ތިލަމާލެ ބްރިޖު: މާލެއާއި ވިލިމާލެ ގުޅުވައިދޭ އެންމެ ފަހު ސެގްމަންޓް ގުޅާލުމަށް ތައްޔާރުވެއްޖެ
މާލެ ސަރަޙައްދުގައި މިވަގުތު ކުރިއަށްދާ ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ މަޝްރޫޢު ކަމަށްވާ ތިލަމާލެ ބުރިޖު މަޝްރޫޢުގެ ދަށުން، މާލެއާއި ވިލިމާލެ ގުޅުވައިދޭ އެންމެ ފަހު ސެގްމަންޓު ގުޅާލުމަށް ތައްޔާރުވެއްޖެއެވެ.
މި މަޝްރޫޢުގެ މައި ކޮންޓްރެކްޓަރު، އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗަރ ކުންފުނިން މަޢުލޫމާތު ދިން ގޮތުގައި، ވިލިމާލެއާއި މާލެ ގުޅުވާލަދޭ އެންމެ ފަހު ސެގްމަންޓު ގުޅާލުމާއެކު އެ ބައިގެ މައި އޮނިގަނޑުގެ މަސައްކަތް އެއްކޮށް ފުރިހަމަވެގެންދާނެއެވެ. އަދި މި މުހިންމު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްޞަ ހަރަކާތް މާދަމާ ހެނދުނު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެފްކޮންސްއިން ބުނިގޮތުގައި ފަހު ސެގްމަންޓު ގުޅާލުމަށްފަހު ދެން ކުރިއަށްދާނީ ބްރިޖުގެ ފިނިޝިންގ މަސައްކަތްތަކެވެ. އޭގެ ތެރޭގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޖަހާ ރޭލިންގްސް ހަރުކުރުމާއި، މަގުބައްތި (ލައިޓް) ހަރުކުރުން ފަދަ މަސައްކަތްތައް ހިމެނެއެވެ. އަދި މައި އޮނިގަނޑު ގުޅާލެވުނު ކަމުގައި ވިޔަސް، ބްރިޖު މަތިން އާންމުންނަށް ދަތުރުފަތުރުގެ ޚިދުމަތް ދޭން ފެށޭނީ ފިނިޝިންގ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިމުމުން ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.
މާލެ ސަރަޙައްދުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ކުރިއަށްގެންދާ މި ބިޔަ މަޝްރޫޢުގެ ދަށުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި އެއްގަމު މަގުން ގުޅާލެވޭނެއެވެ. މި ރަށްތައް ހުރަސްކުރުމަށްޓަކައި ހައިވޭތަކެއް ހަދަމުންދާއިރު، އެ މަސައްކަތްތައްވެސް ބާރަށް ކުރިއަށްދާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ (ބިނާރާ ބެހޭ ވުޒާރާ) އިން ވިދާޅުވި ގޮތުގައި ގުޅިފަޅުގައި ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާއިރު، ތިލަފުށީގައި މިހާރު ކުރިއަށްދަނީ ބްރިޖާ ގުޅިގެން ޖަހަންޖެހޭ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެވެ. ކަނޑު ހުރަސްކޮށް އަޅާ ބުރިޖާއި ކޯޒުވޭތައް ހިމެނޭހެން މުޅި ކަނެކްޓިވިޓީގެ ދިގުމިނުގައި ޖުމްލަ 6.7 ކިލޯމީޓަރު ހުންނާނެއެވެ.
ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ތިލަމާލެ ބުރިޖު) އަކީ ޖުމްލަ 500 މިލިޔަން ޑޮލަރު (ގާތްގަނޑަކަށް 7.7 ބިލިޔަން ދިވެހި ރުފިޔާ) ޚަރަދުވާ މަޝްރޫޢެކެވެ. މިއީ އިންޑިއާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދެއްވާފައިވާ 100 މިލިޔަން ޑޮލަރާއި، 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ފެސިލިޓީގެ އިތުރުން ދިވެހި ސަރުކާރުގެ ބަޖެޓުންވެސް ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ރިއެކްޝަންސް





