ގއ. އަދި ގދ. އަތޮޅަށް މޫސުމީ ހުދު ސަމާލު ނެރެފި
ރާއްޖޭގެ ދެކުނުގެ ސަރަޙައްދަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ގއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފިއެވެ.
މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ މިއަދު މެންދުރުފަހު 13:45 އިން ފެށިގެން ހަވީރު 17:00 އާ ހަމައަށެވެ. އެ އިދާރާއިން ވިދާޅުވީ، ސަމާލު ނެރެފައިވާ ވަގުތުތަކުގައި އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވާރޭ ވެހޭ މިންވަރު މެދުނުކެނޑި ބަލަމުން އަންނައިރު، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ރަށްތަކަށް ވާރޭ ވެހިފައިވާ މިންވަރުގެ ތަފާސްހިސާބުތައް ވެސް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
އެގޮތުން، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ މ. މުއްޔަށެވެ. އެ ރަށަށް 56.8 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރެކޯޑުކުރެވިފައިވެއެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް މެޓް އޮފީހުގެ ރެކޯޑްތަކުން ދައްކަނީ ރ. އިފުރަށެވެ. އެއީ 37.0 މިލިމީޓަރުގެ ވާރޭއެވެ. މީގެ އިތުރުން، ތިންވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ބ. ދަރަވަންދޫއަށެވެ. އެ ރަށަށް 25.0 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް އެ އިދާރާއިން މަޢުލޫމާތު ދެއެވެ.
ރިއެކްޝަންސް





