ތިމަރަފުށީ ޓެރަރިޒަމް މައްސަލައިގައި ދައުވާ ސާބިތުނުވި މީހުންގެ މައްޗަށް މޮނިކޮން އަމުރަކަށް އެދިއްޖެ
ތ. ތިމަރަފުށީގައި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދީ އެފަދަ އަމަލުތަކެއް ހިންގަން ރޭވި ކަމަށް ބުނެ ދައުލަތުން އުފުލި ގިނަ ދައުވާތައް ސާބިތުނުވާ ކަމަށް ކަނޑައެޅި މީހުންގެ މައްޗަށް މޮނިކޮން އަމުރު ނެރެދިނުމަށް އެދި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހައިކޯޓަށް ހުށަހަޅައިފިއެވެ.
ކްރިމިނަލް ކޯޓުގައި ފަސް އަހަރު ދުވަހަށް ދެމިގެންދިޔަ މި ޝަރީއަތް މިދިޔަ ބުރާސްފަތި ދުވަހު ނިންމާލިއިރު، ދައުލަތުން ވަނީ މި މައްސަލައިގައި ތުހުމަތުކުރެވޭ 8 މީހެއްގެ މައްޗަށް ޖުމްލަ 7 ދައުވާއެއް އުފުލާފައެވެ.
މި މައްސަލައިގައި ދައުވާ އުފުލި މީހުންނަކީ:
އަބްދުﷲ ޝަރީފް (ފެހިވިދުވަރުގެ، ތ. ތިމަރަފުށި)
އަހުސަން މުހައްމަދު (އަސްރަފީވިލާ، ތ. ތިމަރަފުށި)
އަލީ މުނީޒް (އަސްރަފީވިލާ، ތ. ތިމަރަފުށި)
މުހައްމަދު އާސިރު (އަސުރުމާގެ، ތ. ތިމަރަފުށި)
ސަމާހް ޝަރީފް (ސައިމާ، ތ. ތިމަރަފުށި)
އަލީ އަރުހަމް މުހައްމަދު (ފެހިވިލާ، ރ. ކަނދޮޅުދޫ)
އަބްދުﷲ އިމާދު (ބީޗްހައުސް، ރ. މަޑުއްވަރީ)
އިބްރާހިމް ލޫތު (ރޯޒްމީޑް، ނ. ކުޑަފަރީ)
މި އެންމެންގެ މައްޗަށް ދައުވާ އުފުލި ނަމަވެސް، ކުށް ސާބިތުވެފައިވަނީ އަލީ މުނީޒާއި އަލީ އަރުހަމް މުހައްމަދާއި އަބްދުﷲ އިމާދު އަދި އިބްރާހިމް ލޫތުގެ މައްޗަށެވެ. އެގޮތުން އަލީ މުނީޒުގެ މައްޗަށް 1 އަހަރާއި 9 މަހާއި 1 ދުވަހުގެ ޖަލު ހުކުމެއް އަދި އަލީ އަރުހަމްގެ މައްޗަށް 3 އަހަރުގެ ޖަލު ހުކުމެއް އައެވެ. ނަމަވެސް ޝަރީއަތް ނިމެންދެން ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އިމާދާއި މުނީޒު އިތުރަށް ތަންފީޒުކުރަން ޖެހޭ އަދަބެއް ނެތެވެ.
އެހެންކަމުން، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން މި މީހުންގެ ހަރަކާތްތައް މޮނިޓާކޮށް ބެލެހެއްޓުމަށްޓަކައި ހައިކޯޓުން މޮނިކޮން އަމުރެއް ނެރެދިނުމަށް އެދި ހޯމް މިނިސްޓްރީން ވަނީ ހުށަހަޅާފައެވެ. ގާނޫނު ބުނާ ގޮތުން މިފަދަ އަމުރަކަށް އެދި ހުށަހަޅާތާ 24 ގަޑިއިރުގެ ތެރޭގައި ކޯޓުން ވަކި ގޮތެއް ނިންމަންޖެހޭއިރު، މިކަމާ ގުޅޭގޮތުން މިހާތަނަށް ކަމާބެހޭ އެއްވެސް އިދާރާއަކުން ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
މޮނިކޮން އަމުރަކީ ޓެރަރިޒަމްގެ ކުށްތަކާއި ބޮޑެތި ޖިނާއީ މައްސަލަތަކުގައި ތުހުމަތުކުރެވޭ، މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތް ކަމަށް ބެލެވޭ މީހުންނާއި ގޭންގު މެންބަރުންގެ ހަރަކާތްތައް މޮނިޓާކޮށް، ފިޔަވަޅު އެޅުމަށް ހައިކޯޓުން ނެރެދޭ ހާއްސަ އަމުރެކެވެ.
ރިއެކްޝަންސް





