
ކުއްޖެއްގެ ކިބައިގައި ހުރި ތަފާތުކަމަކާއެކު އެކުއްޖަކު ބަލައިގަންނަން ޖެހޭ- މެޑަމް ސާޖިދާ
ކުއްޖެއްގެ ކިބައިގައި ހުރި ތަފާތުކަމަކާއެކު އެކުއްޖަކު ބަލައިގަންނަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ހުންނަ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ އެފަދަ ކުދިން ބަލައިގަތުމުގައި މުޖްތަމަޢުގެ ހުރިހާ ގިންތިއަކުން އެކުދިންނަށް ލިބިދޭންޖެހޭ އެއްބާރުލުން ހޯދައިދޭން ޖެހޭ ކަމަށެވެ. އަދި އެކަން ކުރުމަށް އޯޓިޒަމް އެސޯސިއޭޝަނުން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަމިއްލަ ޙައްޤުތަކަށް ވަކާލާތުކުރުމުގެ ފުރުސަތު, އެކުދިންނަށް ލިބިދޭ ފަދަ މާޙައުލެއް ޤާއިމްކުކޮށްދީ، ތަހުޒީބު މުޖުތަމަޢަކަށް ދިވެހި މުޖްތަމަޢު ބަދަލުކުރުމަށްޓަކައި އޯޓިޒަމް ސެންޓަރުން ގިނަ މަސައްކަތްތަކެއްވެސް އެއެސޯސިއޭބަނުން ކުރައްވާކަން ފާހަގަކުރެއްވިއެވެ.
މި ދާއިރާގެ ބޭރު ދުނިޔޭގެ ހާލަތަށް އަލިއަޅުވާލައްވައި އޯޓިޒަމްގެ އެކި މައްސަލަތަކާ އެކުވެސް ދިރިއުޅުން ކާމިޔާބު ކުރި އަދި މިހާރު ވެސް ދިރިއުޅުން ކާމިޔާބުކަމާއެކު ކުރިޔަށް ގެންދާ އެތައް ޝަޚްޞިއްޔަތެއް ފާހަގަކުރެވޭކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ. އެހެންކަމުން އެއްވެސް ކުއްޖެއްގެ ކިބައިން އޯޓިޒަމްގެ އަލާމާތެއް ފެނުމުން މާޔޫސްނުވުމަށް ބާރުއަޅުއްވައި އެ ކުއްޖާގެ ހުރި ޤާބިލުކަމެއް ދެނެގަނެ، އަދި އެ ރޮނގުން އޭނާއަށް ވީހާ ވެސް ގިނަ ފުރުޞަތުތަކެއް މަގުފަހިކޮށްދެއްވުމަށް ބާރުއެޅުއްވިއެވެ. ވިދާޅުވީ އޯޓިޒަމްގެ ދާއިރާއާ ގުޅޭ ގޮތުން މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރަން ޖެހޭ ކަމަށެވެ.
އޯޓިޒަމް ކުދިންނަށް "ޚާއްސަ ފަރުވާއެއް ދީގެން ރަނގަޅުކުރުމަށް" ނުވަތަ އެ ކުދިންގެ ސިކުނޑި މަސައްކަތްކުރާގޮތް ތަފާތުވުމުގެ ސަބަބުން އުފެދޭ، ތަފާތު ވިސްނުމާ އުޅުން ބަދަލުކުރަންޖެހޭކަމަށް، އާންމު މުޖުތަމަޢު ދެކޭ ދެކުމަކީ ރަނގަޅު ގޮތެއް ނޫންކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އެފަދަ ކުށް ހީތައް ފިލުވައިލެވޭތޯ ބުރަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް އެކަމަނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މިސަރުކާރުގެ އިޖުތިމާޢީ ޢަދުލުގެ ސިޔާސަތުގެ ތެރެއިން އޯޓިޒަމް ކުދިންނަށް ވަރަށްބޮޑު އިސްކަންދެއްވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ވަޒީފާގެ މާހައުލުން ވެސް މި ފަދަ ޙާލަތްތަކުގެ ކުދީންނަށް ޖާގަ ފަހިކޮށްދޭން ޖެހޭނެކަމަށް ސަރުކާރުން ނިންމަވާފައިވާ ނިންމެވުން ފާހަގަކުރެއްވިއެވެ.
ރިއެކްޝަންސް






