ލ. ގަމު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ 80 އިންސައްތަ މަސައްކަތް ނިމިއްޖެ
ލ. ގަމު ބަނދަރު ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ބޮޑުބައެއް ނިމި، އަމަލީ މަސައްކަތުގެ 80 އިންސައްތަ ފުރިހަމަވެފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން މައުލޫމާތުދިން ގޮތުގައި، މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ބޭރު ތޮށިލުމަށް ބޭނުންވާ ވެލިއެޅުމަށްފަހު، އެ ސަރަހައްދު އެއްވަރުކޮށް ބައްޓަންކުރުމުގެ ނުވަތަ ޕްރޮފައިލް ކުރުމުގެ މަސައްކަތެވެ. މިއީ ބަނދަރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ފަޅު ފުންކުރުމާއި ކޮނުމުގެ މަސައްކަތާއި، ވެލި ބޭނުންކޮށްގެން ބޭރުތޮށި ހެދުމުގެ އިތުރުން ރޮކް އާމަރ ބޭނުންކޮށްގެން ބޭރުތޮށިލުން ހިމެނެއެވެ. މީގެ އިތުރުން ރޭމްޕް ހެދުމާއި، ކަލްވަޓް އެޅުމާއި، ކޮންކްރީޓް ޖެޓީއާއި އެއްގަމުތޮށިލުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެއެވެ. އަދި ބަނދަރު ބައްތި ހަރުކުރުމާއި ދުވާރު ހެދުމުގެ މަސައްކަތް ވެސް ނިމޭއިރު ފުރިހަމަވެގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި ޢުމުރާނީ ތަރައްޤީގެ ގިނަގުނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. މިގޮތުން ރައްޔިތުންނަށް ފަޚުރުވެރި އަދި އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.
ރާއްޖޭގެ ތަރައްޤީގެ އެންމެ ބޮޑު އެއް ބައިވެރިޔާ ކަމަށްވާ އެމްޓީސީސީން މިހާރުވެސް އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަނދަރު ހެދުމާއި، ބިން ހިއްކުމާއި، މަގު ހެދުން ފަދަ ބޮޑެތި ގިނަ މަޝްރޫއުތަކެއް ހަލުވިކަމާއެކު ހިންގަމުންނެވެ. ލ. ގަމު ބަނދަރުގެ މަސައްކަތް ނިމުމުން އެ ރަށުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ދާއިރާއިންނާއި އިޤްތިޞާދީ ގޮތުން ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
ރިއެކްޝަންސް





