އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުޞަތު މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެ އޮތޯރިޓީން އިތުރުކޮށްފިއެވެ.
އެމްއެމްއޭ އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މަތީ ތަޢުލީމުގެ ތަފާތު ދާއިރާތަކުން ބެޗްލާސް ޑިގްރީ، މާސްޓަރސް ޑިގްރީ އަދި ޕީއެޗްޑީއަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ފުރުޞަތު މިހާރު އިތުރުކޮށްފައިވާ ކަމަށެވެ. މި ސްކޮލަރޝިޕްތަކަކީ ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކުރުމަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމަށް ދޭ ފުރުޞަތުތަކެކެވެ.
މި ސްކޮލަރޝިޕްތަކުގެ ދަށުން ކިޔެވުމުގެ ފުރުޞަތު ހުޅުވާލާފައިވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:
ބެޗްލަރސް އޮފް އެކައުންޓިންގ: މެލޭޝިޔާގެ ސެލަންގޯރ އިސްލާމިކް ޔުނިވަރސިޓީގައި.
މާސްޓަރސް އޮފް ލޯސް: މެލޭޝިޔާގެ އިންޓަރނޭޝަލް އިސްލާމިކް ޔުނިވަރސިޓީގައި.
މާސްޓަރސް އޮފް އިކޮނޮމިކްސް: މެލޭޝިޔާގެ އިންޓަރނޭޝަލް އިސްލާމިކް ޔުނިވަރސިޓީގައި.
ޕީއެޗްޑީ (މެލޭޝިޔާގެ އިންސިފް ޔުނިވަރސިޓީ): އިސްލާމިކް ފައިނޭންސް (ކޯސްވަރކް އެންޑް ޑެޒަރޓޭޝަން)، ނުވަތަ އިސްލާމިކް ފައިނޭންސް (ރިސާރޗް)، ނުވަތަ އެޕްލައިޑް މުއާމަލާތު (އިކޮނޮމިކްސް އެންޑް ފައިނޭންސް).
އެމްއެމްއޭއިން ވިދާޅުވި ގޮތުގައި، މި ސްކޮލަރޝިޕްތަކަށް ހޮވޭ ފަރާތްތަކުގެ ޓިއުޝަން ފީއާއި، ޔުނިވަރސިޓީއަށް ދައްކަންޖެހޭ އެހެނިހެން ހުރިހާ ޚަރަދެއް އެ އޮތޯރިޓީން ހަމަޖައްސައިދޭނެއެވެ. މީގެ އިތުރުން، ކޯސް ފުރިހަމަކުރާ މުއްދަތުގައި ދިރިއުޅުމުގެ ޚަރަދާއި، ބުކް އެލަވަންސް، އެސްޓެބްލިޝްމަންޓް އެލަވަންސް، އަދި ޑިޕާޗަރ އެލަވަންސް ވެސް ލިބޭނެއެވެ. އަދި ދަރިވަރުންގެ ވިސާ ޚަރަދާއި ހެލްތު އިންޝުއަރެންސްވެސް މި ސްކޮލަރޝިޕްގެ ދަށުން ހަމަޖައްސައިދިނުމަށް ވަނީ ނިންމާފައެވެ.
މި ސްކޮލަރޝިޕްތަކުގެ ދަށުން ކިޔަވާ ދަރިވަރުން ކޯސް ނިންމުމަށްފަހު، މަދުވެގެން 5 އަހަރު ދުވަހުގެ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތް ކުރުމަށް ބޮންޑު ކުރެވޭނެ ކަމަށްވެސް އެމްއެމްއޭއިން މަޢުލޫމާތު ދެއްވައެވެ.
މި ފުރުޞަތުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 15 ވާ އާދީއްތަ ދުވަހުގެ ކުރިން އެމްއެމްއޭއަށް ހުށަހެޅުމަށް އެ އޮތޯރިޓީން އެދެއެވެ.
ރިއެކްޝަންސް





