
ހައިހޫނުކަމުގައި ނިއުޓްރިޝަން މަދުވެފައިވާ ޣައްޒާގެ ރައްޔިތުންގެ ހާލަތާއެކު ޑޮކްޓަރުން ހިތްހަލާކުވެފައި
އިޒްޜާއިލްއިން އަންނަނީ ފުރާވަރު އުމުރުގެ ފިރިހެން ކުދިންގެ ވަކި ގުނަވަންތަކަށް އަމާޒުކޮށް ބަޑިވެސް ޖަހަމުން
އިޒްރާއިލްއިން ބަނޑައް ޖައްސާފައިވާ ޣައްޒާގައި ހައިހޫނު ކަމުގައި ނިއުޓްރިޝަން މަދުވެ މަރުވަމުންދާ ތުއްތު ކުދިންނާއި ބޮޑެތި މީހުން ފެނި ހިތްހަލާކުވެފައިވާކަމަށް ޣައްޒާގައި މަސައްކަތްކުރާ ޑޮކްޓަރުން ބުނެފިއެެވެ.
ޣައްޒާގެ ދެކުނުގައި އަލް ނެސެރް ހޮސްޕިޓަލްގައި މަސައްކަތްކުރާ އިނގިރޭސިވިލާތުގެ ސާޖަރީ ޑޮކްޓަރު ނިކް މޭނާޑް ވިދާޅުވީ ނިއުޓްރިޝަން މަދުވެގެން ދިމާވާ ހާލަތްތަކުގައި ކޮންމެދުވަހަކު އެތައް ކުދިންނެއް އެހޮސްޕިޓަލަށް ގެނެވޭކަމުގައެވެ.
އިނގިރޭސި ވިލާތުގެ އޮކްސްފަރޑް މެދުވެރިކޮށް އަލްޖަޒީރާ އާ ވާހަކަދައްކަމުން ޑޮކްޓަރ މޭނާޑް ވިދާޅުވީ އޭނާއާއެކު މަސައްކަތްކުރާ ޑޮކްޓަރުން އެމީހުން އައިއިރު ޣައްޒާއަށް ގެނައި ތުއްތުކުދިންގެ ފޯމިއުލާތައްވެސް އިޒްރާއިލްއިން ހިފަހައްޓާފައިވާ ކަމަށެވެ. އަދި ޣައްޒާއިން ބޭބީ ފޯމިއުލާ މިހާރު އެއްކޮށްހެން ހުސްވެފައިވާކަމަށް ވެސް ޑޮކްޓަރާ ހަވާލާދީ އަލްޖަޒީރާގައި ބުނެފައި ވެއެވެ.
"އަލް ނަސެރް ހޮސްޕިޓަލްއަށް ބޭބީ ފޯމިއުލާއެއް ނުލިބާތާ އެތައް މަހެއްވެއްޖެ މިހާރު. އަހަންނަށް އެނގޭ އެމެރިކާގެ ބައެއް ޑޮކްޓަރުން މި ފަހުން ޣައްޒާއަށް އައިއިރު އެމީހުން ކޮންމެވެސް ވަރަކަށް ބޭބީ ފޯމިއުލާ ގެނައި. އެކަމަކު އެމީހުންގެނައި ބޭބީ ފޯމިއުލާ ކާޓަންިތައް އިޒްރާއިލްއިން ވަނީ ހިފަހައްޓާފައި" މެނާޑް ވިދާޅުވިއެވެ.
މޭނާޑް އިތުރަށް ވިދާޅުވީ ޑޮކްޓަރުން ގެނައި ބޭބީ ފޯމިއުލާ ހިފެހެއްޓަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށާއި, މިއީ ގަސްތުގައި ޣައްޒާގެ ތުއްތު ކުދިން މެރުމަށް އިިޒްރާއިލްއިން ރާވާފައިވާ ގޮތްކަމަށެވެ.
ޑޮކްޓަރު އިތުރަށްވަނީ ބަޑީގެ ހަމަލާތައް އަމާޒުވެގެން ގިނަ އަދަދެއްގެ ފުރާވަރުގެ ކުރިން ފަރުވާ ހޯދަން އަންނަކަމަށްވެސް ވިދާޅުވެފައެވެ. އަދި އެކުދިންގެ ހަށިގަނޑުގެ ވަކި ގުނަވަންތަކަކަށް އަމާޒުކޮށް ބަޑިޖަހާފައިވާކަން ވެސް ޑޮކްޓަރު ވަނީ ފާހަގަކޮށްފައެވެ.
"10 ނޫނީ 12 ވަރަކަށް އަހަރު ޒުވާން ފިރިހެންކުދިން އާދޭ. އެއްދުވަހު ބޮލަށާއި ކަރަށް. އަނެއްދުވަހު މެއަށް ނޫނީ ބަނޑަށް ބަޑިޖަހާފައި ހުންނަ ޒަހަމްތަކާއެކު. އަހަރެން ވަރަށް ރަނގަޅަށް ހަނދާން އެބަހުރި މީގެ ދެ ހަފްތާކުރިން އައި 13 އަހަރާއި 15 އަހަރާ ދެމެދުގެ 4 ކުދިން. އެ ހަތަރު ކުދިންގެ ވެސް ޓެސްޓިކަލްސްއަށް ވަނީ ބަޑިޖަހާފައި. އެ ޕެޓާން އަހަރެމެން އެބަ ފާގަކުރަން. ވަކި ގުނަވަނަކަށް އަމާޒުކޮށް ބަޑިޖަހާފައި ހުންނަ" ޑޮކްޓަރު ވިދާޅުވެފައި ވެއެވެ.
ރިއެކްޝަންސް






