ޣައްޒާއާ 40 މޭލު ބޭރުން ހަންޑަލާއަށް އަރައިގަނެ އިޒްރާއިލްއިން އޭގައިތިބި 21 ވޮލަންޓިއަރުން ވަގަށްނަގައިފި
ހަންޑަލާގެ ކެމެރާތަކުން އެންމެ ފަހުން ލިބުނު ވީޑިއޯގެ ސްކްރީން ޝޮޓެއް. ފޮޓޯ: އެފްއެފްސީ

ޣައްޒާއާ 40 މޭލު ބޭރުން ހަންޑަލާއަށް އަރައިގަނެ އިޒްރާއިލްއިން އޭގައިތިބި 21 ވޮލަންޓިއަރުން ވަގަށްނަގައިފި

ހަނޑަލާއަށް ހަމަލާދިނީ ބައިނަލްއަޤުވާމީ ކަނޑުގެ ސަރަހައްދުން

8 hours ago - 05:33
Jul 27, 2025 - 06:19

އިންސާނީ އެހީއާއެކު ޣައްޒާއަށް ދަތުރުކުރަމުންދިޔަ ފްރީޑަމް ފްލޮޓީލާ ކޯލިޝަން (އެފްއެފްސީ) ގެ ބޯޓު 'ހަންޑަލާ" ޣައްޒާ އާ 40 މޭލު ކައިރިން ބައިނަލްއަޤުވާމީ ކަނޑުގެ ސަރަހައްދުން އިޒްރާއިލްއިން ބޯޓަށް އަރައިގަނެ އޭގެން ދަތުރުކުރި 21 ފަޅުވެރިން ވަގަށްނަގައިފިއެވެ. 

އަނިޔާވެރިކޮށް ބޯޓަށް އެތައް ސިފައިންނެއް އަރައިގަނެ ފުރަތަމަވެސް އެމީހުންވަނީ ބޯޓުގައި ހުރި ކެމެރާތަކާއި މުވާސަލާތީ އާލާތްތަކުގެ ގުޅުންކަނޑާލާފައި ކަމުގައި އެފްއެފްސީން އެކަމާ ގުޅިގެން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ. އިޒްރާއިލްއިން ހަންޑަލާއަށް އަރައިގަތީ ޣައްޒާގެ ގަޑިން 23:45 (ރާއްޖެ ގަޑިން މެންދަމު 01:45) ހާއިރުއެވެ.

ހަތިޔާރެއްނެތި ދަތުރުކުރަމުންދިޔަ ބޯޓުގައި ތިބީ 12 ގައުމެއްގެ 19  ވޮލަންޓިއަރަކާއި އަލްޖަޒީރާގެ 2 ނޫސްވެރިން ހިމެނޭހެން 21 އާންމުންނެވެ. އޭގެތެރޭގައި ޤާނޫނުހަދާ މަޖިލީހުގެ މެމްބަރުންނާއި, ޤާނޫނީ ވަކީލުންގެ އިތުރުން ދެން ހިމެނެނީ އިންސާނީ ހައްޤުތަކުގެ ދިފާއުގައި މަސައްކަތްކުރާ ފަރާތްތަކެވެ.

ބޯޓު ޣައްޒާއަށް ދަތުރުކުރަމުންދިޔައީ ހައިހޫނުކަމުގައި ބަނޑައްޖައްސުވާފައިވާ ޣައްޒާގެ ކުޑަކުދިންނަށް ބޭނުންވާ ބޭބީ ފޯމިއުލާ އާއި ބޭހުގެ އިތުރުން ފުރާނަ ސަލާމަތްކުރަންބޭނުންވާ ޒަރޫރީ އިންސާނީ އެހީއާއެކުއެވެ. 

Advertisement
Advertisement

18 އަހަރު ވަންދެން ޣައްޒާ އެެއްގަމާ ކަނޑުގެ މަގުން ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމުގެ އަޒުމުގައި ދަތުރުކުރި މި ބޯޓްވެސް އިޒްރާއިލް ވަނީ ފޭރިގަނެފައެެވެ. މިއީ ބައިނަލްއަޤުވާމީ ކަނޑުތަކުގެ ޤާނޫނާ ހިލާފަށް އިޒްރާއިލްއިން އަނެއްކާވެސް ހިންގި ޖަރީމާއެއްކަމަށް އެފްއެފްސީން ވަނީބުނެފައެވެ.

ބޯޓު ފޭރިގަތުމުގެ 45 މިނިޓްހާއިރު ކުރިން ބޯޓުން ވަނީ އިޒްރާއިލްގެ އަސްކަރިއްޔާއިން އެމީހުން ފަހަތުން އަންނާތީ މިޞްރުގެ ބަނދަރަކަށް ކައިރިކުރުމުގެ ހުއްދައަށް އެދި އެތައްފަހަރަކު މިޞްރުގެ ސައިނާއީ ޕެނިންސިއުލާގެ އަލް-އާރިޝް ބަނދަރާ މުއާމަލާތް ކުރަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ބަނދަރުން އިޖާބަ ދީފައެއް ނުވެއެވެ.

އޭގެ ފަހުން ބޯޓުން ވަނީ އިޒްރާއިލްގެ އަސްކަރިއްޔާ އާ މުއާމަލާތްކޮށް މި ބޯޓުގައި ތިބީ ޣައްޒާއަށް ޒަރޫރީ އިންސާނީ އެހީ ހިފައިގެން ދާ އާންމުންކަމަށް ބުނެ, ބޯޓަށް އަރައިގަތުމަކީ ބައިނަލްއަޤުވާމީ ޤާނޫނާ ހިލާފްވުންކަމަށްބުނެ އިންޒާރު ދީފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow