ކޯޓު އަމުރާ ހިލާފަށް ބަންދުކޮށްފައި ހުރި ގެއަކަށް ވަން ދެ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި
މަސްތުވާތަކެތި ބޭނުންކުރުމަށާއި އެ ތަކެތީގެ ވިޔަފާރިކުރުމަށް ބޭނުންކުރަމުންދާ ކަމަށް ފާހަގަކުރެވިގެން ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައި ހުރި ގެއަކަށް ވަދެ ތިއްބައި، މަސްތުވާތަކެއްޗާއެކު ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. މަރަދޫފޭދޫ / އުއްމީދީވިލާ، އަޙްމަދު ޝަރަތު (32އ) އާއި ސ. މަރަދޫފޭދޫ / ފަރިވިލާ، ޢާއިޝަތު ސަލީމް (37އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ، މަސްތުވާތަކެތީގެ މައްސަލައެއްގައި ސ. މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން 90 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ސ. މަރަދޫފޭދޫ / އުއްމީދު ނަމަކަށް ކިޔާ ގެއަށް ވަދެ ތިއްބައެވެ.
މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މި ޖުލައި މަހުގެ 13 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ ދެ މީހުން 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ސ. މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރާ ގުޅިގެން "އުއްމީދު" ގެ ބަންދުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައިވާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ކުށެކެވެ. އަދި މިފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ރިއެކްޝަންސް





