ފެނަކައިން  ވަކިވި މުވައްޒަފުންނަށް ފައިސާ ދޫކޮށްފި

ފެނަކައިން ވަކިވި މުވައްޒަފުންނަށް ފައިސާ ދޫކޮށްފި

7 hours ago - 07:59

ފެނަކަ ކޯޕަރޭޝަންގެ ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވި މުވައްޒަފުންނަށް ދޭން ނިންމި ހަތަރު މަހުގެ މުސާރައަށްވާ ފައިސާ އެ މުވައްޒަފުންނަށް ދޫކޮށްފައިވާ ކަމަށް އެ ކުންފުނިން މިއަދު ހާމަކޮށްފިއެވެ.


ފެނަކައިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ކުންފުނި "ރައިޓް ސައިޒް" ކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން މުވައްޒަފުން ދޫކޮށްލަން ޖެހޭ ހާލަތްތަކުގައި އަމަލުކުރާނެ އުސޫލެއް އެކަށައަޅާފައިވާނެ ކަމަށެވެ. މިގޮތުން އަމިއްލައަށް ވަކިވުމުގެ ފުރުސަތު ހުޅުވާލީ، މުވައްޒަފުން ޝައުގުވެރިކަމާއެކު އިނާޔަތެއް ލިބޭގޮތަށް ވަޒީފާއިން ވަކިވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި ކަމަށް އެ ކުންފުނިން ބުނެއެވެ.


ހަތަރު މަހުގެ މުސާރައާއެކު ވަޒީފާއިން ވަކިވުމުގެ ފުރުސަތު ފެނަކައިން ހުޅުވާލީ މިދިޔަ ޖޫން މަހުގެ 2 ވަނަ ދުވަހުއެވެ. އަދި މިކަމާ ގުޅޭ ތަފްސީލީ އުސޫލުތައް ޖޫން 4 ވަނަ ދުވަހު މުވައްޒަފުންނާ ހިއްސާކޮށްފައިވާނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރިއެވެ.


އެ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން، 4 މަހުގެ މުސާރައާއެކު ވަކިވާން ބޭނުންވާ މުވައްޒަފުން އެކަމަށް އެދި ލިޔުމުން ހުށަހެޅުމުން، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރަނީ ކުންފުންޏާއި މުވައްޒަފާ ދެމެދު ވެވޭ ހާއްސަ އެއްބަސްވުމެއްގެ ދަށުންނެވެ.
"މި އުޞޫލާއި އެއްގޮތަށް، 4 މަހުގެ މުސާރައާ އެކު އަމިއްލައަށް ވަކިވާން އެދި ހުށަހެޅި މުވައްޒަފުންނާއެކު އެއްބަސްވުން ހަދައި، އެ އެއްބަސްވުންތަކާ އެއްގޮތަށް މުވައްޒަފުންގެ 4 މަހުގެ މުސާރައަށްވާ ފައިސާ ދޫކޮށްފައިވާ ކަމުގައި ދަންނަވަމެވެ،" ފެނަކައިގެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން، މި މައްސަލާގައި ފެނަކަ މުވައްޒަފުންނަށް އޮޅުވާލާފައިވާ ކަމަށް ދޭހަވާ ގޮތަށް ބައެއް މީޑިއާތަކުންނާއި އާންމު ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އެ ކުންފުނިން ބުންޏެވެ. ފެނަކައިން ވަނީ އެއްވެސް މުވައްޒަފަކަށް ގެއްލުންވާނެ ގޮތަކަށް ނުވަތަ އުސޫލުން ބޭރުން އެ ކުންފުނިން އަމަލުނުކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow