
އެންމެ ފަހުން ރާމޯސް ކުޅޭނެ ކްލަބެއް ހޯދައިފި, މިފަހަރު މެކްސިކޯ ލީގަށް
ސްޕެއިން އަދި ރެއާލް މެޑްރިޑްގެ ލެޖެންޑް, ސާޖިއޯ ރާމޯސް ލީގާ އެމްއެކްސްގެ ކްލަބް މޮންޓެރޭ އަށް ސޮއިކޮށްފިއެވެ. މެކްސިކޯގެ ކްލަބްގެ މީސްމީޑިއާގައި އިއުލާންކޮށްފައިވާ ގޮތުން އޭނާ އެ ކްލަބަށް ކުޅޭނީ 93 ނަންބަރު ޖޯޒީގައެވެ.
"ފުޓްބޯޅައިގެ ދުނިޔޭގައި ތާރީޚީ ޑިފެންޑަރެއް, ޕީއެސްޖީ އަދި ރެއާލް މެޑްރިޑްގައި އެތައް ކާމިޔާބީ ތަކެއް ހޯދާ, ސްޕެއިންއާ އެކު ދުނިޔޭގެ ތަށި އުފުލާލި ރާމޯސް އަށް ކްލަބް ޑި ފުޓްބޮލް މޮންޓެރީ އަށް މަރުޙަބާ" ކްލަބުން އޭނާއަށް މަރުހަބާ ކިޔާ ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. ކްލަބުން އިތުރަށްބުނީ ރާމޯސްގެ ލީޑަރޝިޕާއި, މެޗަކުން މޮޅުވާން އޭނާ ވިސްނާގޮތާއި އުކުޅުތަކާއެކު ހުދު އަދި ނޫ ކުލަ އާ އުސްމިންތަކަކަށް ގެންދާނެކަމުގައެވެ.
2010 ގެ ވޯލްޑްކަޕް ސްޕެއިން އާއެކު ކާމިޔާބުކޮށް ދެފަހަރު އެޓީމާއެކު ޔޫރަޕިއަން ޗެމްޕިއަންޝިޕް ކާމިޔާބުކުރި ރާމޯސް މިދިޔަ ހޫނު މޫސުމުގައި ސެވިއްޔާގެ ކޮންޓްރެކްޓް ހަމަވިފަހުން މިހާތަނަށް ހުރީ އެއްވެސް ކަލްބެއްގައެއް ނޫނެވެ. 38 އަހަރުގެ ރާމޯސް ޕީއެސްޖީން އޭނާގެ ކެރިއަރު ފެށި ސެވިއްޔާ އަށް އޭރު ބަދަލުވީ އެއް ސީޒަނަށެވެ.
މޮންޓެރީ އިން ރާމޯސް އާއެކު އެއްބަސްވުން ހެދީ އެ ކްލަބްގެ ޑިފެންޑަރު ކާލޮސް ސަލްސޭޑޯ އަށް އަނިޔާވެ ފާއިތުވެ ދިޔަ މަހު އޭސީއެލް ސާޖަރީއެއް ހަދާފައިވާ ދަނޑިވަޅުގައި އެޓީމްގެ ޑިފެންސް ހަރުދަނާ ކުރުމުގެ ގޮތުންނެވެ.
ސެވިއްޔާ އެކަޑެމީން ކެރިއަރު ފެށި ރާމޯށް ރެއާލް މެޑްރިޑްގައި 16 އަހަރު ހޭދަކުރިއެވެ. ކްލަބްގެ ކެޕްޓަން ކަންވެސް ކުރި ރާމޯސް ރެއާލް އާއެކު ވަނީ ހަތަރު ޗެމްޕިއަންސް ލީގާއި ފަސް ލަލީގާ ހާސިލްކޮށްފައެވެ.
ރިއެކްޝަންސް






