
މުލަކަށް މަސްވެރިކަން ފުޅާކުރުމަށް އެހީވެދޭ މަޝްރޫޢުތަކެއް
މަސްވެރި މުލަކުގައި މަސްވެރިކަން ފުޅާކުރުމަށް އެހީވެދޭ މަޝްރޫޢުތަކެއްގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. އެއްބަސއްވުންތަކުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ މ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މުލަކަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަސް ބޭއްވެވި ރަސްމިއްޔާތުގައެވެ.
މުލަކުގެ މަސްވެރިކަމަށް އަމާޒުކޮށް ސޮއިކުރި އެންމެ މުހިއްމު އެއް އެއްބަސްވުމަކީ 30 ޓަނުގެ އައިސްޕްލާންޓެއް ތަރައްޤީކުރުމުގެ މަޝްރޫޢެވެ. އަދި ޖަނަވަރީ މަހު ފެށުމަށް ފިއުލް ސްކިޑްގެ މަސައްކަތުގެ އެއްބަސްވުމުގައިވެސް ސޮއިކުރިއެވެ. މީގެއިތުރުން ކޯލްޑް ސްޓޯރޭޖް ޤާއިމުކުރުމުގެ މަޝްރޫޢު ވަނީ ފަށާފައެވެ. މިމަޝްރޫޢުތަކަށް އިޝާރާތްކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަޝްރޫއުތައް ނިމުމުން ރަށުގެ މަސްވެރިކަމަށް ކުރިއެރުން ލިބިގެންދާނޭ ކަމަށެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު މަސްވެރިކަމުގެ ސިނާޢަތް އޮތީ ވަރަށް ބޮޑަށް ވަޅުޖެހިފައި ކަމަށާއި، އެހެންނަމަވެސް، މަސްވެރިންނަށް ދޭންޖެހޭ ފައިސާދިނުމުގެ ދެމެހެއްޓެނިވި ނިޒާމެއް ކަނޑައަޅުއްވައި، ބިނާރާއި ވަޞީލަތްތައް ޤާއިމުކުރައްވައިގެން، އެ ސިނާޢަތް ނަގާ ކޮޅަށްޖެހުމަށް މި ސަރުކާރުން އިސްކަންދެއްވާކަމަށް ރައީސް ވިދާޅުވިއެވެ.
މުލަކުގެ ތަރައްޤީއަށް ތާވަލުކުރެވިފައިވާ އެހެނިހެން މަސައްކަތްތަކަށް އިޝާރާތްކުރައްވަމުން، ރައީސް ވިދާޅުވީ މި އަހަރު ތެރޭ، 50 ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތް ފައްޓަވާނޭކަމަށެވެ. އަދި ބާރު ދުވެލީގައި ބަނދަރުގެ މަސައްކަތް ނިންމައި، ރަށް ގިރުމުގެ މައްސަލައަށްވެސް ޙައްލު ހޯއްދަވައިދެއްވާނޭކަމަށް ވިދާޅުވިއެވެ.
ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަމަލީ މަސައްކަތް މިއަދު ފަށާނެއެވެ. މަގުހެދުމުގެ މަޝްރޫޢާއި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ މަޝްރޫޢު، ގިނަވެގެން 4 މަސްދުވަހުގެ ތެރޭގައި ނިމޭނޭކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.
އަންނަ އަހަރުގެ މާރިޗުގެ ކުރިން ރަށުގެ އިރުމަތީ ޖެޓީގެ ޢަމަލީ މަސައްކަތް ފައްޓަވައި، ދިރާސީ އާ އަހަރަށް ސްކޫލްގެ މަސައްކަތްވެސް ފުރިހަމަކޮށްދެއްވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ފުލުހުންނަށް ވެހިކަލެއް ނުލިބި 14 ވަރަކަށް އަހަރު ވެފައިވާ މައްސަލައަށް އަންނަ އޮކްޓޯބަރު މަހު، ނިމުމެއް ގެނެސްދެއްވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރިއެކްޝަންސް






