
އިންސާނީއެހީ ޣައްޒާއަށް ވަނުން ހުއްޓުވާފައި 19 ވަނަ ދުވަސް, ހަމަލާތައް ފެށުމާއެކު ޣައްޒާ މަރުގެ ތުންފަތް މަތީގައި, ދުޢާކޮށްދީ!
އިޒްރާއިލްގެ ނުބައި ނުލަފާ ސަޙްޔޫނީން ޣައްޒާއަށް އިންސާނީ އެހީ ވަނުން ހުއްޓުވާފައި އޮންނަތާ މިއަދަށް 19 ދުވަސްވެފައިވާއިރު އިޒްރާއިލްއިން މިވަނީ ޣައްޒާޤަތުލްއާންމު އަލުން އަލުންފަށާފައެވެ. އަންގާރަ ދުވަހު ފަތިސްނަމާދަށްފަހު ޣައްޒާގެ ރައްޔިތުން ނިދާ, ޣައްޒާގެ ޖައްވު ހަމަހިމޭންވެފައިވާ ވަގުތެއްގައި ސަޙްޔޫނީންގެ ވައިގެ ހަމަލާތައް ޣައްޒާގެ އެކިހިސާބުތަކަށް އަމާޒުވެގެން ދިއުމާއެކު 24 ގަޑިއިރުގެ ތެރޭގައި 400 މީން ޝަހީދުވިއެވެ.
އިޒްރާއިލްއިން ޣައްޒާއަށް އިންސާނީ އެހީ ވަނުން އެއްކޮށް ހުއްޓުވާ, އޭގެފަހުން ވަނީ ޣައްޒާގެ ޑީސަލިނޭޝަން ޕްލާންޓްތަކުން ކަރަންޓްވެސް ކަނޑާލާފައެވެ. ޑީސަލިނޭޝަން ޕްލާންޓްތަކަކީ ޣައްޒާގެ ރައްޔިތުން ސާފު ބޯފެނަށް ބަރޯސާވާ ހަމައެކަނި ވަސީލަތެވެ. އެހެން ކަމުން އިންސާނީ އެހީ ވަނުން ހުއްޓުވުމާއި އެކު ބޯފެން ޣައްޒާއަށް ލިބޭނެ މަގުވެސް ސަޙްޔޫނީން ވަނީ ޣައްޒާއަށް ބަންދުކޮށްފައެވެ. މިއާއެކު ކިޑްނީފަދަ ބަލިތައް ތަހައްމަލްކުރަމުންދާ ފަރާތްތަކުން ދަނީ ބަލީގެ ތަކްލީފް އިންތިހާއަށް އުފުލަމުންނެވެ.
މިއާއެކު އިޒްރާއިލްގެ އަސްކަރިއްޔާއިން ޣައްޒާގައި ހިންގަމުންދިޔަ ޤަތުލްއާންމު އެއްބަސްވުމެއްގެ ދަށުން މެދުކަނޑާލާފައި އޮތުމަށްފަހު އެއްވެސް އިންޒާރެއްނެތި ރަމަޞާން މަހުގެ މި ބަރަކާތްތެރި މައްސަރުގައި ވަނީ އަލުންފަށާފައެވެ. ހަމާލާތައް ދެވަނަ ދުވަހަށް ކުރިއަށްދާއިރު މިހާތަނަށް 500 އާ ކައިރިކުރާ އަދަދަކަށް ޣައްޒާގެ ރައްޔިތުން ވަނީ ޝަހީދުވެފައެވެ. އަދި ހާހެއްހާ ރައްޔިތުން ފާއިތުވި ދެދުވަހު އެކަނިވެސް ޒަޙަމްވެފައިވާއިރު 16 މަސްދުވަހުގެ ހަމަލާތަކާއެކު ސުންނާފަތިވެފައިވާ ހޮސްޕިޓަލްތަކާއެކު ޣައްޒާގެ ސިއްހީ ނިޒާމުގައި ޒަހަމްވެފައިވާ ފަރާތްތަކަށް ފަރުވާކުރެވޭނެ ގޮތެއްނެތެވެ.
"އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިވާނަމަ ޣައްޒާގެ އެއްވެސް ހޮސްޕިޓަލަކުން އެމީހުންނަށް ފަރުވާކުރެވޭނެ ހަމަ އެއްވެސް ގޮތެއްނެތް" ޣައްޒާގެ ހެލްތް މިނިސްޓްރީގެ ދަށުން ހޮސްޕިޓަލްތަކުގެ ކަންތައްތައް ބަލަހައްޓަމުންދާ ޑިރެކްޓަރު މަރްވާން އަލް-ހަމްސް އަލްޖަޒީރާއަށް ބުނެފައިވެއެވެ.
ހަމާލާތައް އަލުންފެށުމާއެކު ޒަޙަމްވެފައިވާ މީހުންތަކުން ޣައްޒާގެ ހޮސްޕިޓަލްތައް މިހާރުވެސް އޮތީ ފުރިބާރުވެފައެވެ. ނަމަވެސް ޣައްޒާގައި އެންމެ އާދައިގެ ބޭސް ނުވަތަ ސިއްހީ އެއްވެސް ސާމާނެއްވެސް މިހާރު ލިބޭކަށްނެތެވެ.
މިއަދު އަހަރެމެންނަށް އޮތީ ޣައްޒާއަށްޓަކައި އަދި އުއްމަތަށްޓަކައި ލޭއޮރެމުންދާ ފަލަޞްޠީނުގެ ރައްޔިތުންނަށްޓަކައި ކީރިތި الله ގެ ހަޟްރަތުގައި ދެންނެވުމެވެ. އަހަރެމެންގެ ހަމަ ކޮންމެ ދުޢާއެއްގައި ފަލަޞްޠީނުގެ ލޮބުވެތި ރައްޔިތުން ޝާމިލްކުރުމެވެ. އެބައިމީހުންނަށް އިންތިހާ ދަރަޖައިގެ ކެއްތެރިކަން ދެއްވުމަށްއެދިއެވެ. އެމީހުންގެ ކެކުޅުމަށް ފަސޭހަކަމާއި ތަސައްލީ ދެއްވުމަށް އެދިއެވެ. ސަޙްޔޫނީންގެ ނުބައިކަމުން ފަލަޞްޠީނުގެ ރައްޔިތުން ތާއަބަދަށް މިނިވަންކޮށްދެއްވާތޯ ތަކުރާރުކޮށް ދެންނެވުމެވެ.
ރިއެކްޝަންސް






