ފެހުރިހި ބަލަން ވަންނަ އުޅަނދުތަކުގެ ބުރަފަތީގައި ގާޑު ހަރުކުރަން 45 ފަރާތަކުން އެދިއްޖެ
ފޮޓޯ- ޕީ.އެސް.އެމް ނިއުސް

ފެހުރިހި ބަލަން ވަންނަ އުޅަނދުތަކުގެ ބުރަފަތީގައި ގާޑު ހަރުކުރަން 45 ފަރާތަކުން އެދިއްޖެ

6 hours ago - 16:44
Aug 21, 2026 - 16:45
Advertisement
Advertisement

ފެހުރިހި ބަލަން ވަންނަ އުޅަނދުފަހަރުގެ ބުރަފަތީގައި ގާޑު ހަރުކުރުން މަޖުބޫރުކުރުމާ ގުޅިގެން، މިހާތަނަށް އެކަމަށް އެދި 45 އެޕްލިކޭޝަނެއް ހުށަހަޅާފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ.


ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް ގުޅިގެން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި 93 ސަރަހައްދެއް ހިމާޔަތްކޮށްފައި ވީނަމަވެސް، އިސްކަންދީގެން މިވަގުތު ބެލެހެއްޓެނީ 5 ސަރަހައްދެއް ކަމަށެވެ. މީގެ ތެރެއިން އދ. އަތޮޅުގައި އޮންނަ ސައުތު އަރި މެރިން ޕާކް (ސަމްޕާ) ސަރަހައްދަކީ މުޅި އަހަރު ދުވަހު ވެސް ފެހުރިހި ފެންނަ، ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ މުހިންމު ސަރަހައްދެކެވެ. ނަމަވެސް މި ސަރަހައްދަށް ވަންނަ އުޅަނދުތަކުގެ ބުރަފަތީގައި ޖެހި، ފެހުރިއްސަށް އެކިވަރުގެ ގެއްލުންތައް ލިބެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.


މި މައްސަލަ ހައްލުކުރުމުގެ ގޮތުން ޤަވާއިދަށް ބަދަލު ގެނެސް، ފެހުރިހި ބަލަން ވަންނަ އުޅަނދުތަކުގެ ބުރަފަތީގައި ރައްކާތެރިކަމުގެ ގާޑު ހަރުކުރުން ވަނީ މަޖުބޫރުކޮށްފައެވެ. ވަޒީރު ވިދާޅުވީ، މިއީ ހަމައެކަނި ފެހުރިހި ހިމާޔަތްކުރުމަށް އެޅި ފިޔަވަޅެއް ނޫން ކަމަށާއި، މިއީ އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ވެސް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.


މިހާތަނަށް 6 އުޅަނދެއްގައި ގާޑު ހަރުކޮށްފައިވާއިރު، އިތުރު 45 އުޅަނދަކުން ވަނީ އެކަމަށް އެދި ހުށަހަޅާފައެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި ގާޑު ހަރުކުރުމަކީ އުޅަނދު އެހެލައިގެން ކުރަންޖެހޭ ކަމަކަށް ވާތީ، ޖާގައިގެ ދަތިކަމާ ހުރެ އުޅަނދުފަހަރުގެ ވެރިންނަށް ބައެއް ގޮންޖެހުންތައް އެބަހުއްޓެވެ.


"ދަތިތަކެއްވެސް އެބަހުރި. އެހެލާނެ ޖާގަ ބައެއް ތަންތަނުގައި ނުލިބުމާއި އެ ޝަކުވާވެސް އަޅުގަނޑުމެންނާއި ހަމައަށް އެބައާދޭ. އެހެންވެ އަޅުގަނޑުމެން އޭނީ، މި އަހަރުގެ ޑިސެމްބަރުގެ 31ގެ ނިޔަލަށް އެ ވަގުތުވެސް ދީފައި. އެހެލުމުގެ ޖާގަ ލިބޭ ދަތިކަން ހުރި މީހުންނަށް އެ އެޕްލިކޭޝަން ލީމައި އެޔަށްވެސް ހާއްސަ ސަމާލުކަމެއް އެބަދެން،" ވަޒީރު ވިދާޅުވިއެވެ.


ފެހުރިއްސާއި އޭގެ މާހައުލު ރައްކާތެރިކުރުމަށް އެންމެ ފުރަތަމަ އުސޫލެއް އެކުލަވާލީ 5 ޖޫން 2009 ގައެވެ. އަދި މި އުސޫލު އިތުރަށް ހަރުދަނާކޮށް، 2024 ވަނަ އަހަރު ވަނީ އައު ގާނޫނީ އުސޫލެއް އެކުލަވާލާފައެވެ. މި އައު އުސޫލުގައި ފެހުރިހި ހިމާޔަތްކުރުމުގެ މިންގަނޑުތަކާއި، ބަލިވެފައިވާ ނުވަތަ އަނިޔާވެފައިވާ ފެހުރިއްސާ މެދު އަމަލުކުރާނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.


އައު އުސޫލު ބަޔާންކުރާ ގޮތުގައި، ފެހުރިހީގެ ވަށައިގެންވާ 250 މީޓަރުގެ ސަރަހައްދަކީ "ކޮންޓެކްޓް ޒޯން" އެވެ. މި ޒޯނުގައި އެއްފަހަރާ ހަރަކާތްތެރިވެވޭނީ އެންމެ ގިނަވެގެން 3 އުޅަނދަށެވެ. އަދި މި ޒޯނުގައި އުޅަނދުތަކުގެ ދުވެލި ގަޑިއަކު 5 ނޮޓަށްވުރެ ބާރުކޮށްގެން ނުވާނެއެވެ. ފެހުރިހީގެ 50 މީޓަރު ކައިރިއަށް ދާއިރު ދުވެލި ބަހައްޓަން ޖެހެނީ ގަޑިއަކު 2 ނޮޓުގައެވެ. ނަމަވެސް، ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެ ޒޯނުން އަވަހަށް ނިކުތުމަށް ބާރަށް ދުއްވުމުގެ ހުއްދަ އޮވެއެވެ.


ރާއްޖޭގެ އެންމެ ބޮޑު ހިމާޔަތްކުރެވިފައިވާ ކަނޑުގެ ސަރަހައްދު ކަމަށްވާ "ސަމްޕާ" ސަރަހައްދަކީ ބޮޑު ސަރަހައްދަކަށް ވެފައި، ވަދެނިކުމެވޭނެ މަގުތައް ގިނަވުމުން، އާދައިގެ އުސޫލުތަކުން އެ ސަރަހައްދު ބެލެހެއްޓުމަކީ އިދާރީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމެއް ކަމަށް ވެސް ތިމާވެއްޓާ ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement