ޕާޓީތަކަށް މެމްބަރުން ވެއްދުން މެދުކަނޑާ ނުލާން އެމްޑީޕީން އެދިއްޖެ
ވަގަށް މެމްބަރުން ވައްދާ މައްސަލައިގެ ޖިނާއީ ތަހުގީގެއް ކުރުމަށްވެސް ހުށަހެޅި
ސިޔާސީ ޕާޓީތަކަށް މެމްބަރުން ވެއްދުން މެދުކަނޑާ ނުލާން އެމްޑީޕީން އެދިއްޖެއެވެ. އެޕާޓީން މިކަމަށް އެދިފައި މިވަނީ މިމަހުގެ 31 ން ފެށިގެން ސިޔާސީ ޕާޓީތަކަށް މެމްބަރުން ވެއްދުން މެދުކަނޑާލަން ނިންމާ އިލެކްޝަން ކޮމިޝަނުން އެކަން އިއުލާނުކޮށްފައި ވުމުންނެވެ.
އެމްޑީޕީގެ ޤާނޫނީ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަކީލު މަހުފޫޒު ސައީދު ވިދާޅުވީ ސިޔާސީ ޕާޓީތަކަށް މެމްބަރުން ވަނުން ހުއްޓުވާލުމަކީ އަދި މެދުކަނޑާލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެއީ ހައްގެއް ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބަލަން ޖެހޭނީ ވަގަށް ސިޔާސީ ޕާޓީތަކަށް މެމްބަރުން ވެއްދި ޕާޓީތަކުގެ މައްސަލަ ކަމަށެވެ. އޭނާ ވަނީ ޕާޓީއަށް ވަނުމަށް ކޮމިޝަނަށް ހުށަހެޅޭ ކޮންމެ ފޯމެއް ވަކިން ބަލާ ކަށަވަރުކުރުމަށްފަހު ނޫނީ ޕްރޮސެސް ނުކުރުމަށްވެސް ގޮވާލާފައެވެ.
އިލެކްޝަން ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް މެމްބަރުން ވެއްދުން މެދުކަނޑާލަނީ އެނިޒާމް ހަރުދަނާކޮށް ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުމަށެވެ. ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުމުގެ އަވަސް މަސައްކަތްތަކެއް އިލެކްޝަން ކޮމިޝަނުން ފެށީ ވަގަށް ޕާޓީތަކަށް ވައްދާ މެމްބަރުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމާ ގުޅިގެން ގިނަ ބައެއްގެ ޝަކުވާއާއި ކަންބޮޑުވުންތައް ހުށަހަޅަން ފެށުމުންނެވެ.
ނޭންގި ޕާޓީތަކަށް ވައްދާ މައްސަލަ މިފަހުން ބޮޑުވީ ޕީއެންސީއަށް އެފަދަ ގޮތަކަށް ގިނަ މެމްބަރުންތަކެއް ވެއްދި މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެންނެވެ. އެމްޑީޕީގެ ލީގަލް ޓީމުން ވަނީ އެމައްސަލައިގައި ޖިނާއީ ތަހުގީގެއް ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި, އޭސީސީއަށް ހުށަހަޅާފައެވެ. އަދި އެތަހުގީގު ހިންގުމަށާއި, އަވަސްކުރުމަށް އެންގުމަށް ޕީޖީއަށް ވެސް ހުށަހަޅާފައެވެ.
ރިއެކްޝަންސް