ހުޅުމާލެ ފޭސް 1 ން ފިނޭންސް މިނިސްޓްރީން 94.5 މިލިއަން ރުފިޔާއަށް ބިމެއް ގަނެފި
ހުޅުމާލެ ފުރަތަމަ ފިޔަވަހިން 25،011 އަކަފޫޓުގެ ބިމެއް 94.5 މިލިއަން ރުފިޔާއަށް މިނިސްޓްރީ އޮފް ފިނޭންސްއިން ގަނެފިއެވެ.
މިނިސްޓްރީން ގަނެފައިވަނީ ހުޅުމާލޭގެ އިންޖީނުގެއާއި މަސް މާރުކޭޓު ހިމެނޭ ސަރަހައްދުގައި އޮތް ބިމެކެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މިލްކިއްޔާތުގައި އޮތް މި ބިމުގެ އަގަށްވާ ފައިސާ ފިނޭންސް މިނިސްޓްރީން މިހާރު ވަނީ އެއްކޮށް ދައްކައި ނިންމާފައެވެ.
މި މުއާމަލާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި، ބިން ރަޖިސްޓަރީ ކުރުމަށްޓަކައި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ކޯޓުން ވަނީ މިއީ ސައްހަ މުއާމަލާތެއް ކަމަށް ކަނޑައަޅައި، އެޗްޑީސީގެ މިލްކުވެރިކަމުގެ ދަށުން އެ ބިން ވަކިކޮށް ފިނޭންސް މިނިސްޓްރީގެ ދަށަށް ބިމުގެ މިލްކުވެރިކަން ބަދަލުކުރުމަށް ހުކުމްކޮށްފައެވެ.
މި ބިން ގަތީ ކޮން ސީދާ ބޭނުމަކު ކަމެއް ފިނޭންސް މިނިސްޓްރީން އަދި ހާމަކޮށްފައެއް ނުވެއެވެ. ދައުލަތުގެ ތަފާތު އެކި ބޭނުންތަކަށް ހުޅުމާލެއިން ބިން ނެގުމަށްފަހު ފައިސާ ދެއްކުމަކީ މީގެ ކުރިންވެސް ކުރަމުން އައިސްފައިވާ ކަމެކެވެ. އެގޮތުން، މި އަހަރުގެ ކުރީކޮޅުވެސް އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް) ގެ ކެމްޕަހެއް އިމާރާތްކުރުމަށްޓަކައި ހުޅުމާލެ ދެވަނަ ފިޔަވަހިން ބިމެއް ނަގައި، 69.7 މިލިއަން ރުފިޔާ ދައުލަތުން ވަނީ އެޗްޑީސީއަށް ދައްކާފައެވެ.
ރިއެކްޝަންސް





