ވުލްވްސްގެ ބަލިކޮށް ޗެލްސީ ގަދަ ހަތަރަކަށް
އިނގިރޭސި ޕްރިމިއަރ ލީގުގައި ހޯމަ ދުވަހުގެރޭ ވުލްވްސްގެ މައްޗަށް 3-1 ން ޗެލްސީ ކުރި ހޯދައިފިއެވެ. މި މޮޅާއެކު ޗެލްސީ ވަނީ މެންޗެސްޓަރ ސިޓީ ފަހަތަށް ޖައްސާލާ 40 ޕޮއިންޓާއެކު ތާވަލްގެ ގަދަ ހަތަރެއްގެ ތެރެއަށް ޖެހިލާފައެވެ.
މެޗުގައި ޗެލްސީން ލީޑުނެގީ 24 ވަނަ މިނިޓްގައި ޑިފެންޑަރު ޓޮސިން އަޑަރާބަޔޯޔޯ އެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ވުލްވްސްގެ މެޓް ޑޮހާޓީ ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
ދެވަނަ ހާފުގައި ޗެލްސީއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ މާކް ކުކުރޭޔާއެވެ. 60 ވަނަ މިނިޓްގައި ޗެލްސީގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ ކިއެނަން ޑިއުސްބަރީ-ހޯލް ތަނަވަސްކޮށްދިން ފުރުޞަތުގައެވެ.
ޗެލްސީ މެޗުން މޮޅުކޮށްދިން ގޯލް މެޗުގެ 65 ވަނަ މިނިޓްގައި ޓްރެވޯ ޝަލޮބަހް ތަނަވަސްކޮށްދިން ފުރުޞަތުގައި ކާމިޔާބުކޮށްދިނީ ނޮނީ މަޑުއެކް އެވެ. މެޗުގައި ޝަލޮބަހް ވަނީ މޮޅު ކުޅުމެއް ދައްކާ ޗެލްސީ ކޮޅަށް ނަތީޖާ އަނބުރާ ލުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.
ހޮނިހިރު ދުވަހު ޗެލްސީ ބައްދަލުކުރާނީ ޗެލްސީގެ ފަހަތުން ތާވަލްގެ ފަސްވަނައިގައި އޮތް މެންޗެސްޓަރ ސިޓީއާއެވެ.
ތާވަލްގެ އެންމެ ކުރީގައި 21 މެޗުން 50 ޕޮއިންޓާއެކު އޮތީ ލިވަޕޫލް އެވެ. ދެވަނައިގައި އޮތް އާސެނަލްއާއި ތިންވަނައިގައި އޮތް ނޮޓިންގްހަމް ފޮރެސްޓް އޮތީ 22 މެޗުން 44 ޕޮއިންޓާއެކުއެވެ.
ރިއެކްޝަންސް