
މީކާއިލްއާ ގުޅޭ ޕޯސްޓް ޑިލީޓް ކުރީ މިނިސްޓްރީން އަންގައިގެނެއްނޫން- ޖަމާލުއްދީން ސްކޫލް
މީކާއިލްއާ ގުޅޭ ޕޯސްޓް ޑިލީޓް ކުރީ އެޑިއުކޭޝަން މިނިސްޓްރީން އަންގައިގެން ނޫން ކަމަށް ޖަމާލުއްދީން ސްކޫލުން ބުނެފިއެވެ.
ޖަމާލުއްދީން ސްކޫލުން ތައުލީމް ހާސިލްކުރި ދަރިވަރުންގެ ތެރެއިން ނަމޫނާ ދަރިވަރުންގެ ވާހަކަ ސިލްސިލާކޮށް ގެނައުމަށް ކުރިއަށް ގެންދާ ހަރަކާތުގެ ތެރެއިން އިއްޔެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމްގެ ވާހަކަ ޖަމާލުއްދީން ސްކޫލުން ޕޯސްޓް ކުރިއެވެ. އެކަމަކު ގަޑިއެއްހާއިރުގެ ތެރޭގައި އެޕޯސްޓް ޑިލީޓް ކުރުމުން އެސްކޫލަށް ފާޑުކިއުންތަކެއް އަމާޒުވިއެވެ. ޕޯސްޓް ޑިލީޓް ކުރީ އެޑިއުކޭޝަން މިނިސްޓްރީން އަންގައިގެން, ސިޔާސީ ނުފޫޒުން ކަމަށްބުނެ ފާޑުކިއުން އަމާޒުކުރި ފަރާތްތަކުގެ ތެރޭގައި މީކާއީލްވެސް ހިމެނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން އަންގައިގެން ޕޯސްޓް ޑިލީޓްކުރީ ކަމަށް ބުނަމުން ދަނިކޮށް, ރޭ ލަސްގަޑިއެއްގައި ޖަމާލުއްދީން ސްކޫލުން ވަނީ އެކަން ދޮގުކޮށް ބަޔާނެއް ނެރެފައެވެ. އެސްކޫލުން ނެރުނު ބަޔާނުގައި ބުނީ ޕޯސްޓް ޑިލީޓް ކުރީ އެސްކޫލަށް ނިސްބަތްވާ ކުރީގެ ދަރިވަރުގެ ފަރާތުން އަދުގެ ދަރިވަރުންނަށް ނަމޫނާއަކަށް ފެންނަން ނުޖެހޭފަދަ އަމަލުތަކެއް ފެނުމުން ކަމަށެވެ. އަދި އެފަދަ ކަންކަމަކީ އެސްކޫލުން ޤަބޫލުކުރާ އަޚްލާޤީ މިންގަނޑުން ބޭރު ކަމަކަށް ވާތީ ކަމަށެވެ. މީގެއިތުރުން ބެލެނިވެރިންގެ ކަންބޮޑުވުންވެސް އޮތްކަމަށް ވުމުން ކަމަށް ޖަމާލުއްދީން ސްކޫލުން ބުންޏެވެ.
ޖަމާލުއްދީން ސްކޫލުން ބުނީ ޕޯސްޓް ޑިލީޓްކުރީ އެލްމްނާއީ ޕްރޮފައިލް ކޮމިޓީގެ މަޝްވަރާގެ މަތީން ކަމަށެވެ. އެކަމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ޕްރެޝަރެއް ނެތް ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
ރިއެކްޝަންސް






