
ޗެމްޕިއަންސް ލީގު ސެމީ ފައިނަލް: ބާސެލޯނާ އާ އިންޓަރ މިލާން އެއްވަރު, ޔަމާލްއަށް ތައުރީފު އޮހެނީ
ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގެ ފުރަތަމަ ލެގުގައި ބުރާސްފަތި ދުވަހު ބާސެލޯނާ އާއި އިންޓަރ މިލާން 3-3 އެއްވަރުވި މެޗުގައި ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލްގެ ހުނަރަށް ދުނިޔޭގެ ލޯތައް ހުއްޓިއްޖެއެވެ.
ފުޓްބޯޅަ ކޮމަންޓޭޓަރުން 17 އަހަރުގެ ޔަމާލްއަށް ގޮވީ "ޖީނިއަސް", "ޗީޓްކޯޑް" އަދި "ފިނޯމިނަލް" ފަދަ ބަސްތަކުންނެވެ. "މެސީ އާ އަމިއްލަ ނަފްސު އަޅާނުކުޔާނެ" ކަމަށް ބުނި 17 އަހަރުގެ ޒުވާނާގެ ފަރާތުން ފެނިގެންދިޔަ ހުނަރަކީ 17 އަހަރުގެ މެސީ ޗެމްޕިއަންސް ލީގު ފައިނަލެއްގައި ހުވަފެނަކުން ނޫނީ ނުދެކޭނެ ކަމެކެވެ.
3-3 ން އެއްވަރުވި މެޗުގައި އިންޓަރގެ ތިން ގޯލްގައިވެސް ޑެންޒެލް ޑަމްފްރައިސް ގެ ބައިވެރިވުން ފެނިގެންގޮސްފައިވެއެވެ. މިނިޓެއް ނުވަނީސް އިންޓަރ އަށް ލީޑު ނަގައިދިނުމުގައި މާކަސް ތުރާމްއަށް އެހީތެރިވީ އޭނާއެވެ. އަދި 21 ވަނަ މިނިޓްގައި ފްރާންސެސްކޯ އަސާބީ ތަނަވަސްކޮށްދިން ފުރުޞަތުގައި ލީޑު ފުޅާކުރީވެސް އޭނާއެވެ. ޑަމްފްރައިސް ވަނީ 64 ވަނަ މިނިޓްގައި އިންޓަރ ގެ އިންވަނަ ގޯލް ހަކަން ޗަލަލޯނޫ ތަނަވަސްކޮށްދިން ފުރުޞަތުގައި ކާމިޔާބުކޮށްފައެވެ.
ނަމަވެސް ދުނިޔޭގެ ކުޅިވަރުގަ ހަބަރުތަކުގެ ސުރުޚީއަށް އަށް އެރީ 17 އަހަރުގެ ޔަމާލް އެވެ. އޭނާގެ ކެރިއަރުގެ 22 ވަނަ ގޯލް ބާސެލޯނާއަށް ކާމިޔާބުކޮށްދިނީ މެޗުގެ 24 ވަނަ މިނިޓްގައެވެ. އެއީ އޭނާ ބާސެލޯނާއަށް ކުޅެދިން 100 ވަނަ މެޗެވެ. ޔަމާލްގެ މޮޅު ގޯލާއެކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ 1-2 ށް ބަދަލުކޮށްލިއެވެ.
"އަހަންނަށް ހިއެއްނުވޭ އެކަނި ކުޅުންތެރިއެއްގެ ހުނަރު 45 މިނިޓް ތެރޭގައި އަހަންނަށް ދުވަހަކުވެސް އެހާ މޮޅަށް ފެނުނުހެނެއް" ފުރަތަމަ ހާފު ނިންމާ ކުޅޫންތެރިން ދަނޑުން ފައިބަމުން ދިޔަ ގަޑީގައި ޓީއެންޓީ ސްޕޯޓްސްގެ ކޮމަންޓޭޓަރ އެލީ މެކްކޮއިސްޓް ބުންޏެވެ.
އިންޓަރ މިލާންގެ ކޯޗު ސިމިނޯއީ އިންޒާގީވެސް ވަނީ މެޗަށްފަހު ޔަމާލްއަށް އެބީދައިން ތައުރީފް ކޮށްފައެވެ. "ލަމީންގެ އެ ހުނަރަކީ ކޮންމެ 50 އަހަރަކުން އެއްފަހަރު އަންނަ ކަހަލަ ހުނަރެއް. އޭނާގެ ފަރާތުން އެފެންނަ މޮޅުކަން އަހަރެން ހައިރާން ކުރުވާ" އިންޓަރގެ ކޯޗު ބުނެފައި ވެއެވެ.
ބާސެލޯނާގެ ކޯޗު ހެންސީ ފްލިކް ވެސް ވަނީ ޔަމާލް އަކީ ޖީނިއަސް އެއް ކަމަށާއި, އޭނާގެ އެންމެ ހާއްސަ ކަމަކީ ބޮޑެތި މެޗުގައި އެދައްކާ އާދަޔާ ހިލާފް ހުނަރު ކަމުގައި ބުނެ ޔަމާއަށް ތައުރީފްކޮށްފައެވެ.
ބީބީސީގެ ކޮމަންޓޭޓަރު ވަނީ ޔަމާލް އަކީ މުސްތަޤުބަލުގައި ދުނިޔޭގެ އެންމެ މޮޅުކުޅުންތެރިޔާ ކަމަށްވެސް ބުނެފައެވެ.
މެޗުގައި ބާސެލޯނާގެ ދެވަނަ ގޯލް 38 ވަނަ މިނިޓްގައި ކާމިޔާބުކުރީ ރަފީނިއާ ތަނަވަސްކޮށްދިން ފުރުޞަތުގައި ފެރަން ޓޮރޭސްއެވެ. ތިންވަނަ ގޯލަކީ ކީޕަރު ޔަން ސޯމާ އަތުން 65 ވަނަ މިނިޓްގައި ބައިކޮޅަށް ވައިން ގޯލެކެވެ.
ދެވަނަ ލެގު އޮންނާނީ މެއި 6 ގައެވެ. ސެމީފައިނަލްގެ އަނެއް މެޗުގެ ފުރަތަމަ ލެގުގައި އާސެނަލް އާއި ޕީއެސްޖީ ބައްދަލު ކުރި މެޗު ބުދަ ދުވަހު 1-0 ން ކާމިޔާބުކުރީ ޕީއެސްޖީއެވެ. ދެވަނަ ލެގު އޮންނާނީ މެއި 7 ގައެވެ.
ރިއެކްޝަންސް






