ބަންގްލަދޭޝްގެ އިންތިޚާބީ އައު ރައީސަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި
ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝްގެ ރައީސްކަމުގެ މަޤާމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި މިރްޒާ ފަޚްރުލް އިސްލާމް އާލަމްގީރަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި، ފާއިތުވި 35 އަހަރުގެ ތެރޭގައި އެ ޤައުމުގައި ވާދަވެރިކޮށް ބޭއްވުނު ފުރަތަމަ ރިޔާސީ އިންތިޚާބު އެމަނިކުފާނު ކާމިޔާބު ކުރެއްވުމަކީ، ބަންގްލަދޭޝްގެ ޑިމޮކްރެސީގެ ޙަޔާތުގައި ފާހަގަކޮށްލެވޭ މުހިންމު ލަނޑުދަނޑިއެއް ކަމަށާއި، އެއީ އެމަނިކުފާނަށް ރައްޔިތުން ކުރާ އިތުބާރު ހާމަކޮށްދޭ ކަމެއް ކަމުގައި ފާހަގަކުރައްވާފައިވެއެވެ.
މީގެއިތުރުން، ދިވެހިރާއްޖެއާއި ބަންގްލަދޭޝާ ދެމެދު އޮތް ޒަމާންވީ ގުޅުމަކީ ތާރީޚީ ވަރުގަދަ ގުޅުންތަކެއްގެ މައްޗަށާއި، ސަރަޙައްދީ ހަމަޖެހުމާއި ތަރައްޤީއަށް ދެ ޤައުމުން ދޭ އަހައްމިއްޔަތުކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނުގެ ޒަޢާމަތުގައި ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެ، އެކި ދާއިރާތަކުން ގުޅުން ވަރުގަދަކުރެވި، ކުރިއަށް އޮތް އަހަރުތަކުގައި ދެ ޤައުމުގެ ގުޅުން އިތުރު އައު އުސްމިންތަކަކަށް ވާޞިލުވާނެކަމަށް ޔަޤީންކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސިޓީފުޅު ނިންމަވާލައްވާފައިވަނީ، ރައީސް މިރްޒާ ފަޚްރުލް އިސްލާމް އާލަމްގީރުގެ ދައުރުގައި ބަންގްލަދޭޝްއަށް ދެމެހެއްޓެނިވި ޞުލްޙައާއި ކުރިއެރުމާއި ފާގަތިކަން ލިބުމަށް އެދިވަޑައިގަންނަވަމުންނެވެ.
ރިއެކްޝަންސް





