އަތޮޅުތެރޭގެ މަޝްރޫޢުތައް އަވަސްކުރުމަށް ބޭނުންވާ ސާމާނު ކުރިއަށް އޮތް 4 މަހެއްހާ ދުވަހު ލިބޭނެ: އެމްޓީސީސީ
އަތޮޅުތެރޭގެ ރަށްރަށުގައި ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ދުވެލި އަވަސްކުރުމަށް ބޭނުންވާ ސާމާނު ހޯދުމުގައި ހުރި ދަތިތައް، ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ހައްލުކުރެވޭނެ ކަމަށް އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވެއްޖެއެވެ.
މިކަމާއި ގުޅިގެން ސަޢުދީ ވިދާޅުވީ، އެމްޓީސީސީއާ ހަވާލުކޮށްފައިވާ ގިނަ މަޝްރޫޢުތަކެއްގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތްތައް ހިމެނޭ ކަމަށެވެ. މި މަސައްކަތްތަކަށް "މަހާ ޖައްރާފު" އާއި އިތުރު 6 ޑްރެޖަރެއް ބޭނުންކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ބިން ހިއްކުމުގެ މަޝްރޫޢުތަކާ ގުޅޭގޮތުން ސަޢުދީ އިތުރަށް ވިދާޅުވީ، ހޮޕާ ޑްރެޖަރަކުން އިތުރު 16 މިލިޔަން ސީބީއެމްގެ ބިން ހިއްކަން ޖެހޭ ކަމަށެވެ. ނަމަވެސް ބޭރުގެ ކުންފުންޏަކުން 10 މަސްދުވަހަށް ޑްރެޖަރެއް ކުއްޔަށް ހޯދުމަށް 105 މިލިޔަން ޑޮލަރު ހޭދަވާތީ، އެއީ ބޮޑު ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް، ޚާއްޞަ ޕްލޭންތަކެއްގެ ދަށުން ބިން ހިއްކުމުގެ މަސައްކަތްތައް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސަޢުދީ ވިދާޅުވިއެވެ.
މިހާރު ކުރިއަށްދާ މަސައްކަތްތަކަށް ބަލާއިރު، ކަޓަރ ސަކްޝަން ޑްރެޖަރ ބޭނުންކޮށްގެން ބ. ތުޅާދޫ އާއި ލ. މާވައް ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ގިރިފުށި ހިއްކުމަށް މަހާ ޖައްރާފު ބޭނުންކުރަމުންދާ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ. މީގެ އިތުރުން ގްދ. މަޑަވެއްޔާއި ފަރެސްމާތޮޑާ ހިއްކުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެއެވެ.
އެއަރޕޯޓް މަޝްރޫޢުތަކަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ސަޢުދީ ވިދާޅުވީ، މޯލްޑިވިއަންގެ ފްލައިޓްތަކުގެ ސައިޒު ބޮޑުވުމާ ގުޅިގެން ރަންވޭތަކުގެ ސްކޯޕަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށެވެ. އެގޮތުން ރ. އަލިފުށީ އެއަރޕޯޓްގެ މަޝްރޫޢު އައު މަޝްރޫޢެއްގެ ގޮތުގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސިއްޙީ ދާއިރާގެ މަޝްރޫޢުތަކަށް އަލިއަޅުވާލައްވަމުން ސަޢުދީ ވިދާޅުވީ، އެ ކުންފުންޏާ ހަވާލުކޮށްފައިވާ ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކުގެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. އަދި މި މަސައްކަތްތަކަށް ބޭނުންވާ ސާމާނު ހޯދުމުގައި ހުރި ދަތިތައް ކުރިއަށް އޮތް 3 ނުވަތަ 4 މަސްދުވަހުގެ ތެރޭގައި ހައްލުކޮށް، މަޝްރޫޢުތަކުގެ ދުވެލި ބާރުކުރެވޭނެ ކަމުގެ ޔަގީންކަން އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ދެއްވިއެވެ.
ރިއެކްޝަންސް





