ނުހަދައި 8 އަހަރު ވެފައިވާ ރަށްތަކާއި ފަޅުތަކުގެ އެއްބަސްވުން ވަގުތުން ބާތިލުކުރަނީ

ނުހަދައި 8 އަހަރު ވެފައިވާ ރަށްތަކާއި ފަޅުތަކުގެ އެއްބަސްވުން ވަގުތުން ބާތިލުކުރަނީ

1 hour ago - 21:46
Advertisement
Advertisement

ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ ތެރެއިން އެއްވެސް މަސައްކަތެއް ނުކޮށް 8 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ތަންތަނުގެ އެއްބަސްވުން ވަގުތުން ބާތިލުކޮށް، އެ ތަންތަން އަނބުރާ ދައުލަތަށް ނެގުމަށް ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.                                              
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކޮށް ނުނިމި ހުރި ތަންތަނާއި، އަލުން ތަރައްގީކުރުމަށް ބަންދުކުރާ ތަންތަނުގެ މަސައްކަތް ނިންމުމަށް އިތުރު މުއްދަތު ދިނުމާއި، ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމާ ގުޅޭ އައު ގަވާއިދު މިހާރު ގެޒެޓްކޮށް، އަމަލުކުރަން ފަށާފައިވާ ކަމަށެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި މަސައްކަތް ހުއްޓި، ނުހެދި ހުރި 168 ތަނެއް މިވަގުތުވެސް އެބައޮތެވެ. އޭގެ ތެރޭގައި 61 ފަޅާއި 107 ރަށް ހިމެނޭއިރު، ބައެއް ތަންތަން ތަރައްގީނުކުރެވި 25 އަހަރު ފާއިތުވެފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މިއީ ކުރީގެ ސަރުކާރުތަކުން އެކަށީގެންވާ ފިޔަވަޅު ނޭޅުމުގެ ސަބަބުން އުފެދިފައިވާ ބޮޑު ގޮންޖެހުމެއް ކަމަށްވެސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އެކި މަރުހަލާތަކުގައި ބިމު ކުލި ފަސްކޮށްދިނުމުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ 537 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް ގެއްލިފައިވާ ކަމަށް އަމީން ވިދާޅުވިއެވެ. އަދި މި މަޝްރޫއުތައް ނިމި ހިދުމަތް ނުފެށުމުގެ ސަބަބުން ޓީޖީއެސްޓީ، ގްރީން ޓެކްސް އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބެންޖެހޭ އެތައް މިލިއަން ޑޮލަރެއްގެ އާމްދަނީ ދައުލަތަށް ގެއްލިފައިވާކަން ވެސް ހާމަކުރެއްވިއެވެ.

މިއީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހައްލުކުރެވޭނެ ކަމެއް ނޫން ކަމަށާއި މިކަމަށް ވަގުތު ބޭނުންވާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ނަމަވެސް، މި ގަވާއިދަށް އަމަލުކުރަން ފެށުމުން ދާއިމީ ހައްލެއް ލިބި، ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.        

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement