
ޣައްޒާގެ ބިމުގެ %86 އިޒްރާއިލްގެ ބާރުގެ ދަށުގައި, އިއްޔެވެސް 100 އަށްވުރެ ގިނަ މަރު
އެކި ސަރަހައްދުތަކުން މީހުން ހުސްކުރުމަށް ޔަހޫދީ ސިފައިން ނެރެފައިވާ އަމަރުތަކާއެކު ޣައްޒާގެ ބިމުގެ86.1 އިންސައްތަ މިހާރު އޮތީ އިޒްރާއިލްގެ އަސްކަރިއްޔާގެ ފުރިހަމަ ބާރުގެ ދަށުގައި ކަމުގައި އދ ން ބުނެފިއެވެެ. ޣައްޒާގައި މިވަގުތު އަސްކަރިއްޔާގެ ފުރިހަމަ ކޮންޓްރޯލް ނެތި އޮތީ އަލް-މަވާސީ ސަރަހައްދުގައެވެ. ނަމަވެސް އިއްޔެވެސް ޔަހޫދީ ސިފައިން ވަނީ އަލް-މަވާސީ އަށް އަރައިގަނެ ޓެންޓްތައް ވީދާ އެފުށް މިފުށަށް ޖަހާފައެވެ.
އިއްޔެ ޣައްޒާގެ އެކި ސަރަހައްދުތަކުގައި ގިނަ ޤަތުލްއަކެއް ވަނީ ހިންގާފައެވެ. ހަމަލާތަކުގައި 100 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާކަމަށް ޣައްޒާގެ ސިއްހީ މަސްދަރުތަކާ ހަވާލާދީ އަލްޖަޒީރާއިން ވަނީ ބުނެފައެވެ.
ރޭ ދަންވަރު އުރުތުގެ ބެއިޓް ހަނޫންއަށް 40 ށް ހަމަލާ އިޒްރާއިލްގެ ޖެޓުތަކުން ދިންކަމަށްވެސް އަލްޖަޒީރާއިން ވަނީ ބުނެފައެވެ. ބެއިތް ހަނޫންއަކީ ފާއިތުވި ހަފްތާގައި އިޒްރާއިލްގެ ސިފައިންގެ ފަސް މީހަކު މަރާލާފައިވާ ސަރަހައްދެކެވެ.
ރަފަޙްގައި އިޒްރާއިލް އާއި އެމެރިކާއިން ގާއިމްކޮށްފައިވާ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) ގެ އެހީ ބަހާ ޕޮއިންޓްތަކަށް އިޒްރާއިލްއިން ދިން ހަމަލާއެެއްގައި އެސަރަހައްދުން 34 މީހަކު ޝަހީދުވެފައިވާ ކަމަށް ޣައްޒާއިން އަލްޖަޒީރާގެ ތާރެގް އަބޫ-އަޒޫމް ރިޕޯޓްކޮށްފައިވެއެވެ.
ޣައްޒާގައި ޖީއެޗްއެފް އިން އެހީ ބަހަމުން އައި އެހެންތަންތަން ބަންދުކޮށް ހަމައެކަނި ރަފަޙްގައި އެހީބެހުން ކުރިއަށްދާއިރު އެހެން ސަރަހައްދުތަކުގެ ރައްޔިިތުންނަށް ވަނީ އެހީ ބޭނުންނަމަ ރަފަހްއަށް ދިއުމަށް މަޖުބޫރު ކުރުވާފައެވެ.
މަންޒަރުދުށް މީހުންނާ ހަވާލާދީ އަލްޖަޒީރާއިން ބުނިގޮތުގައި މިއަދު ރަފަޙްގައި އެހީ ލިބިގަތުމަށް ގޮސް ތިބި މީހުންނަށް ހަމަލާދިނީ އެމީހުންވަށާލުމަށްފަހު ބަންދުކޮށްލައިގެންނެވެ. ހައިހޫނު ކަމުގައި އެއްވެސް ގޮތެއްނެތި ތބި މީހުންނަށް އަމާޒުކޮށް ހަމަލާދިނީ އެއްވެސް އިންޒާރެއްދިނުމެއްވެސް ނެތި ކަމަށް އެމީހުން ބުނެފައިވާކަމަށް އެނޫހުގައި ރިޕޯޓްކޮށްފައި ވެއެވެ.
ޖީއެޗްއެފް އޮޕަރޭޓްކުރަންފެށި ފަހުން އެހީލިބިގަތުމަށް ގޮސްތިބޭ މީހުންނަށް އަމާޒުކޮށް އިޒްރާއިލް އިން ދިން ހަމަލާތަކުގައި މިހާތަނަށް 800 އަށްވުރެ ގިނަ މީހުންވަނީ ޝަހީދުކޮށްލާފައެވެ.
ރިއެކްޝަންސް






