ފުޓްސަލް ކުޅުންތެރިންގެ މުސާރަ އާއި އިންޝުއަރެންސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަނީ

ފުޓްސަލް ކުޅުންތެރިންގެ މުސާރަ އާއި އިންޝުއަރެންސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަނީ

10 hours ago - 10:52
Advertisement
Advertisement

މި އަހަރު ބާއްވާ ކްލަބް މޯލްޑިވްސް ކަޕަކީ ރާއްޖޭގައި ބާއްވާ ގައުމީ ފެންވަރުގެ ފުޓްސަލް ލީގު ކަމަށް ކަނޑައެޅުމާއެކު، އަންނަ އަހަރުގެ ބަޖެޓުގައި ފުޓްސަލް ކުޅުންތެރިންގެ މުސާރާ އާއި އިންޝުއަރެންސް ހިމެނިގެންދާނެ ކަމަށް ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.


އެމްއެމް ޓީވީން ގެނެސްދިން "ބޮޑު ޚަބަރު" ޕްރޮގުރާމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ރާފިޢު ވިދާޅުވީ، ގައުމީ ފެންވަރުގައި ފުޓްސަލް މުބާރާތެއް ކުޅުމާއެކު ރަސްމީކޮށް ގައުމީ ޓީމެއް އެކުލަވާލެވިގެންދާނެ ކަމަށެވެ. އެހެންކަމުން، މި މުބާރާތް ރަސްމީ ސިފައެއްގައި ކުރިއަށްގެންދަން ފެށުމާއެކު، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ފުޓްސަލް ކުޅުންތެރިންނަށް ބޭނުންވާ މުސާރަ އާއި އިންޝުއަރެންސްގެ ކަންކަން ހިމަނުއްވާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.


މި ނިންމުމަކީ ދާދި ފަހުން ކްލަބް މޯލްޑިވްސް އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާ ދެމެދު ސޮއިކުރެވުނު މުހިންމު އެއްބަސްވުމެއްގެ ދަށުން އައި ބަދަލެކެވެ. އެ އެއްބަސްވުމުގެ ދަށުން ކްލަބް މޯލްޑިވްސްއިން ބާއްވާ "ކްލަބް މޯލްޑިވްސް ކަޕް" އަދި "18/30 ވިމެންސް ފުޓްސަލް ފިއެސްޓާ" އަކީ އެފްއޭއެމްއިން އެންޑޯސްކޮށްގެން ކުރިއަށްގެންދާ ރަސްމީ މުބާރާތްތަކަކަށް ވެގެންދާނެއެވެ.


އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤު ވިދާޅުވި ގޮތުގައި، މި މުބާރާތްތައް ރަސްމީކޮށް ފެށުމާއެކު ގައުމީ ފުޓްސަލް ޓީމެއް އެކުލަވާލެވޭނެއެވެ. އަދި އެހެން ކުޅިވަރުތަކުގެ ގައުމީ ޓީމުތަކެކޭ އެއްފަދައިން، ފުޓްސަލް ކުޅުންތެރިންނަށްވެސް މުސާރަ އާއި އެހެނިހެން އިނާޔަތްތައް ހަމަޖެހިގެންދާނެއެވެ. މީގެ އިތުރުން، އެފްއޭއެމްއިން ދޭ އަހަރީ އެވޯޑްތައް ދިނުމުގައިވެސް ބަލާނީ މި މުބާރާތުގެ ކުޅުމަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.


މި އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން އަތޮޅު، ޒޯން އަދި ސަރަހައްދީ ފެންވަރުގައި ބޭއްވުމަށް ނިންމާފައިވާ "އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕް" އަށް ބޭނުންވާ ފަންނީ އެހީތެރިކަން ކްލަބް މޯލްޑިވްސްގެ ފަރާތުން ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.


މިއީ ރާއްޖޭގެ ފުޓްސަލްގެ ކުރިމަގަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ކުޅިވަރުގެ ދާއިރާގެ މާހިރުން ދެކެއެވެ. މި ބަދަލާއެކު ފުޓްސަލް ކުޅުންތެރިންނަށް ޕްރޮފެޝަނަލް ފެންވަރުގައި ކުރިއަށް ދިއުމުގެ މަގު ތަނަވަސްވެގެންދާނެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement