ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ހައްލުނުވެ ހުރި މައްސަލަތައް ބެލުން "އޮފީސް ފޯ ސިވިލް ރައިޓްސް" އަށް ބަދަލުކޮށްފި
ބޯހިޔާވަހިކަމާ ގުޅޭ ގޮތުން އެކި ސަބަބުތަކާ ހުރެ ހައްލު ނުވެ ދުވަސްވެފައިވާ މައްސަލަތަކަށް އިންސާފުވެރި ހައްލެއް ހޯދައިދިނުމުގެ މަސައްކަތް، ބަންޑާރަނައިބުގެ އޮފީހުގެ ދަށުން ހިންގާ "އޮފީސް ފޯ ސިވިލް ރައިޓްސް" އަށް ބަދަލުކޮށްފިއެވެ.
ބޯހިޔާވަހިކަމާ ގުޅުންހުރި މައްސަލަތައް ހައްލުކުރުމުގައި ވީހާވެސް ހާމަކަން ބޮޑު އަދި އިންސާފުވެރި ގޮތެއްގައި އަމަލުކުރުމަށްޓަކައި، އެފަދަ މައްސަލަތައް ދެން ފޮނުވާނީ ބަންޑާރަނައިބުގެ އޮފީހުގެ ދަށުން ހިންގާ "އޮފީސް ފޯ ސިވިލް ރައިޓްސް" އަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރައްވާ މިނިސްޓަރު މުއްތަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބޯހިޔާވަހިކަމާ ގުޅުންހުރި މައްސަލަތަކަކީ އާންމު ފަރުދުންގެ ދިރިއުޅުމާ ނުހަނު ބޮޑަށް ގުޅިފައިވާ ހައްސާސް ކަންކަން ކަމަށެވެ. އެހެންކަމުން، މީގެ ފަހުން އެފަދަ މައްސަލަތަކުގައި މިނިސްޓްރީން އަމަލުކުރަމުން ދާނީ އޮފީސް ފޯ ސިވިލް ރައިޓްސްއިން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައި މިވަނީ، ހުޅުމާލެ ފޭސް 2 ގެ ބިމެއް ނުއަގުގައި ވަކި މީހަކަށް ވިއްކާލަން އުޅޭކަމަށް ބުނެ ދާދި ފަހުން ސޯޝަލް މީޑިއާގައި ބޮޑެތި ތުހުމަތުތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
އެ މައްސަލައާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 22 ޑިސެމްބަރު 2003 ގައި އޭރުގެ ހޯމްއެފެއާޒް މިނިސްޓްރީގެ ދަށުން ހިންގި "ރަށުތެރެއިން ވިއްކާ 56 ގޯތި" ސްކީމުގެ ތެރެއިން އަހުމަދު ޒާހިރަށް ހުޅުމާލެ ފޭސް 1 އިން 904 އަކަފޫޓުގެ ބިމެއް 339,000 ރުފިޔާއަށް ވިއްކުމަށް ކަނޑައެޅިފައިވާކަން ރަސްމީ ލިޔެކިޔުންތަކުން އެނގެން އޮތް ކަމަށެވެ.
އަދި މިހާރު ވިއްކުމަށް ނިންމި ބިމަކީ ކުރީ ސަރުކާރުގެ "ބިންވެރިޔާ ސްކީމް" ގެ ދަށުން ޝަރުތު ހަމަނުވާ ފަރާތަކަށް ދޫކޮށްފައިވުމުން އެއްބަސްވުން ބާތިލުކޮށް ހުސްވެފައިވާ ބިމެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. މި ބިން ދިނުމަށް ނިންމީ ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން އެ ފަރާތަށް ލިބިފައިވާ ޕްލޮޓްގެ އެންމެހާ ހައްގުތައް ދޫކޮށްލުމަށް އެއްބަސްވުމުން ކަމަށްވެސް އެ މިނިސްޓްރީން ފާހަގަކުރެއެވެ.
މީގެ އިތުރުން، މި މައްސަލާގައި ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް މިނިސްޓްރީން އެއްވެސް އަމަލެއް ކޮށްފައިވޭތޯ ބަލައިދިނުމަށް އެދި، އިސްނަގައިގެން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ރިއެކްޝަންސް

