ދައުލަތަށް ލިބުނު އާމްދަނީ 28.73 ބިލިއަން ރުފިޔާއަށް އަރައިފި
ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު ޓެކްސް އާމްދަނީއާއި އިމްޕޯޓް ޑިއުޓީއަށް އައި ކުރިއެރުމާއެކު، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ އަދަދު 28.73 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
މިނިސްޓްރީ އޮފް ފިނޭންސްއިން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 27.04 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 6.2 އިންސައްތަ ނުވަތަ 1.69 ބިލިއަން ރުފިޔާގެ ކުރިއެރުމެކެވެ. އާމްދަނީއަށް މި ކުރިއެރުން އައި މައިގަނޑު ސަބަބަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ 8.5 އިންސައްތަ އިތުރުވުމެވެ.
ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ޓީޖީއެސްޓީ އާއި އިމްޕޯޓް ޑިއުޓީންނެވެ. އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި މިހާތަނަށް 7.71 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 7.46 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 3.3 އިންސައްތައިގެ ކުރިއެރުމެކެވެ.
އާމްދަނީ އިތުރުވި ނަމަވެސް، ދައުލަތުގެ ޖުމްލަ ޚަރަދުތައް ވެސް ވަނީ މަތިވެފައެވެ. އެގޮތުން ޖުމްލަ ޚަރަދު 30.86 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަވި 26.38 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 17.0 އިންސައްތައިގެ އިތުރުވުމެކެވެ. ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑަށް އިތުރުވެފައިވަނީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރި ހޭދައެވެ. މި ދާއިރާއިން 4.92 ބިލިއަން ރުފިޔާ ޚަރަދުވެފައިވާއިރު، މިއީ 14.2 އިންސައްތައިގެ އިތުރުވުމެކެވެ.
މީގެއިތުރުން ސަބްސިޑީތަކަށް ކުރި ހޭދަ 64.1 އިންސައްތަ އިތުރުވެ 3.60 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އާސަންދައަށް ކުރި ހޭދަ ވަނީ 12.8 އިންސައްތަ އިތުރުވެ 1.49 ބިލިއަން ރުފިޔާއަށް އަރާފައެވެ.
ޚަރަދުތައް ބޮޑުތަނުން އިތުރުވުމާ ގުޅިގެން، ދަރަންޏާއި އިންޓްރެސްޓް ހިމެނޭހެން މުޅި ދައުލަތުގެ ބަޖެޓުން މިހާރު ވަނީ 2.13 ބިލިއަން ރުފިޔާގެ ޑެފިސިޓެއް ރެކޯޑުކުރެވިފައެވެ. ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ބަޖެޓު ރެކޯޑުކުރެވިފައި އޮތީ 658.8 މިލިއަން ރުފިޔާގެ ސާޕްލަސްއެއްގައެވެ.
ރިއެކްޝަންސް





