
އަހަރެމެން ބަލަންތިބާ ކުޑަކުދިންގެ ގަބުރުސްތާނަކަށް ޣައްޒާ ހަދައިފި: އަންރްވާގެ އިސްވެރިޔާ
ޖީއެޗްއެފްގެ ނަމުގައި އޮޕަރޭޓްކުރާ މަރުގެ ދަންތުރަ ތަކުގައި 800 އަށްވުރެ ގިނަ މީހުން ވަނީ މަރާފައި
އިޒްރާއިލްއިން "އަނިޔާވެރި އަދި މަކިއަވެލިއަން ސްކީމެއްގެ" ދަށުންް ޣައްޒާ ހައިހޫނުކަމުގެ މައިދާނަކަށް ހަދާ, ކުޑަކުދިންގެ ގަބުރުސްތާނަަކަށް ޣައްޒާ ހަދާފައިވާ ކަމަށް އދ ގެ އެޖެންސީ ފޮރ ޕަލަޞްޠީނިއަން ރެފިއުޖީސް (އަންރްވާ) ގެ ވެރިޔާ ފިލިޕޭ ލަޒާރިނީ ވިދާޅުވެއްޖެއެވެ.
"އަހަރެމެން ބަލަންތިއްބާ ޣައްޒާ ހައިހޫނުކަމުގައި މައިދާނަކަށް އަދި ކުޑަކުދިންގެ ގަބުރުސްތާނަކަށް އިޒްރާއިލްއިން ބަދަލުކޮށްލައިފި. ޣައްޒާގެ ރައްޔިތުން ދާނެ ތަނެއް ނެތް. ހައިހޫނުކަމުގައި މަރުނުވިއްޔާ އެމީހުންގެ ބޮލަށް ބަޑިޖަހާ މަރާލާ. ޣައްޒާގެ ރައްޔިތުންނަށް އޮތް ދެ އޮޕްޝަނަކީ ވެސް މަރު" އެކްސްގައި ލަޒާރިނީ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވެއެވެ.
ލަޒާރިނީ މި ޕޯސްޓްކޮށްފައިވަނީ ޣައްޒާ ހިއުމެނިޓޭރިއަަން ފައުންޑޭޝަން (ޖީއެޗްއެފް)ގެ ދަށުން އެހީ ބެހުމުގެ ނަމުގައި ހަދާފައިވާ ތަނަކަށް އެއްވެފައި އޮތް މީހުންނަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ޝަހީދުވި 15 މީހުންނަކީ ހުސް އަންހެނުންނާއި ކުޑަކުދިންކަމަށް ވުމާ ގުޅިގެން ކޮށްފައިވާ ޕޯސްޓެކެވެ.
އެދުވަހު އެކަނިވެސް އެހީ ބެހުމުގެ ނަމުގައި ކުރިއަށް ގެންދިޔަ ތަންތަނަށް ދިން ހަމަލާތަކުގައި 45 މީހަކު ވަނީ ޝަހީދުވެފައި ކަމަށް ޣައްޒާގެ ސިއްހީ މަސްދަރުތަކުން ބުނެފައި ވެއެވެެ.
އެމެރިކާ އާއި އިޒްރާއިލް ގުޅިގެން ޖީއެޗްއެފް ވުޖޫދުކުރުމަށްފަހު އދ ން ޣައްޒާގައި ހިންގާ އެހީ ބެހުމުގެ ހަރަކާތްތައް އެއްކޮށްހެން ވަނީ ހުއްޓުވާފައެވެ. ޣައްޒާއަށް އިޒްރާއިލްއިން އެތެރެކުރާ މަދު އެހީ ހަމައެކަނި ދަނީ ޖީއެޗްއެފްއަށެވެ. ކުރިން މުޅި ޣައްޒާގައި އެހީގެ ހަރަކާތްތައް ހިންގި އަންރުވާ އެއްފަރާތްކޮށް ޖީއެޗްއެފްއިން އެހީ ބެހުމުގެ ނަމުގައި ހިންގާ ޖަރީމާތަކާމެދު މުޅި ދުނިޔެ ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މެއި މަހުގެ ފަހުކޮޅުން ފެށިގެން އޮޕަރޭޓްކުރަންފެށި ޖީއެޗްއެފްގެ ސައިޓްތަކުގައި އެހީލިބިގަތުމަށް އެއްވާ މީހުންނަށް ދިން ހަމަލާތަކުގައި އެކަނިވެސް މިހާތަނަށް ވަނީ 819 ފަލަޞްޠީނުގެ ރައްޔިތުން ޤަތުލްކޮށްފައި ކަމުގައި އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގަޓަރޭސް ހުކުރު ދުވަހު ވަނީ ވިދާޅުވެފައެވެ.
ރިއެކްޝަންސް






