ޑީ.އެން.އާރުގެ ދައުރު ކުރިއަށް އޮތް ތަނުގައި އިތުރަށް ފުޅާވެގެންދާނެ: މިިނިސްޓަރު އިހްސާން
ކުރިއަށް އޮތް ދުވަސްތަކުގައި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީ.އެން.އާރު) ގެ ދައުރު އިތުރަށް ފުޅާވެ، މުޅި ނިޒާމު ސިވިލް ރަޖިސްޓްރޭޝަނަކަށް ބަދަލުކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިހެން ވިދާޅުވީ ޑީއެންއާރުގެ 42 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާއި ޤައުމަށް އަންނަ ކުރިއެރުންތަކާއެކު، ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރަންޖެހޭ މިންގަނޑުތައްވެސް ބަދަލުވަމުންދާނެ ކަމަށެވެ. އެހެންކަމުން، އަންނަ ކޮންމެ ބަދަލަކަށް މަރުޙަބާ ކިޔަން އަބަދުވެސް ތައްޔާރަށް ތިބެންޖެހޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފާއިތުވި ދޮޅު އަހަރު ދުވަހުގެ ތެރޭގައި ޑީއެންއާރުގެ ޚިދުމަތްތައް ރާއްޖޭގެ އެކިކަންކޮޅުތަކަށް ފުޅާކޮށް، ރައްޔިތުންނާ ގާތުން ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި މަސައްކަތުގައި ޑީއެންއާރާ މިވަގުތު ހަވާލުވެ ހުންނެވި ޑެޕިއުޓީ މިނިސްޓަރު އަޙްމަދު އާލީ އާއި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު އިސްމާޢީލް އިރުފާނު ކުރައްވާ ބުރަ މަސައްކަތަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
"ސަރުކާރުން އެދޭ ވަރަށް ވުރެވެސް ފުރިހަމައަށް މަސައްކަތްތައް ޑެލިވަރީ ކޮށްދެއްވާ. ހަމަ ޔަގީންނުންވެސް މި ކާމިޔާބީއަކީ ހުރިހާ މުވައްޒަފުން ކުރައްވާ ބުރަ މަސައްކަތް،" ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، އެ މުއައްސަސާއަށް އެކި ދުވަސްވަރު ޚިދުމަތް ކުރެއްވި ހުރިހާ ބޭފުޅުންނަށްވެސް ވަޒީރު ވަނީ ޝުކުރު ދަންނަވާފައެވެ.
1984 ވަނަ އަހަރު އުފެދުނު ޑީއެންއާރަކީ ރާއްޖޭގައި ސިވިލް ރަޖިސްޓްރޭޝަން ސިސްޓަމެއް ޤާއިމްކޮށް، ރަޖިސްޓްރޭޝަންގެ ކަންކަން ރެގިއުލޭޓް ކުރުމުގެ މެންޑޭޓް އޮންނަ ދައުލަތުގެ މުއައްސަސާއެވެ. އެ ދާއިރާގެ މަސައްކަތްތައް ޒަމާނާ އެއްގޮތަށް ބަދަލުކޮށް، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމާއި މައުލޫމާތު ބެލެހެއްޓުމުގެ ޚިދުމަތް ހަމަހަމަކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އެ މުއައްސަސާގެ އަބަދުވެސް އަމާޒެކެވެ.
ރިއެކްޝަންސް





