ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ 1.1 ބިލިޔަން ރުފިޔާއަށް އަރައިފި

ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ 1.1 ބިލިޔަން ރުފިޔާއަށް އަރައިފި

3 hours ago - 12:26
Advertisement
Advertisement

މިއަހަރުގެ މިހާތަނަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރުވެއްޖެއެވެ.


މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ "ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް ރިޕޯޓް" ދައްކާގޮތުން، ޖުލައި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް ވަނީ 1.1 ބިލިޔަން ރުފިޔާ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރިސޯޓް ކުލީގެ ގޮތުގައި ލިބިފައިވަނީ 1 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ މިދިޔަ އަހަރާ އަޅާބަލާއިރު %8.4 އިތުރުވުމެކެވެ.


ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި މިވަގުތު ޖުމްލަ 185 ރިސޯޓެއް އެބައޮތެވެ. މީގެ ތެރެއިން 179 ރިސޯޓަކުން ފަތުރުވެރިންނަށް ދަނީ ޚިދުމަތް ދެމުންނެވެ. މި ރިސޯޓުތަކުގެ ބެޑް ކެޕޭސިޓީއަކީ 45،115 އެވެ.


ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ބަޔަކު ޗުއްޓީ ހޭދަކުރަނީ ރިސޯޓްތަކުގައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ %72.9 އަކީ ރިސޯޓްތަކުގައި މަޑުކުރި ފަތުރުވެރިންނެވެ. އެއީ ޖުމްލަ 877,914 ފަތުރުވެރިންނެވެ.


ރާއްޖޭގެ އިޤްތިޞާދު ކުރިއަރުވައި، އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް.އީ.ޒެޑް) ގެ ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން، 500 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަ ނޫން އިންވެސްޓްމަންޓްތަކަށް ފުރުސަތު ހުޅުވާލާފައިވެއެވެ.
ސަރުކާރުން ހާމަކުރައްވާ ގޮތުގައި، މިފަދަ ބޮޑެތި އިންވެސްޓްމަންޓްތަކުގެ ސަބަބުން ރާއްޖެއަށް އުމްރާނީ އަދި މާލީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބި، ސީދާ ރައްޔިތުންގެ ފުދުންތެރިކަން އިތުރުވެގެންދާނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement