ޗެމްޕިއަންސް ލީގު: އާސެނަލްއަށް އަނެއްކާވެސް ނާކާމިޔާބު, ބާސެލޯނާ އާއި ބަޔާން މޮޅު
ޔުއެފާ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އިން ރެޑް ސްޓާ ބެލްގްރޭޑްގެ މައްޗަށް ބޮޅު މޮޅުއް ހޯދިއިރު, ބަޔާން މިއުނިކް ވެސް ބެންފީކާ އަތުން މޮޅުވެއްޖެ އެވެ. ނަމަވެސް އާސެނަލްއަށް އިންޓަރ މިލާން ގެ އަތްދަށުންވެސް ސަލާމަތެއް ނުވެވުނެވެ. އިންޓަރ މިލާން މޮޅުވީ ޕެނަލްޓީއަކުން 1-0 ނެވެ. މި ނަތީޖާއާއެކު އާސެނަލް އޮތީ ލީގު ފޭސްގެ ބާރަ ވަނައިގައި 7 ޕޮއިންޓާއެކުއެވެ.
އާސެނަލް އާއި އިންޓަރ މިލާން ވާދަކުރި މެޗުގައި އާސެނަލްއަށް މާއެދެވޭ ކުޅުމެއް ވެސް ނުދެއްކެއެވެ. އެކަމަކު ކޯޗު މިކޭލް އާޓޭޓާ ވަނީ އިންޓަރ އަށް ލިބުނު ޕެނަލްޓީ އާމެދު ވަރަށްބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ނިމި އިތުރު ވަގުތުގައި އިންޓަރ ގެ ޕެނަލްޓީ ކާމިޔާބުކުރީ ހަކަން ޗަލަނޯލޫއެވެ.
36 އަހަރުގެ ލެވަންޑޮސްކީގެ ދެ ގޯލާއެކު ބާސެލޯނާއިންރެޑް ސްޓާރ ބަލިކުރީ 5-2 ނެވެ. ބުދަ ދުވަހުގެ މޮޅާއެކު ބާސެލޯނާ އޮތީ ޗެމްޕިއަންސް ލީގު ފޭސްގެ ހަ ވަނައިގައި 9 ޕޮއިންޓާއެކުއެވެ.
މެޗުގައި ބާސެލޯނާގެ ފުރަތަމަ ގޯލް ކާމިޔާބު ކުރީ ޑިފެންޑަރު އިނީގޯ މާޓިނޭޒް އެވެ. 13 ވަނަ މިނިޓްގައި މާޓިނޭޒް ލީޑު ނަގައިދިނީ ރަފީނިއާ ނަގައިދިން ހިލޭޖެހުމެއް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ލެވަންޑޮސްކީ ވަނީ ބާސާއަށް އިތުރު ގޯލެއް ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްފައެވެ. 43 ވަނަ މިނިޓްގައި ދެވަނަ ގޯލްވެސް ޖެހީ ރަފީނިއާ ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ. ދެވަނަ ހާފު ފަށައިގެން 8 ވަނަ މިނިޓްގައި ބާސެލޯނާގެ ތިންވަނަ ގޯލް ކޫންޑޭ ތަނަވަސްކޮށްދިން ފުރުޞަތުގައި ކާމިޔާބުކުރީވެސް ލެވަންޑޮސްކީއެވެ. 55 ވަނަ މިނިޓްގައި ބާސެލޯނާގެ ހަތަރުވަނަ ގޯލް ރަފީނިއާ ކާމިޔާބު ކުރިއިރު, ފަސްވަނަ ގޯލް 76 ވަނަ މިނިޓްގައި ކާމިޔާބުކުރީ ރަފީނިއާގެ ބަދަލުގައި ކުޅެން ނިކުއިން ފާމިން ލޮޕޭޒްއެވެ. ބާސާގެ ފަހު ތިން ގޯލް ކާމިޔާބުކުރުމުގައިވެސް އެހީތެރިވީ ހޫލްސް ކޫންޑޭއެވެ.
ރެޑް ސްޓާގެ ދެ ގޯލް 27 އަދި 84 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ސިލަސް އާއި މިލްސަން އެވެ.
މިސީޒަންގެ ޗެމްޕިއަންސް ލީގުގައި އެކަނިވެސް ބާސެލޯނާ ކުޅުނު ހަތަރު މެޗުން މިހާތަނަށް 15 ގޯލް ވަނީ ކާމިޔާބުކޮށްފައެވެ. ސީޒަންގައި އަދަޔާޚިލާފް ފޯމެއްގައި އޮތް ބާސެލޯނާ އަންނަނީ ކުޅޭ ކޮންމެ މެޗެއްގައިވެސް ގިނަ ގޯލްތައް ޖަހާ ބޮޑެތި ކްލަބްތައްވެސް ތަފާތުބޮޑުކޮށް ބަލިކުރަމުންނެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން ބަލިވެފައިވާ ބަޔާން މިއުނިކަށް ބެންފީކާގެ ކައިރިންވެސް ބުދަ ދުވަހު ލިބުނީ ހަނި މޮޅެކެވެ. ބަޔާންއިން ބެންފީކާގެ މައްޗަށް ކުރި ހޯދީ 1-0 ންނެވެ.
މެޗުގެ ފުރަތަމަ ފާހު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވިއެވެ. ނަމަވެސް ނުރައްކާތެރި ހަމަލާތަކެއް ބަޔާނުން ފުރަތަމަ ހާފުގައި އުފެއްދިއެވެ. ބެންފިކާއިން ވަނީ ރަނގަޅު ސޭވްތަކެއްވެސް ކޮށްފައި ވެއެވެ.
މެޗުގެ ހަމައެކަނި ގޯލް 67 ވަނަ މިނިޓްގައި ކާމިޔާބު ކުރީ ބަޔާންގެ ޒުވާން ފޯވާޑް ޖަމާލް މުސިއާލާއެވެ. އެއީ ހެރީ ކޭން ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ. މި ނަތީޖާއާއެކު ބަޔާން އޮތީ ލީގުފޭސްގެ 17 ވަނައިގައެވެ. އަދި ބެންފީކާ އޮތީ 19 ވަނައިގައެވެ.
ބުދަ ދުވަހު ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު ފްރާންސްގެ ޕީއެސްޖީއާއި އެތްލެޓިކޯ ބައްދަލުކުރި މެޗު ފަހަތުންއަރާ 2-1 ން އެތްލެޓިކޯ މެޑްރިޑް ވަނީ ކާމިޔާބުކޮށްފައެވެ.
ރިއެކްޝަންސް