާނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރަށުގެ މަގު ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މި އަހަރު ފައްޓަވާނޭ ކަމަށާއި، ނެރުގެ މައްސަލައަށްވެސް މި އަހަރު ޙައްލެއް ހޯއްދަވައިދެއްވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ފުޓުބޯޅަ ދަނޑު ނިންމުމާއި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރާއި އައުޓްޑޯ ޖިމްގެ މަސައްކަތްވެސް މި އަހަރަށް ތާވަލުކުރެވިފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހިމެނިގެން މިއަދު ވަނީ އެ ރަށުގެ ފެނާއި ނަރުދަމާގެ ޚިދުމަތްވެސް އިފްތިތާޙުކޮށްދެއްވާފައެވެ.
ރިއެކްޝަންސް






