މަސައްކަތްތެރީންގެ އަޑު އަހާ, މަސައްކަތްތެރީންނަށް މަގުތައް ފަހިކޮށްދޭން ދެމި ތިބޭނަން- ރައީސް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު: ފޮޓޯ-ރައީސް އޮފީސް

މަސައްކަތްތެރީންގެ އަޑު އަހާ, މަސައްކަތްތެރީންނަށް މަގުތައް ފަހިކޮށްދޭން ދެމި ތިބޭނަން- ރައީސް

1 day ago - 07:11
May 1, 2025 - 07:11
Advertisement
Advertisement

މަސައްކަތްތެރީންގެ އަޑު އަހާ, މަސައްކަތްތެރީންނަށް މަގުތައް ފަހިކޮށްދޭން ސަރުކާރުން ދެމި ތިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަސައްކަތްތެރީންގެ އަޑު އެހުމުގައި، އަދި މަސައްކަތްތެރީންނަށް މަގުތައް ފަހިކޮށްދީ، ލިބޭ އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ހޯދައި ދިނުމުގައި ކޮންމެ ދުވަހަކުވެސް ސަރުކާރު ދެމި އޮންނާނެ ކަމަށެވެ. ރާއްޖޭގައި ކުރެވޭ އިޤްތިޞާދީ މަސައްކަތްތައް އިތުރުކުރުމަށާއި، ވަޒީފާގެ ފުރުޞަތުތައް ގިނަ ކުރުމަށް ދިވެހި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ވަޒީފާ އަދާކުރާ ފަރާތްތަކަށް ލިބޭ އުޖޫރަ އިތުރުވާނެ ގޮތްތައް ހޯދައި ދިނުމަށާއި، އެކި ދާއިރާތަކުގެ ޚިދުމަތްތެރީން ދަފްތަރުކޮށް ހިޔާވަހިކަމުގެ ސްކީމްތަކާއި، ބޭންކުން ލޯނު ލިބުން ފަދަ ކަންކަން ފަސޭހަކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތަކަށް ބޮޑު ކާމިޔާބެއް ހޯދާނެ ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމަށް ފައިދާ ހުރި މަސައްކަތްތެރި އަތްތައް ގިނަކުރުމަށްޓަކައި، މަސައްކަތުގެ އަޚްލާޤާއި، ހުނަރު ދަސްކޮށްދިނުން ތަޢުލީމީ މަންހަޖުގައި އިތުރުކުރަން ޖެހޭ ކަމަށެވެ. ވަޒީފާ އަދާކުރާ ބިދޭސީން ރަނގަޅަށް ބެލެހެއްޓި، ޤާނޫނު ތަންފީޒު ކުރުމަށް ސަރުކާރުން ފެށި މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ދާން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަސައްކަތްތެރީންގެ ބައިނަލްއަޤްވާމީ ދުވަހު ބެލެނިވެރީންނަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވީ ކޮންމެ ކުއްޖަކީވެސް މަސައްކަތްތަކަށް އަހުލުވެރި ހީވާގި ކުއްޖެއްގެ ގޮތުގައި ބޮޑުކުރަން ޚާއްޞަ ސަމާލުކަމެއް ދިނުމެވެ. އެއާއެކު، އެންމެ ދިވެއްސަކުވެސް، މަސައްކަތެއް ނުކޮށް ބާކީ ވެގެންދާން ދޫކޮށް ނުލަން މުޅި މުޖުތަމަޢު ގުޅިގެން ޤައުމީ މަސައްކަތްތަކެއް ފަށަން ޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހީން އެދޭ ތަމައްދުން ހާސިލު ކުރެވޭނީ އޭރުން ކަމަށެވެ.

Advertisement
Advertisement

" ދިވެހިރާއްޖެ މިއަދު މި ދެކޭ ހިސާބަށް ގެނެސްދިނީ މަސައްކަތްތެރީންނެވެ. އަދި، މާދަމާ ޤައުމު ދާން އުންމީދު ކުރާ އުސްމިންތަކަށް ވާޞިލުކޮށްދޭނީވެސް މަސައްކަތްތެރީންނެވެ. ދިވެހި އުންމަތުގެ ހަކަތައަކީ، ބުންވަރަކީ، އެއްވެސް ޝައްކެއްނެތް ގޮތުގައި މި ޤައުމުގެ ހީވާގި ޚިދުމަތްތެރީންނެވެ." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަސައްކަތްތެރީންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ މޭ މަހުން ފުރަތަމަ ދުވަސް މުޅި ދުނިޔޭގައި ފާހަގަ ކުރެވެމުން ދިޔަ ނަމަވެސް، ކޮންމެ ދުވަހަކީވެސް މަސައްކަތްތެރީންގެ ދުވަހެއް ކަމަށެވެ. ކޮންމެ ދުވަހަކުވެސް މި ޤައުމު ކުރިއަށް ފިޔަވަޅުތަކެއް މި އަޅަނީ މަސައްކަތްތެރީންގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement