މަސްތުވާތަކެތީގެ ވިޔަފާރި ހިންގަން ގެ ދިން މީހަކު 10 އަހަރަށް ޖަލަށް ލުމަށް ޙުކުމްކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރި ހިންގަން ގެ ދިން މީހަކު 10 އަހަރަށް ޖަލަށް ލުމަށް ޙުކުމްކޮށްފި

1 hour ago - 21:25

މަސްތުވާތަކެތީގެ ވިޔަފާރި ހިންގުމަށް ގެ ދޫކުރިކަން ސާބިތުވެ، ގޭގެ ވެރިމީހާ 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ޙުކުމް ކޮށްފިއެވެ.


މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ދައުލަތުން ދަޢުވާ އުފުލި ގ. ޕެލިކަން ގޭގެ ވެރިފަރާތް ކަމަށްވާ އިބްރާހީމް ނާޡިމްގެ މައްޗަށެވެ. އޭނާގެ މައްޗަށް މި ދަޢުވާ އުފުލާފައިވަނީ، ގެއެއް ނުވަތަ އިމާރާތެއް ނުވަތަ ގެއަކުން ބައެއްގައި މަސްތުވާ އެއްޗެއް ޓްރެފިކް ކުރުމަށް، ނުވަތަ ޕެޑެލް ކުރުމަށް، ނުވަތަ އުފެއްދުމަށް، ނުވަތަ އެއިން ކަމެއް ކުރުމަށްކަން ޤަބޫލުކުރެވޭ ހާލު، ނުވަތަ އެގޮތަށް ޤަބޫލުކުރާނެ ފުރުސަތު އޮވެ، އެތަނެއްގެ ވެރިފަރާތް ނުވަތަ އެތަނެއްގައި އުޅޭ ފަރާތް ނުވަތަ މަސްއޫލިއްޔަތު އުފުލާ ފަރާތުން ހުއްދަ ދީފައިވާ މައްސަލައިގައެވެ.


ކްރިމިނަލް ކޯޓުގެ ޤާޟީ މުޙައްމަދު މިޞްބާޙު ބެއްލެވި މި މައްސަލައިގެ ޙުކުމުގައި ބަޔާންކޮށްފައިވަނީ، މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށް އެ ގެ ބޭނުންކުރުމުގެ ހުއްދަ ދިންކަމުގެ ކުށް ނާޡިމްގެ މައްޗަށް ޝައްކެއްނެތް މިންވަރަށް ސާބިތުވާ ކަމަށެވެ. އެހެންކަމުން، މި ކުށުގެ އުޤޫބާތެއްގެ ގޮތުން އޭނާ 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ވަނީ ޙުކުމް ކޮށްފައެވެ.


މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ މި މާއްދާގެ ދަށުން ރާއްޖޭގައި ދަޢުވާ އުފުލައި، ކުށް ސާބިތުވި މި ބާވަތުގެ ފުރަތަމަ މައްސަލަކަން ފާހަގަކޮށްލެވެއެވެ.


މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާކޮށް، މި ނުރައްކާތެރި ވަބާއިން ދިވެހި މުޖުތަމަޢު ސަލާމަތް ކުރުމަށްޓަކައި ސަރުކާރުން ދަނީ ޚާއްޞަ އިސްކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މަސްތުވާތަކެތީގެ ވިޔަފާރި ސީދާ ގޮތެއްގައި ހިންގާ ފަރާތްތަކުގެ އިތުރުން، އެފަދަ ނުރައްކާތެރި ޢަމަލުތަކަށް އެކި ގޮތްގޮތުން މަގުފަހިކޮށްދޭ ފަރާތްތަކުގެ މައްސަލަތައް ވެސް ކަމާބެހޭ އިދާރާތަކުން ދަނީ ވަރަށް ޚާއްޞަ ސަމާލުކަމެއް ދީގެން ބަލައި ތަޙުޤީޤު ކުރަމުންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow