ޖަޕާން ސަރުކާރުގެ ޖޭ.ޑީ.އެސް ސްކޮލަރޝިޕް އެހީގެ އެއްބަސްވުމުގައި ސޮއިކޮށްފި
ޖަޕާން ސަރުކާރުގެ "ޕްރޮޖެކްޓް ފޮރ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕް" (ޖޭ.ޑީ.އެސް) ގެ ދަށުން 2026 ވަނަ އަހަރަށް ދިނުމަށް ހަމަޖެހިފައިވާ ސްކޮލަރޝިޕް ފުރުޞަތުތަކާ ގުޅޭ "އެކްސްޗޭންޖް އޮފް ނޯޓްސް" އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު މިއަދު ސޮއިކޮށްފިއެވެ.
މިއަދު ހެނދުނު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް، އަލްފާޟިލާ ޝެރީނާ ޢަބްދުއްޞަމަދު އެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ.
މި އެއްބަސްވުމުގެ ދަށުން ޖަޕާން ސަރުކާރުން ރާއްޖެއަށް 152 މިލިއަން ޖަޕާނީސް ޔެން ނުވަތަ 1,020,134 (އެއްމިލިއަން ވިހިހާސް ސަތޭކަ ތިރީސް ހަތަރު) އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ދިނުމަށް ވަނީ ނިންމާފައެވެ.
2020 ވަނަ އަހަރުން ފެށިގެން ޖަޕާން ސަރުކާރުން ދެމުން އަންނަ މި އެހީގެ މައިގަނޑު މަޤްޞަދަކީ، ރާއްޖޭގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ތަރައްޤީގެ ސިޔާސަތުތައް އެކުލަވާލުމާއި ތަންފީޒުކުރުމުގައި ޝާމިލުވާނެ ޤާބިލު ޒުވާނުން ބިނާކުރުމެވެ. މި ޕްރޮގްރާމުގެ ދަށުން ދިވެހި ދަރިވަރުންނަށް ޖަޕާނުގެ އެންމެ މަތީ ފެންވަރުގެ ޔުނިވަރސިޓީތަކުން މާސްޓަރސް ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ލިބިގެންދެއެވެ.
މިހާތަނަށް މި ޕްރޮގްރާމުގެ ދަށުން 17 ދަރިވަރުން ތަޢުލީމު ހާސިލްކޮށް ދަސްވެނިވެފައިވާއިރު، މިހާރުވެސް 9 ދަރިވަރުން ދަނީ ޖަޕާނުގައި ތަޢުލީމު ހާސިލްކުރަމުންނެވެ.
މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިތުރުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، މިނިސްޓްރީ އޮފް ފިނޭންސް، ސިވިލް ސަރވިސް ކޮމިޝަން، ޖަޕާން އެމްބަސީ އަދި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރިއެކްޝަންސް

