
އިސްލާމީ ކުތުބުޚާނާ އަށް ތުއްތުކުދިންނަށް ޚާއްސަ ބަޔަކާއި އިސްލާމިކް ފައިނޭންސްއަށް ޚާއްސަ ބައެއް އިތުރުކުރެވޭނެ- މިނިސްޓަރ
އިސްލާމީ ކުތުބުޚާނާ އަށް ތުއްތުކުދިންނަށް ޚާއްސަ ބަޔަކާއި އިސްލާމިކް ފައިނޭންސްއަށް ޚާއްސަ ބައެއް އިތުރުކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ސަލްމާން މިސްކިތުގައި ރޭ އިސްލާމީ ކުތުބުޚާނާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވަޒީރު ޝަހީމް ވިދާޅުވީ މިއަދު ހުޅުވިގެންދިޔަ އިސްލާމީ ކުތުބުޚާނާ އިތުރަށް ތަރައްޤީ ކުރުމަކީ ވުޒާރާގެ އަމާޒެއްކަމަށެވެ.
ސަލްމާން ރަސްގެފާނު މިސްކިތުގެ ތިން ފަންގިފިލާގައި އިސްލާމީ ކުތުބުޚާނާ ތަރައްޤީކޮށް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ، ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިހާރު ޤާއިމްކޮށްފައިވާ އިސްލާމީ މަރުކަޒުތަކުގައި މިއަހަރުގެ ނިޔަލަށް އިސްލާމީ ކުތުބުޚާނާތައް ޤާއިމްކުރެވިގެންދާކަމަށެވެ. އެގޮތުން ރ. އުނގޫފާރު އިސްލާމީ މަރުކަޒުގައާއި، ތިނަދޫ ސިޓީ އިސްލާމީ މަރުކަޒުގައި އަދި އަލަށް ހުޅުވުމަށް ތައްޔާރުވަމުންދާ ހއ. ދިއްދޫ އިސްލާމީ މަރުކަޒުގައި އިސްލާމީ ކުތުބުޚާނާ ޤާއިމްކުރެވޭނެ ކަމަށެވެ. މީގެ އިތުރުން މި ކުތުބުޚާނާތަކަށް އެކުވެރި ޤައުމަކުން 60 ހާސް ފޮތް ހަދިޔާ ކުރެއްވުމަށް ނިންމަވާފައިވާކަމަން ފާހަގަކުރެއްވިއެވެ.
ސަލްމާން މިސްކިތުގެ ކުތުބުޚާނާ ހުޅުވީ 15،000 ފޮތާއެކުއެވެ. ވަޒީރު ވިދާޅުވީ، އިސްލާމީ ކުތުބުޚާނާ ހަޤީޤަތަކަށްވެ, މިއަދު ހުޅުވިގެން މިދަނީ ގިނަ ބައެއްގެ ބުރަ މަސައްކަތާއެކުކަމަށާއި މިކަމުގައި މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާކަމަށެވެ. ޚާއްޞަކޮށް މިއީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެއްކަން ފާހަގަކުރައްވާ ވިދާޅުވީ, ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިސްލާމީ ކުތުބުޚާނާ ޤާއިމްކުރުމުގެ މަސައްކަތް ބާރު ދުވެލީގައިކޮށް މިއަހަރުގެ ތެރޭގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިސްލާމީ ކުތުބުޚާނާތައް ހުޅުވިގެންދާނެކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މިސްކިތްތަކުގައި ލައިބްރަރީތައް ޤާއިމްކޮށް މިސްކިތްތަކަށް ދިރުން ގެނުވުމަށް ކުރަމުން ގެންދާ މަސައްކަތަކީ ސަރުކާރުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން ގެންދަވާ ކަމެއްކަމުގައެވެ. އިސްލާމީ ކުތުބުޚާނާގެ ރަސްމީކޮށް އިފްތިތާޙް ކުރެއްވުމަށް ހިލޭސާބަހަށް މަސައްކަތް ކުރެއްވި ޒުވާން ޚަޠީބުންނާއި ދަރިވަރުންނަށް އަދި ވުޒާރާގެ މުވައްޒަފުން ކުރެއްވި މަސައްކަތްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރާއްޖޭގެ ދީނީ ޢިލްމުވެރިންނަށް އެބޭފުޅުންގެ އަގުހުރި ފޮތްތައް ލައިބްރަރީއަށް ހަދިޔާކުރެއްވުމަށް ވަޒީރު ވަނީ ދަޢުވަތު ދެއްވާފައެވެ. އަދި ދިވެހި އަދީބުންގެ ފޮތްތައްވެސް ލައިބްރަރީއަށް ހަދިޔާކުރެއްވުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.
ރިއެކްޝަންސް






